15 މެއި 2021 - 11:39

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހަކު ކޮވިޑް-19 ގައި މިއަދު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި މިއަދުގެ މިހާތަނަށް މަރުވި ދެވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހެނދުނު 8:45 ގައި ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.
މިއީ، ރާއްޖެ އިން ކޮވިޑްގައި މަރުވި 94 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިއަދު ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވީ ރޭ ދަންވަރު 1:39 ގަ އެވެ.
މިއާއެކު މި މަހުގެ މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 21 އަށް އެރީ އެވެ.
އިއްޔެ އާއި މިމަހުގެ ހަ ވަނަ ދުވަހަކީ ރާއްޖޭގައި މި ބަލި ފެތުރެން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެވެ. އެ ދެ ދުވަހު ފަސް މީހުން މަރުވި އެވެ.
ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދަކަށް އަލަށް މީހުންނަށް ކޮވިޑް ޖެހޭއިރު، މި ފަހުން އެ ބަލީގައި ހާލު ބޮޑުވާ މީހުންނާއި މަރުވާ މީހުން ވެސް ވަނީ އިތުރުވެފަ އެވެ.