ސްޕެއިނަށް ކުޅުމުގެ ހުއްދަ ލަޕޯޓަށް ދީފި
ސްޕެއިނަށް ކުޅުމުގެ ހުއްދަ ލަޕޯޓަށް ދީފި

ސްޕެއިން ރަށްވެހިކަން ހޯދާފައިވާ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް، ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ހުއްދަ ފީފާ އިން ދީފި އެވެ.

މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ ލަޕޯޓް އަށް ސްޕެއިންގެ ރަށްވެހިކަން ލިބުނީ މިިދިޔަ ހަފުތާގަ އެވެ. އަދި ފީފާގެ ހުއްދަ ލިބުމާއެކު، މި އަހަރު އޮންނަ ޔޫރޯގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޭނާ އަށް ވަނީ ލިބިފަ އެވެ.

ލަޕޯޓް ވަނީ ސްޕެއިންގެ އެތުލެޓިކޯ ބިލްބާއޯގައި 8 އަހަރު ހޭދަކޮށްފަ އެވެ. ބިލްބާއޯ އިން ސިޓީ އަށް ލަޕޯޓް ބަދަލުވީ 2018 ވަނަ އަހަރެވެ.

ފްރާންސަށް އުފަން ލަޕޯޓް ،26، ވަނީ އެ ގައުމުގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ. އެހެން ނަމަވެސް، ފްރާންސްގެ ސީނިއާ ޓީމަކަށް އޭނާ އަދި މިހާތަނަށް މެޗެއް ނުކުޅެ އެވެ. ތިން ފަހަރު ފްރާންސްގެ ސްކޮޑްގައި ހިމެނުނު ނަމަވެސް، މެޗެއް ކުޅުމުގެ ފުރުސަތު ލަޕޯޓަކަށް ނުލިބެ އެވެ.

މިދިޔަ އަހަރުގެ ފީފާ ކޮންގުރެސްގައި ގަވައިދަށް ގެނައި ބަދަލަކާއެކު، ގައުމު ބަދަލުކުރުމަށް ކުޅުންތެރިންނަށް ވަނީ ފަސޭހަވެފަ އެވެ. އެގޮތުން ޤައުމީ ޓީމަކަށް އުމުރުން 21 އަހަރު ފުރުމުގެ ކުރިން ތިން މެޗު ނުކުޅެ، އަދި ވޯލްޑް ކަޕާއި ސަރަހައްދީ މުބާރާތެއްގައި ނުކުޅޭ ކުޅުންތެރިއަކަށް، އެ ކުޅުންތެރިއެއްގެ "ނެޝެނާލަޓީ" ބަދަލުކުރެވޭ ގޮތަށް ވަނީ ގަވައިދު އިސްލާހުކޮށްފަ އެވެ. -- އޭއެފްޕީ