15 މެއި 2021 - 13:56

މެއި 4 ވަނަ ދުވަހާ ގުޅޭ
ޖެހިގެން އައީ އާދިއްތަ ދުވަހެވެ. އޮފީހަށް ދާން ނުދާން ހުރެ އޮފީހަށް ދާން ތައްޔާރުވީމެވެ. ކުރިން ހަފުތާގައި ދިމާވި ކަންތަކާ ހެދި ބޮލުގައި ރިއްސާތީއެވެ. ބުރާސްފަތި ދުވަހު އޮފީހަށް ނުދިޔައީ ވެސް އެހެންވީމައެވެ.
އެކަމަކު ކޮންމެ ދުވަހަކު ސަލާން ބުނުމަކީ ވެސް ހައްލަކަށް ނުވާނެއޭ ހިތަށް އެރިއެވެ. އެހެންވެ، ގަޑިއަށް ބަލަމުން އަވަސް އަވަސްކޮށްލައިގެން އަހަރެން ބޭރަށް ނުކުތީމެވެ. ޝިޔާޒު އަހަރެން ބަލައި އަންނަނީ ކަމަށް ބުނުމުންނެވެ. އަހަރެން ބޭރަށް ނުކުމެ ބަލައިލިއިރު އެހެންޏާ ވެސް މަޑުކޮށްލައިގެން އިންނަ ތަނުގައި ޝިޔާޒު މަޑުކޮށްލައިގެން އިނެވެ. އެހެންވެ އަވަހަށް ގޮސް ސައިކަލްގެ ފަހަތަށް އެރީމެވެ. ޝިޔާޒު އަހަންނާ ދިމާ ބަލައިލިހެން ހީވިއެވެ. ނަމަވެސް އަހަރެން އެކަމާ އަޅައެއް ނުލަމެވެ. އަދިވެސް މި އިނދެވެނީ ޖެހިލުން ވެފައެވެ. ޝިޔާޒު އެއްޗެކޭ ބުނެފާނެތީއެވެ. އޭނާ ހިތަށް އަރުވާނެ އެއްޗެއް ނޭނގޭތީއެވެ.
"ގަޑިޖެހެނީއޭ އަވަސް.." ނުތަނަވަސް ވެފައިވާ ހިތަކައިގެން އިނދެ އަހަރެން ބުނެލީމެވެ.
"ކޮންތާކަށް ދާންވީ؟" ޝިޔާޒުގެ އަޑު ހުރީ ތަފާތުކޮށް ހެން ހީވިއެވެ.
އަހަރެން ހީކުރީ އޭނާ ހިތްހަމަ ނުޖެހިފައި އިނީ ކަމަށެވެ. ޝިޔާޒުގެ ލުއި އަޑުގައި އެހައި ބަރު ރާގެއް ހުރީ އެހެންވީމައޭ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ޝިޔާޒު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަންނަށް އިސްޖަހައިލެވުނެވެ. ކުރިން ދިމާވެފައިވާ ކަންކަމާ ހިތްހަމަ ނުޖެހި ހުރިހެން ހީވެގެންނެވެ. އަދިވެސް އެ ކުނިތައް ސާފު ނުވާހެން ހީވާތީއެވެ.
"އަހަރެން ގަޑި ޖައްސުވަންތަ ބޭނުމީ؟" ހިތްހަމަ ނުޖެހެވި އިނދެ ބުނެލެވުނެވެ.
ޝިޔާޒު ސައިކަލް ސްޓާޓްކޮށްލިއެވެ. އަހަންނަށް ޝިޔާޒުގެ އުނަގަނޑުގައި އަތް އަޅުވާލެވުނެވެ. އޭނާގެ ހިތަށް ތަސައްލީއެއް ދެވޭތޯ އޭނާގެ ގަޔާ ކައިރިވެލެވުނެވެ. ޝިޔާޒު އެންމެ ހިތްހަމަ ޖެހޭ ގޮތަށް ފަހަތުން އޭނާގެ ގައިގައި ބައްދައިލީމެވެ.
"ކޮންތާކަށް ދާންވީ؟" ޝިޔާޒުގެ ބަރު އަޑު ކަންފަތާ ހަމައަށް ފޯރީ މަޑުމަޑުންނެވެ.
