މި ސީޒަނަށް ފަހު އާސެނަލް އިން ލުއިޒް ދޫކޮށްލަނީ
މި ސީޒަނަށް ފަހު އާސެނަލް އިން ލުއިޒް ދޫކޮށްލަނީ

ލަންޑަން (15 މެއި) - އާސެނަލް އަށް ކުޅެމުންދާ ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް މި ސީޒަނަށް ފަހު އެ ޓީމާ ވަކިވާނެކަން ޔަގީންވެއްޖެ އެވެ.

ލުއިޒް ،34، ވަނީ އާސެނަލްގެ މެނޭޖްމަންޓާއެކު އިއްޔެ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުުވުމުގައި ދެ ފަރާތުން ވެސް އެއްބަސްވީ ކޮންޓުރެކްޓް އިތުރުނުކޮށް، މި ސީޒަނަށް ފަހު ލުއިޒް އާސެނަލްއާ ވަކިވުމަށެވެ.

ޗެލްސީން 2019 ވަނަ އަހަރު ލުއިޒް އާސެނަލްއާ ގުޅުނީ 8 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. މި ސީޒަންގައި ލުއިޒް ވަނީ އާސެނަލް އަށް ޖުމްލަ 30 މެޗު ކުޅެފަ އެވެ. އެކަމަކު އަނިޔާގެ މައްސަލައަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ އަށް ނުކުޅެވުނެވެ.

އާސެނަލް އާއި ޗެލްސީގެ އިތުރުން، ލުއިޒް ވަނީ ބެންފީކާ އާއި ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ.

އާސެނަލް މިހާރު އޮތީ އިނގިރޭސި ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. މި ސީޒަންގައި އެ ޓީމު ނެރިފައިވާ ނަތީޖާތަކުގެ ސަބަބުން، ކުރިއަށް އޮތް ސީޒަނަށް އެ ޓީމަށް ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. -- އޭއެފްޕީ