15 މެއި 2021 - 13:20

ކޮވިޑް-19އަށް ޕޮޒިޓިވްވި މާބަނޑު އަންހެނަކު ބަނޑުގައި ރިއްސާތީ އެހީއަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމުން އެތަނުން ބަަލައި އައީ ތިން ދުވަސް ފަހުން ކަމަށާއި އެންމެ ފަހުން އެ މީހާ ޖެހުނީ އިމަޖެންސީ ސިޒޭރިއަންއެއް ހަދަން ކަމަށް އާއިލާއިން ބުނެފި އެވެ.
ބަނޑަށް ނުވަ މަހުގައި ކޮވިޑް ޖެހުނުކަން އަންހެން މީހާއަށް އެނގުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭރު ވެސް އޭނާގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔުމަށް އެޗްޕީއޭ އަށް އެންގި ކަމަށާއި އެކަމަކު އެތަނުން ފޯނު ނެގީ އަނެއް ދުވަހު ކަމަށް ބުންޏެވެ.
އާއިލާ އިން ބުނި ގޮތުގައި އެޗްޕީއޭ އިން ފޯނު ނަގާފައި، މެޑިކަލް ޓީމުން ގުޅާނެ ކަމަށް ބުނެ ބޭއްވީ އެވެ. އެކަމަކު ޖެހިގެން އައި ދެ ދުވަހު ވެސް އެތަނުން ނުގުޅާ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން ހުއްޓާނުލައި އެތައް ފަހަރަކު ގުޅިން. އެކަމަކު ޖަވާބެއް ނުލިބޭ. ފޯނު ނެގިޔަސް ބުނަނީ މެޑިކަލް ޓީމުން ގުޅާނޭ. ފަހުން ޚަބަރެއް ނުވޭ،" މާބަނޑު އަންހެންމީހާގެ ދައްތައެއް ބުންޏެވެ.
"އޭރު ކޮއްކޮ ދިޔައީ ބަނޑުގައި ރިއްސަމުން. ކައިރިކައިރީގައި ރިހުންގަނޑު އާދޭ،"
ތިން ވަނަ ދުވަހު ވެސް ޚަބަރެއް ނުވުމުން އެންމެ ފަހުން އާއިލާ އިން އެ ވާހަކަ ޓްވީޓް ކުރި އެވެ. ޓްވީޓް ކުރިތާ ބައިގަޑިއިރު ފަހުން އެޗްޕީއޭ އާއި ރައީސް އޮފީހުން ވެސް ގުޅި ކަމަށާއި މާބަނޑު މީހާ ގެންދަން ބޭނުންވާ ހޮސްޕިޓަލާއި އޭނާގެ ހުރިހާ މައުލޫމާތެއް ނެގި ކަމަށް އާއިލާއިން ބުންޏެވެ. އެޗްޕީއޭ އިން އެދުނު ކަމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމަށެވެ.
އެކަމަކު ދެން ވެސް އޭގެ ފަހުން ޚަބަރެއް ނުވެގެން އެޗްޕީއޭ އަށް ގުޅުމުން، "ބަލި މީހާ މާލޭން ބޭރަށް ދާން ބޭނުން ނުވާތީ ރިޖެކްޓްކޮށްލީ" ކަމުގެ ޖަވާބު ދިން ކަމަށް އާއިލާ އިން ބުންޏެވެ.
"އަޅުގަނޑުމެން ނުބުނަން މާލޭން ބޭރަށް ދާން ބޭނުން ނުވެއެކޭ. އެ ހާލަތުގެ ގޮތުން ކޮންމެ ތަނަކަށް ވިޔަސް ދާން ބޭނުންވެފައި ތިބީ. އެކަމަކު އެހީތެރިއަކަށް ނުދެވޭނެއޭ ބުނީމާ އެޗްޕީއޭ އިން އެގޮތަށް ނިންމީ،" ބަލި މީހާގެ ދައްތަ ބުންޏެވެ.
ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ތިން ގަޑިއިރު ފަހުންނެވެ. އަދި ޑޮކްޓަރަށް ދައްކައި، އެންޓިބަޔަޓިކްސް ފެށުމަށް އަންގައި، އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އަނެއްކާ ވެސް ގެއަށް ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ގެއަށް ގޮސް މާގިނަ އިރެއް ނުވެ އަންހެން މީހާގެ ގައިން ލޭ ފައިބަން ފެށި އެވެ. އަދި ވަގުތުން އައިޖީއެމްއެޗުގެ އެމްބިއުލާންސަސް ގުޅައިގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަަމަށާއި އައިޖީއެމްއެޗުން ދެން އެންގީ އިމަޖެންސީގައި ސިޒޭރިއަން ހަދަން ކަމަށް އާއިލާއިން ބުންޏެވެ.