"އަޖައިބު. އަހަރުމެންގެ އޮފީސް ހުންނަނީ ހެންވޭރު ދަނޑު ކައިރީގައެއް ނޫންތަ؟ އަނެއްކާ އަހަރެން ސަލާމް ބުނީމަ އޮފީސް ވެސް އެހެން ތަނަކަށް ބަދަލުވީތަ؟"
އޮފީހުގެ ނަމާއި ދާންވީ ތަން އަހަރެން ދެވަނަ ފަހަރަށް ތަކުރާރުކޮށްލީމެވެ. ޝިޔާޒު ބަހެއް ވެސް ނުކިޔާ މަޖީދީމަގުން ކުރިއަށް ދުއްވަމުން ދިޔައެވެ. އަހަންނަށް އާދަޔާ ޚިލާފު މީރުވަހެއް ދުވާހެން ހީވިއެވެ. އެހެންޏާ ޝިޔާޒުގެ ގައިން ނުދުވާ ސެންޓެއްގެ ވަސް ދުވާތީ އޭނާގެ ބުރަކަށީގައި ނޭފަތް ޖައްސާލެވުނެވެ. އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ހީވީ ރަނގަޅަށެވެ. އެއީ ކުރީން ޝިޔާޒު ޖަހާ ސެންޓެއްގެ ވަހެއް ނޫނެވެ. ދެވަނަ ސިކުންތުގައި ހިނިތުންވެވުނެވެ. އޭނާ ބޭނުންކުރާ ސެންޓު ބަދަލުކޮށްލީއޭ ހިތް ބުނެލިއެވެ. އެހެންވެ އޭނާގެ ގަމީހުގައި ނޭފަތް ޖައްސާލައިގެން އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެ ވަހުގެ އަވައިގައި ޖެހި ހިތް ތޮރުފެމުން ދިޔައެވެ. އެއީ ހާދަ ތަފާތު ވަހެކެވެ. ހިތްދީވާނާ ކޮށްލައިފަދަ އަޖައިބެއް ފަދަ ވަހެކެވެ. އަހަންނަށް ހީވީ އުދުހެވޭހެންނެވެ. ޝިޔާޒުގެ އަތުގައި ހިފައިގެން ފަޒާގެ ތެރޭގައި ނެށޭހެންނެވެ.
ކުއްލިއަކަށް ސައިކަލް މަޑުކޮށްލިއެވެ. އަހަންނަށް ލޯ ހުޅުވާލެވުނެވެ. ޝިޔާޒުގެ ހަރަކާތްތަކުގައި ތަފާތު ގޮތެއް ހުރިހެން ހީވިއެވެ. ކުރިން އޭނާ ސައިކަލް ޕާކު ކުރާނީ ޒޯނުގައެވެ. ނަމަވެސް މިއަދު އޭނާ މަޑުކޮށްލީ އޮފީސް ކުރިމައްޗަށެވެ. ސުވާލުތައް ބޮލަށް ލައިގެން އަހަރެން ސައިކަލުން ފޭބީމެވެ.
ޝިޔާޒު ފުން ނަޒަރަކުން އަހަންނާ ދިމާ ބަލައިލިއެވެ. ޝިޔާޒު ވެސް ހައިރާންކަމާއެކު ބަލައިލީ އަހަރެންގެ ކަނާއަތް ފަރާތަށެވެ. އަހަންނަށް ވެސް ބަލައިލެވުނެވެ. އަހަންނަށް ހައިރާންކަން ލިބުނީ އެހައި ހިސާބުންނެވެ. ކަނާއަތް ފަރާތުގައި ކޮޅަށް ހުރީ ވެސް ޝިޔާޒެވެ. އެހައި ހިސާބުން އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
ހިތުގައި އުފެދުނު ސުވާލުތަކުގެ ބާނިތައް އެގޮތް މިގޮތްވިއެވެ. ވީގޮތެއް ވާން އުޅޭ ގޮތެއް ސާފު ނުވާހާވިއެވެ. ދެ ޝިޔާޒު ފެންނަންވީ ކީއްވެހެއްޔެވެ؟ ސައިކަލް މަތީގައި ވެސް ޝިޔާޒެވެ. އަހަރެން ގާތުގައި ވެސް މި ހުރީ ހަމަ ޝިޔާޒެވެ. އަނެއްކާ ޖިންނިއެއް އުޅެނީ ހެއްޔެވެ؟ ފިލްމުތަކުގައި އުޅޭކަހަލަ ރޫހެއް އުޅެނީ ހެއްޔެވެ؟
އަހަންނަށް ސުވާލުގެ ނަޒަރުން އިނގިލި ދިއްކޮށްލެވުނީ ސައިކަލް މަތީގައި އިން ޝިޔާޒަށެވެ. އޭނާ ހިނިތުންވެލި ހެން ހީވިއެވެ.
