15 މެއި 2021 - 16:18

މާދަމާ އިން ފެށިގެން ބީއެމްއެލް ހުޅުވައިގެން މި ހަފުތާގައި ހިދުމަތް ދޭނީ ތިން ދުވަހު ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބޭންކުތަކުން ހިދުމަތްދޭ ގޮތަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.
ބީއެމްއެލް އިން ބުނީ، ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލޫތަކާއި އެމްއެމްއޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން މި ހަފުތާގައި ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
ބޭންކް ހުޅުވާފައި ހުންނަ ވަގުތުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރާނެ އެވެ.
މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީއެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަން ޖެހެ އެވެ. ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް ބީއެމްއެލް އިން އެދެ އެވެ.
އެކައުންޓް އޯޕެނިން ސެންޓަރާއި ލޯން ސެންޓަރާއި އަދި ބިޒްނަސް ސެންޓަރުތަކުން ބީއެމްއެލް އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށެވެ. މި ހިދުމަތްތަކަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހައްދަން ޖެހެ އެވެ.