އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ފަސްކޮށްފި
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ފަސްކޮށްފި

މި މަހުގެ ފަހުކޮޅު ބާއްވަން އޮތް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު މިއަދު ފަސްކޮށްފި އެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިހާބު ފަސްކުރީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ ފަރުވާ ދެމުންދާތީ ކަމަށެވެ.

އެހެންވެ، މި ފަދަ ވަގުތެއްގައި ދާއިރާތަކުގެ އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ބުުންޏެވެ.

އެ އިންތިހާބު ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަނޑައަޅައި އިއުލާނު ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"އިންތިހާބު ފަސްކޮށްފައިވީ ނަމަވެސް އިންތިހާބާ ގުޅޭގޮތުން ޕާޓީން މި ވަގުތަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވެސް ދެންނެވީމެވެ،" އިއުލާނުގައި ވެ އެވެ.

އެތެރޭގެ އިންތިހާބު އެމްޑީޕީން ފަސްކުރިއިރު، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވާޗުއަލްކޮށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިޚާބެއްގައި ވެސް ވާދަވެރިކަން ބޮޑު ކަމަށާއި ޕާޓީގެ އެއްބައިވަންތަކަން ވަރުގަދަކުރުން މުހިންމު ވެފައިވާ މި ވަގުތު އިންތިޚާބު ބޭއްވުމާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

"މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ބަދަހި ކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެންކަމުން މި އިންތިހާބު މި ވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެ ވިސްނާލުން ބުއްދިވެރި،" ރައީސް ވިދާޅުވި އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވައިލާނެ އެވެ. ވޯޓުލުމުގެ ހައްގު، އެ ޕާޓީގެ ދަފުތަރުގައި ހިމެނޭ 93،354 މީހަކަށް ލިބޭނެ އެވެ.