"މީ ޖައީޝް، ރައްޓެހިން ކިޔަނީ ޖާ، އަހަންނަށް ހީވަނީ އޮޅިގެން ސައިކަލް ފަހަތަށް އެރުނުހެން ދޯ." ސައިކަލް މަތީގައި އިން ޝިޔާޒު ހިނިތުންވެލިއެވެ.
އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. ޝިޔާޒުކަމަށް ހީކޮށް ހުރިހާއިރު ސައިކަލުގައި މި އިނދެވުނީ ނުބައި މީހަކާ އެކުގައި ހެއްޔެވެ؟ އަހަންނަށް އަނެއްކާ އޮޅުނީ ހެއްޔެވެ؟ ކޮޅަށް ހުރި ޝިޔާޒާ ދިމާއަށް އަނެއްކާ ވެސް ބަލައި ލެވުނެވެ. އެހައި ހިސާބުން މަންޒަރު ކުލަވާން ފެށިއެވެ. ޝިޔާޒުގެ ކަނދުރާގައިވާ ކަޅުތިލަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހެންވެ ސައިކަލް މަތީގައި އިން ޝިޔާޒަށް ބަލައިލެވުނެވެ. އޭނާގެ ކަނދުރާގައި ކަޅު ތިލައެއް ނެތެވެ.
އަހަންނަށް ޔަގީންކުރެވުނެވެ. ސައިކަލްގައި އިނީ ޝިޔާޒު ނޫންކަމެވެ. އެއީ އެހެން މީހެއް ކަމެވެ. ޝިޔާޒު ހުރީ އަހަރެން ގާތުގައި ކޮޅަށް ކަމެވެ. އަނެއްކާ ވެސް ލަދުގަންނަން ޖެހޭ ވަރުގެ ބޮޑު ކުށެއް ކުރެވުނީއެވެ. މިފަހަރު މަންޒަރު ފެނުނީ ސީދާ ޝިޔާޒަށެވެ. މިއީ ތޯ ތޯ އެއްވެސް ނޫނެވެ. ހަގީގަތެވެ. ދެން ކިޔާނެ އެއްޗެއް ދައްކާނެ އިތުރު ވާހަކައެއް ނެތެވެ.
ޖައީޝްގެ ކިބައިން މަޢާފަށް އެދުމަށްފަހު އެތެރެއަށް ދުއްވާގަތީމެވެ. އޭރު އަހަރެންގެ ބޮލަށް ހުރީ ބަރެއް އަރުވާފައި ހުރި ކަހަލަ ގޮތެއް ވެފައެވެ. ސިކުނޑީގެ ދެ ފަރާތުން އެއްޗެއް ވިއްދާފައި ކޮށްޕާހެން ހީވަމުން ދިޔައެވެ. އޮފީހަށް ވަދެ ކާޑު ޖެހުމަށްފަހު އަހަރެން ގޮސް ގޮނޑިއަށް ވެއްޓި ގަނެވުނެވެ. އެ މަންޒަރު ބަލަން ހަމްޒާއާއި އަރުހަމް ހުރި ކަމެއް ވެސް ނޭނގެއެވެ. އިރު ގަނޑެއް ވަންދެން މޫނަށް ދެ އަތް ނަގައިގެން ގޮނޑީގައި އޮވެވުނެވެ. ދެ ލޯ މަރައިގެންނެވެ.
އަހަންނަށް ވިސްނެނީއެވެ. ފިކުރު ކުރެވެނީއެވެ. ލަދުން މަރުވާވަރުގެ ކަންކަން ކުރެވޭތީއެވެ. ކުރިން ހިނގީ އެހެން ކަމެކެވެ. އެފަހަރު ހިތަށް އެރީ އިލްފާ މެދު ވިސްނެނީ ކަމަށެވެ. ނަމަވެސް މިއަދު ނުވެސް ދަންނަ މީހެކެވެ. އެމީހާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އެ މަންޒަރު ފެނުނީ ފެނިގެން ނުވާނެ މީހާ އަށެވެ. އެކަމާ ޝިޔާޒު ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާ ހިތުގައި ޖެހޭނެ ހެއްޔެވެ؟ އޭނާ ދެރަވާނެ ހެއްޔެވެ؟ ރުޅި އައިސް އަހަރެންނާ ދިމާއަށް ހަޅޭއްލަވާނެ ހެއްޔެވެ؟ ސުވާލަކަށް ފަހު ސުވާލެއް ހިތުގެ އެކި ދިމާގައި އެނބުރެމުން ސެބުރެންމުން ދިޔައެވެ. އަހަންނަށް ދައްކާނެ ވާހަކައެއް ކުރާނެ ކަމެއް ސިކުނޑިއަކަށް ތިލައެއް ނުވިއެވެ.