އޮޕަރޭޝަނަށް ފަހު މައި މީހާގެ ހާލު ރަނގަޅު ނަމަވެސް ދަރިފުޅަށް ފަރުވާ ދެމުން ދަނީ އެންއައިސީޔޫގަ އެވެ.
އާއިލާއިން ބުނީ މި ފަދަ ދަނޑިވަޅެއްގައި އެންމެން ވެސް ބިޒީވާނެކަން އެނގޭ ކަމަށާއި އެކަމަކު ވިހަން ކައިރިވެފައިވާ މީހެއްގެ ހާލު އެނގި ވެސް އެޗްޕީއޭ އިން ލަސްކުރުން ވަރަށް ދެރަ ކަމަށެވެ.
"އެއީ ނަރުސް ކުއްޖެއް. އޭނާގެ ފިރިމީހާއަކީ ޑޮކްޓަރެއް. އެ މީހުންނަށް ވެސް މި ފަދައިން ހިދުމަތް ލިބޭ ނަމަ ދެން ވިސްނާލާ އާދައިގެ މީހާއަށް ހިދުމަތް ލިބޭނެ ގޮތް،" އޭނާގެ ދައްތަ ބުންޏެވެ.
ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ހާހުން ގުނެމުން ދާއިރު، އެ އެންމެން ވެސް އެކި ކަންކަމުގައި ގުޅަން ޖެހެނީ އެޗްޕީއޭ އަށެވެ. އެކަމަކު ގިނަ ބައެއްގެ ޝަކުވާ އަކީ އެތަނުން ފޯނު ނުނެގުމެވެ. ބަލި މީހެއްގެ ހާލު ގޯސް ވިޔަސް، ސާމްޕަލްގެ ނަތީޖާ ނުލިބި ލަސްވިޔަސް އަދި ބޭނުންވާ ލިޔެކިޔުމެއް ހޯދަން ގުޅިޔަސް ޖަވާބު ލިބެނީ އެތައް ދުވަހެއް ފަހުން ކަމަށް އެ މީހުން ބުނެ އެވެ.
އެޗްޕީއޭގެ ކޯލް ސެންޓަރުން، މީހުންނަށް ޖަވާބުދާރީވުމުގައި ލަސްތަކެއް އުޅޭކަން، ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.
ހެލްތު އިމަޖެންސީީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، އެ އެންމެންނަށް ޖަވާބުދާރީވުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ. ބައެއް ދުވަސް ދުވަހު، ޖަވާބު ދެވެނީ އަންނަ ކޯލްތަކުގެ 60 ޕަސެންޓަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ކޯލް ސެންޓަރުގައި މަސައްކަތްކުރާ ސްޓާފުންގެ އަދަދު އިތުރުކުރުމަށް، މީހުން ޓްރެއިން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ޖުމްލަ 7،760 ފޯންކޯލް އެތަނަށް ލިބުނު އިރު، އޭގެ ތެރެއިން 81 ޕަސެންޓް ކޯލަށް ވަނީ ޖަވާބު ދީފަ އެވެ. އަދި މިއީ ބޮޑު އަދަދެއްކަން ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭއަށް އެންމެ ގިނަ މީހުން ގުޅަނީ، ހޯމް ކަރަންޓީނުގެ ޑޮކިއުމަންޓް، އޮފީސްތަކުން ބޭނުންވާތީ، އެ ނުލިބި ލަސްވެގެންނެވެ. އެކަމަކު މި ހާލަތުގައި ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅެދާނެ ކަމާއި، ވިޔަފާރިތަކާއި އޮފީސްތަކުގެ މެނޭޖްމެންޓުތަކުން ވެސް އެކަން ދަނެގެން، ތަންކޮޅެއް ފަހުން އެ ލިޔުންތައް ހުށަހެޅުމުގެ ލުއި ހަމަޖައްސައިދިނުމަށް އެދިވަޑައިގަތެވެ.
ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އިއްޔެ ވެސް 900 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު، އެހެން ދުވަސް ދުވަހުގެ ބެކްލޮގާ އެކު، ޕޮޒިޓިވްވާ މީހުންގެ އަދަދު ހާހުން މައްޗަށް އަރަ އެވެ.