"ރާނީ؟" ލޯ ހުޅުވާލެވުނީ މީހަކު ގޮވައިލި އަޑަށެވެ.
އަޑު އިވުނު ދިމާއަށް ބަލައިލެވުނެވެ. ކުރިމަތީގައި ހުރީ ހަމްޒާކަން ޔަގީން ކުރާން ބޭނުންވިއެވެ. އެހެންވެ ދެ ފަހަރަކު އޭނާއަށް ބަލައިލެވުނެވެ. ލޮލުގައި އަޅައިގަތީ އޭނާގެ ޝަޚުޞިއްޔަތު ދައްކުވައިދޭ ނަލަ ބަނޑެވެ. އެހެންވެ އިތުރަށް ޔަގީންކުރާކަށް ނުޖެހުނުވެ.
"ބޮސް އެބަ ގޮވާލައްވާ. ކެނބިންނަށް ދުރުވާށޯ." މަޑުމައިތިރި ރާގެއްގައި ހަމްޒާ ބުނެލިއެވެ.
އަހަރެން ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ގަޑިއަށް ބަލައިލީމެވެ. އަނެއްކާ ގަޑި ޖެހުނީ ހެއްޔެވެ؟ އަހަންނަށް ގޯސްކަމެއް ކުރެވުނީ ހެއްޔެވެ؟ އެހެން ނޫންނަމަ ބޮސް އަހަންނާ ބައްދަލު ކުރާން ޖެހޭނެ ހެއްޔެވެ؟ އޮފީހުގެ ކަންކަމާ ބޮސް ބެހޭނީ ވަރަށް ބޮޑުވަރުވީމައެވެ. އެހެން ނޫނީ ހުރިހާ ކަމެއް ބަލަހައްޓާނީ ޝިޔާޒެވެ. ޝިޔާޒު ނެތިއްޔާ އަރުހަމެވެ. އަހަރެން ސުވާލުގެ ނަޒަރުން ހަމްޒާގެ މޫނަށް ބަލައިލީމެވެ. ހަމްޒާގެ ދެ ކޮނޑު އަރުވާލިއެވެ. އަހަންނަށް އޭގެ މާނަ ދެނެގަނެވުނެވެ. ބަދަލުގައި ހަމްޒާއަށް ލުއި ހިނިތުންވުމެއް ދޫކޮށްލެވޭތޯ ބެލީމެވެ. ނަމަވެސް އަހަންނަށް ފުރިހަމަ ކުރެވުނީ ހިނިތުންވުމުގެ އެއް ބަޔެވެ.
"ރާނިޔާ! ކިހިނެއް؟" ގޮނޑީގައި ހަމަޖެހިލުމުން ބޮސް ސުވާލުކޮށްލިއެވެ.
ބަދަލުގައި ތުންފަތް ފޭކޮށްލައި ބޮޑު ހިނިތުންވުމެއް ވެރިކުރުވީމެވެ. ބޮސްއަށް އޭގެ މާނަ ދެނެގަނެވޭނެ ކަމަށް ބަލައިފައެވެ.
"މިއަދު ރާނިޔާ އާއި ޝިޔާޒު މި ހާޒިރުކޮށްލީ ވަރަށް ޕަރނަސަލް ކަމަކާ ވާހަކަދައްކާލަން،" ބޮސްގެ އަޑުގައި ހުރީ މަޑުމައިތިރި ގޮތްގަނޑެވެ. "އެންމެ ރަނގަޅުތޯ؟"
އަހަރެން އިސް ޖަހައިލަމުން ބޯ ހަރަކާތްކޮށްލީމެވެ. ޝިޔާޒު ވެސް އެތަނުގައި އިންކަން އެނގުނީ އެހައި ހިސާބުންނެވެ. އެހެންވެ އިސް އުފުލައި ބަލައިލަން ވެސް ނުކެރުނެވެ. މިއަދު ދިމާވި ކަންކަމާ ލަދުންނެވެ.
"ދެ މީހުންނަކީ ވެސް އޮފީހަށް މުހިއްމު ދެމީހުން. އޮފީސް މާހައުލުގެ މަސައްކަތުގެ ހީވާގިކަމާއި، މަސައްކަތުގެ ފެންވަރު ބިނާވެފައި އޮންނާނީ ޒާތީ ދިރިއުޅުމުގެ ކަންކަމާ."
ބޮސްގެ މާނަފުން ވާހަކަތައް ތިލަކުރާން އަހަންނަށް އުނދަގޫވާހެން ހީވުމުން ބޮސްގެ މޫނަށް ބަލައިލެވުނެވެ.
"މިދެންނެވީ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުމާއި އެ ގުޅުންތައް ހަރުދަނާ ވުމަކީ ތަނަށް ކުރިއެރުން ލިބި މަސައްކަތުގެ ފެންވަރު ރަނގަޅުވާނެ ކަމެކޭ،" އަބުއި ރާގެއްގައި ލަސްލަހުން ބޮސް، ކުރިއަށް ގެންދިޔައެވެ. "އަހަންނަށް އެނގިފައިވާ ގޮތުން ތި ދެ މީހުން އުޅެނީ ރައްޓެހިވެގެން. ނަމަވެސް..."
ސުވާލުގެ ނަޒަރުން އަހަންނަށް ބަލައިލެވުނީ ބޮސްގެ މޫނަށެވެ. އެހައި ހިސާބުން އޭނާ ހުއްޓައިލިއެވެ.
އަހަރެންގެ ލޮލަށް ގިނަވި ކަރުނަތައް ބޮސްއަށް ފެނުނީ ކަމަށް ހީކުރެވުނެވެ.
"ކުދިކުދި މައްސަލަތައް ޖެހޭހެން ހީވޭ. ޝިޔާޒު އެ ވާހަކަތައް ހިއްސާކޮށްދީފި." ބޮސް އޮޅުން ފިލުވައިދިނެވެ.
"އަހަ..." އަހަރެން އުޅުނީ އެތަނުން ތެދުވާށެވެ.
ބޮސްއާ ހަމައަށް އެ ވާހަކަތައް ދިޔުމުން އަހަރެން ލަދުގަންނަ ގޮތްވީއެވެ. ޖެހިލުންވެ ހާސްވާ ގޮތްވީއެވެ. އަހަންނާ މެދު ދެކޭނެ ގޮތް ނޭނގޭތީއެވެ.
"އިހަށް ހަމަޖެހިލާ. ހާސްވެ ކަންބޮޑު ނުވޭ. އަހަރެން ބޭނުން ވަނީ ޔަގީންކޮށްލާން." ބޮސް އަތުގެ އިޝާރާތްކޮށްލިއެވެ.
ބޮސްގެ މޭޒުމަތީގައި ހުރި ލެޕްޓޮޕް އަހަންނާ ދިމާއަށް އަނބުރައިލިއެވެ. ސްކުރީން ރީތިކޮށް ފެންނާނެ ހެން ހަދައިލިއެވެ.
"އަހަރެން ދައްކާނަން އެކި މީހުންގެ މޫނު. ރާނީ ބުނެދޭންވީ އެ ކާކުގެ މޫނެއްކަން." ބޮސް ބަލައިލީ ޝިޔާޒުގެ މޫނަށެވެ.
އަހަރެން ބަލައިލީ ލެޕްޓޮޕްގެ ސްކުރީނަށެވެ. މީހެއްގެ މޫނު ދެއްކިއެވެ. އެމީހާގެ ލޮލާއި ނޭފަތް އަދި އަނގަ އަހަންނަށް ސާފުކޮށް ފެނުނެވެ. ނަމަވެސް އެއީ ކާކުގެ މޫނެއް ކަމެއް ނޭނގުނެވެ. ސާފެއް ނުވެއެވެ. އެއީ ކާކުކަން ބުނެދޭކަށް ނޭނގެއެވެ. އަހަންނަށް އެ މޫނު ފެންނަނީ ފުސް މޫނެއް ގޮތުގައެވެ. ނުފާސު ތަސްވީރެއް ގޮތުގައެވެ.
"ނޭނގެ." އަހަންނަށް ލަސްލަހުން ބުނެލެވުނެވެ.
"މީ އަހަރެންގެ މޫނު. ތަންކޮޅެއް ބޮޑަށް ބަލައިލަބަލަ." ބޮސް ބުނެލިއެވެ.
އަހަރެން ބަލައިލީ ބޮސްގެ މޫނަށެވެ. ދެން ބެލުނީ ފޮޓޯގައިވާ މޫނަށެވެ. އަހަންނަށް އެ ދެ މޫނުން އެއްވެސް އެއްގޮތް ކަމެއް ވެސް ތަފާތު ކަމެއް ވެސް ނުފެނުނެވެ. އެހެންވެ އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.
"އޯކޭ! މޫނު އެކަނިވީމަ ނޭނގޭ ދޯ،" ބޮސްގެ މޫނުގެ ފޮޓޯ ޒޫމް އައުޓްކޮށްލުމަށްފަހު ހަށިގަނޑައެކު ފެންނަ ފޮޓޯއެއް ދެއްކިއެވެ. "މިހާރު؟"
އަހަންނަށް ބަލައިލެވުނެވެ. ބޮސްގެ އިސްތަށިގަނޑާއި ފޮޓޯއިން ފެންނަ އިސްތަށިގަނޑުގައި ތަފާތެއް ނެތެވެ. ބޮސްގެ ބޮޑު ދެ ކަންފަތާއި ފޮޓޯއިން ފެންނަ ކަންފަތާ ތަފާތެއް ނެތެވެ. އެހެންވެ އަހަންނަށް ޔަގީންކުރެވުނީ އެއީ ހަމަ ބޮސްކަމެވެ.
"އޯކޭ، ދެން މި ދައްކަނީ މި އޮފީހުގައި އުޅޭ މީހެއްގެ މޫނު އެކަނި. ނަން ބުނެލާތި."
ބޮސް ދެއްކި ފޮޓޯއަށް ތަކުރާރުކޮށް ބެލުނެވެ. ލޮލަށް ގޮތްތަކެއް ހަދައިލަމުން ވެސް ބެލުނެވެ. އަހަންނަށް އެއީ ކާކުގެ މޫނެއް ކަމެއް ވަކި ކުރާކަށް ނޭނގުނެވެ. ކާކުކަން ބުނެދޭކަށް ވެސް ނޭނގުނެވެ.
"ކަންފަތާއި އިސްތަށިގަނޑު ފެންނަ ގޮތް ހަދައިލަބަލަ." އަހަންނަށް ބުނެލެވުނެވެ.
އެހެން ބުނުމާއެކު އެ ފޮޓޯ ވެސް ޒޫމް އައުޓްކޮށްލައިފަ އިސްތަށިގަނޑު ފެންނަ ގޮތް ހަދައިލިއެވެ. ޓަސްލައިފަ އެއީ ކާކުކަން އަހަންނަށް ދެނެގަނެވުނެވެ. އެއީ އިސްތަށިގަނޑު ދިގު މީހެއް ވީމައެވެ. އެހެންވެ އެއީ ޔަޢީޝްކަށް އަހަންނަށް ޔަގީންކުރެވުނެވެ. ބޮސް ބަލައިލީ ޝިޔާޒުގެ މޫނަށެވެ. އަހަންނަށް ވެސް ޝިޔާޒުގެ މޫނަށް ބަލައިލެވުނެވެ.
"ވިސްނިއްޖެ. ޔަގީން ވެސް ކުރެވިއްޖެ." ޝިޔާޒު ލަސްލަހުން ބުނެލިއެވެ.
"ކޮންކަމެއް؟" އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނީ ޝިޔާޒުގެ މޫނަށެވެ.
"އަހަރެން އިހަށް ބޭރަށް އެބަ ޖެހިލަން. ޝިޔާޒު ދެން ކުރިއަށް ގެންދޭ. ލެޕް ބޭނުންކޮށްލެވިދާނެ." ބޮސް ގޮނޑިން ތެދުވިއެވެ.
އަހަންނަށް ސުވާލުގެ ނަޒަރުން އެއްފަހަރު ޝިޔާޒަށް އަނެއް ފަހަރު ބޮސްގެ މޫނަށް ބެލުނެވެ. ވެގެން އުޅޭ ގޮތް ސާފު ނުވެގެންނެވެ. ކޮންމެ ވެސް ނޭނގޭ ކަންތައް ގަނޑެއް ހިނގަމުންދާ ކަމަށް ޝައްކުވާން ފެށީމައެވެ. ބޮސް ކެބިންއިން ނުކުތުމުން ޝިޔާޒު އަހަންނާ ގާތަށް ޖެހިލިއެވެ. ލެޕްޓޮޕް ކައިރިކޮށްލަމުން އެއްޗެއް ޓައިޕްކޮށްލިއެވެ.
"ކިހިނެއްވީ؟" އަހަންނަށް ކެތެއް ނުކުރެވުނެވެ.
ޝިޔާޒު ދައްކާލީ ލިޔުމެއްގެ ސުރުޚީއެކެވެ. އަހަންނަށް އެ ސުރުޚީ ކިޔައިލެވުނެވެ.
"ޕްރޮސޯޕަގަނޯސިއާ،" ޝިޔާޒު ވެސް އެ ސުރުޚީ ކިޔައިލިއެވެ. "މީ ދިމާވާ މައްސަލައަކީ. ރާނީ މި ލިޔުން ކިޔައިލަބަލަ. އޭރުން ތި ދިމާވާ ހުރިހާ މައްސަލައެއް ސާފުވާނެ."
އިނގިރޭސިބަހުން އޮތް އެ ލިޔުން ކިޔާން ފެށީމެވެ. އެއީ ފޭސް ބްލައިންޑްނެސްއަށް ކިޔާ ނަމެއް ކަމަށް ލިޔުމުން ދޭހަވިއެވެ. އޭގައި އޮތީ އެކަމާ ގުޅޭ މައުލޫމާތެވެ. ލިޔުމުގައި ވާގޮތުން ޕްރޮސޯޕަގަނޯސިއާގެ ދެ ވައްތަރެއްގެ މީހުން އުޅެއެވެ. އެއް ވައްތަރަކީ އުފަންވާއިރު ވެސް އެގޮތަށް ދިމާވެފައި ތިބޭ މީހުންނެވެ. ދެވަނަ ވައްތަރަކީ ދިމާވާ ހާދިސާއަކުން ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުން ޕްރޮސޯޕަގަނޯސިއާ ތަހައްމަލު ކުރާން ޖެހޭ މީހުންނެވެ.
އަހަންނަށް ވިސްނައިލެވުނެވެ. އަހަންނަށް ދިމާވާ ކަންކަމާ މެދުގައެވެ. އަހަންނަށް މިހެން ދިމާވާން ފެށީ ކޮން ދުވަސްވަރަކު ހެއްޔެވެ؟ ސިކުނޑިއަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އަހަންނަށް ދިމާވި ހެއްޔެވެ؟ އާއެކެވެ. މަންމަ ކިޔައިދޭ ވާހަކައެއް ހަނދާންނަށް ތިލަވާން ފެށިއެވެ. ކުޑައިރު އެއް ދުވަހަކު ރަށަށް ގޮސް އުޅެނިކޮށް ފެންވަޅަކަށް ވެއްޓުނު ވާހަކަ މަންމަ ކިޔައިދިން ހަނދާންވިއެވެ.
"އެ ދުވަހު އަހަރެން ހޭނެތުނު ކަމަށް މަންމަ ބުނި. ވަރަށް ލަހުންނޯ ހޭ އެރީ ވެސް. ދެން ފާޑަކަށް ގަބު އަރައިފަ އިންނަ ކަމަށް މަންމަ ބުނި. އެކަމަކު އެއްވެސް އަނިޔާއެއް، ގެއްލުމެއް ނުވާކަމަށް މަންމަމެން ބުނީ. އެއީ އުމުރުން ބާރަވަރަކަށް އަހަރު ކަމަށް ވަނީ. އަހަރެން މާ ބޮޑަކަށް ހަނދާނެއް ނުހުރޭ." އަހަރެން ޝިޔާޒުގެ މޫނަށް ބަލައިގެން އިނދެ ބުނެލީމެވެ.
"ކޮންމެ ފަންސާސް މީހުންގެ ތެރެއިން އެކަކަކީ ޑިވެލޮޕްމެންޓަލް ޕްރޮސޯޕަގަނޯސިއާ ހުންނަ މީހެއްކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވަނީ،" ޝިޔާޒު ވެސް އެ އާޓިކަލް ކިޔަމުން ބުނެލިއެވެ.
"މިގޮތަށް ދިމާވުމުން މީހުންގެ މޫނަށް ބަލައިފަ، ޚާއްޞަކޮށް ލޮލާއި، ނޭފަތާއި އަނގަ އަދި ކޮލަށް ބަލައިފަ އެއީ ކާކުކަން ދެނެގަންނަން އުނދަގޫވާނެ ކަމަށްވަނީ. އެފަދަ މީހުންނަށް މޫނާއި ނޭފަތާއި ލޮލާއި އަނގަ ފެނުނަސް އެއީ ކާކުގެ ގުނަވަންތަކެއްކަން ދެނެގަންނަން ދަތިވާނެޔޯ. އަދި އެ ގުނަވަންތަކުގެ އެހީގައި އެއީ ކާކުކަން ދެނެ ނުގަނެވޭނެޔޯ. އެހެން ވޭތަ؟"
"އާނ! އަހަންނަށް ވެސް ވަނީ އެހެން. އެހެންވެ އަހަރެން ވެސް ބަލަނީ މީހުންގެ އިސްތަށިގަނޑަށް. ކަންފަތަށް ނޫނީ ދެން ކަނދުރާއަށް ނޫނީ އެއިން ތަނަކުން ފާހަގަކޮށްލެވޭ ފަދަ އެހެން ނިޝާނެއް ވޭތޯ. އަސްލު ވަރަށް އުނދަގޫ މީހުން ފާހަގަކުރާން." އަހަންނަށް ބުނެލެވުނެވެ.
"މީގަ ދެރަ ކަމަކީ މިކަމަށް ވަކި ފަރުވާއެއް ނެތްކަން. ދެން އޮތީ ރާނީގެ ވަށައިގެންވާ މުހިއްމު މީހުންނަށް ރާނީއަކީ ފޭސްބުލައިންޑް މީހެއްކަން ބުނެދީ، އެ މީހުންގެ ކެރެކްޓަރއިން ފާހަގަކުރެވޭ ބަދަލުތައް ރާނީ ދެނެގަންނާނެ ގޮތްތަކެއް ހޯދުން. ރާނީ ޖެހޭނީ މިކަމަށް އަހުލުވެރިވަން، ހޭލުންތެރިވާން." ޝިޔާޒު އަހަރެންގެ އަތުގައި ހިފައިލިއެވެ.
"އާން. އެކަމަކު އެތައް ހާސްބަޔަކާ ބައްދަލުވާއިރު އެއިން ކޮންމެ މީހެއްގެ ތަފާތު ފާހަގަކުރަންވީމަ.." އަހަންނަށް ހުއްޓައިލެވުނީ ޝިޔާޒު އަހަރެންގެ އަނގަމަތީ އިނގިލި ޖައްސައިލުމުންނެވެ.
"ވާނެ. މި ހުރިހާ ދުވަހު ވެސް ރާނީ އުޅުނީއެއްނު. ދެން ވެސް އުޅެވޭނެ. އަހަރެން ހުންނާނަން. އޭރުން ފަސޭހަވާނެއްނު. ކުރިން އަހަންނަށް ފުސް މޫނެއް ދެއްކުނީ ރާނީއަކީ ކާކުކަން ނޭނގުނީމަ. އެހެން މީހުންނަށް ވެސް ރާނީއަށް ފުސް މޫނެއް ދެއްކުނީ ރާނީއަށް އެހެން މީހުންގެ މޫނު ފެންނަނީ ފުސްކޮށް ކަން ނޭނގުނީމަ. އިންޝާﷲ ދެން އެހެންނެއް ނުވާނެ." ޝިޔާޒު އެއް ނޭވާއިން އަމުނައިލިއެވެ.
"ޚުދު އަހަންނަކަށް ވެސް ނޭނގެ އަހަންނަކީ ފޭސްބުލައިންޑްނެސްގެ ޕޭޝެންޓެއް ކަމެއް. އަހަރެން ކުރިން މި ކަހަލަ ވާހަކައެއް އަޑެއް ވެސް ނާހަން. މީހަކު މި ޒާތުގެ ވާހަކައެއް ދައްކާތީ ވެސް އަޑު ނާހަން. ކުރިން އަޑު އިވެނީ ކަލަރ ބްލައިންޑް މީހުން އުޅޭކަމަށް،" އަހަންނަށް ޝިޔާޒުގެ ދެ އަތުގައި ހިފައިލެވުނެވެ.
"ތޭންކްސް، ޝިޔާޒަކީ ނުވިސްނޭ މީހެއް ނަމަ މިއަދު އަހަރުމެން ތިބޭނީ ދުރުވެފަ. ވަކިވެފަ. މިއަދު އަހަންނަށް ދިމާވާ ހުރިހާ މައްސަލައެއް މިކަމާ ގުޅުވާލެވުނީމަ މަންޒަރު ވަރަށް ސާފުވެއްޖެ."
އާއެކެވެ. އަހަންނަށް އެހެން މީހުންގެ މޫނަށް ބަލައިގެން އެއީ ކާކުކަން ދެނެއެއް ނުގަނެވެއެވެ. އެކަމުގެ ސަބަބުން އެތައް ކަމެއް ކުރިމަތި ވެއްޖެއެވެ. މީހުންގެ މޫނާއި މޫނުކެނޑި ފުސްމޫނު ދައްކައިގެން ހަޔާތުން އެތައް ބަޔަކު ބީވެއްޖެއެވެ. ނަމަވެސް މިއަދު އެންމެންނަށް ވެސް އަހަންނަކީ ކާކުކަން އެނގެއެވެ. އަހަންނަށް އެމީހުންގެ މޫނު ފެންނަނީ ފުސް ގޮތަކަށް ކަން ވިސްނެއެވެ. އެހެންވެ އަހަރެން މި ތެދުވީ އަހަރުމެން ކަހަލަ މީހުން ވެސް އުޅޭކަން އަންގައިދީ އަހަރުމެންނަށް ވެސް އެހީތެރިކަން ބޭނުންވާ ކަން އަންގައިދީ މުޖުތަމައު ހޭލުންތެރި ކުރުވާށެވެ.
(ނިމުނީ)