މިއީ އާއިލީ ގުޅުން ބަދަހިކޮށް، އެހީތެރިވާންވީ ވަގުތު: ޖެންޑާ
މިއީ އާއިލީ ގުޅުން ބަދަހިކޮށް، އެހީތެރިވާންވީ ވަގުތު: ޖެންޑާ

ކޮވިޑް-19ގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެތައް އާއިލާއެއް ވަރަށް އުނދަގުލުގައި ދިރިއުޅެމުންދާ މި ދަނޑިވަޅަކީ އާއިލާގެ ތެރޭގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ވަގުތެއް ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ނެރުނު ބަޔާނެއްގަ އެވެ.

މި ބަޔާނުގައި ބުނީ، ކޮވިޑްގެ ސަބަބުން އާއިލާތަކަށް ސިއްހީ، އިޖުތިމާއީ، ނަފުސާނީ އަދި މާލީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ވަގުތަކީ ވަރަށް ގިނަ އާއިލާތަކަށް ނުތަނަވަސްކަމާއި ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އާއިލާގެ ތެރެއިން އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވުން އެންމެ މުހިންމު ވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އާއިލާގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނާ ހަމައަށް ކޮވިޑް ބަލި ގެންދާ މީހަކަށް ނުވެ، މި ބަލިން ރައްކާތެރިވުމަށްޓަކައި އާއިލާގެ ހުރިހާ އެންމެން ވެސް ފަރުދީ ޒިންމާ އަދާކުރުމަށް ވެސް ޖެންޑާ މިނިސްޓްރީން ހަނދާން ކޮށްދިނެވެ.

އާއިލާތަކުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުމާއި ލޯބި ނުލިބުމުގެ ސަބަބުން އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމު ވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި މީހުން، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މަރުކަޒުތަކުގައި ތިބިކަން ކަންބޮޑުވުމާއެކު ފާހަގަކުރި އެވެ.

"އާއިލީ ވެއްޓެއްގެ އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށް ވެސް ލިބިގެންވާ ހައްގަކަށް ވެފައި އެ ހައްގުން މަހުރޫމު ވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ހަމަ މި ބީދައިން އުމުރުން ދުވަސްވީ މީހުންނާއި ނަފުސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެ ފަރާތްތަކުގެ އާއިލާގެ އަޅާލުމެއް ނެތި މަރުކަޒުތަކުގައި ދިރިއުޅެން ޖެހުމަކީ އެ ފަރާތްތަކުގެ ނަފުސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހި ކޮށްދޭ ކަމެއްކަން އެތައް ދިރާސާއަކުން ފާހަގަވެފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރެއްހާ ދުވަހު ކޮވިޑާއެކު އާއިލާތަކަށް ކުރިމަތިވި ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ ކަންކަން ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑުން ރައްކާތެރިވާން ލޮކްޑައުން ކުރުމާ ގުޅިގެން މާލެ އާއި އަތޮޅުތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދޭން ޖެހުނު އާއިލާތަކަށް އެ ކަންކަން ފުރިހަމަ އަށް ކޮށްދެވުނު ކަމަށާއި އާއިލާތަކަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދުމަށް ބައެއް ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ވެސް ފުރިހަމައަށް ކުރުވެނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ފަރާތުން ވަޒީފާ ގެއްލި ނުވަތަ އާމްދަނީ ލިބުން ދަށްވި އާއިލާގެ މެމްބަރުންނަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމާއި ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އާންމު ފަރާތްތަކުން ބައެއް ބޭންކުތަކުން ނަގައިފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމާއި އަދި ކަރަންޓާއި ފެންފަދަ އަސާސީ ހިދުމަތްތަކުގެ ބިލުގެ ބޮޑު އިންސައްތައެއް ވަކި މުއްދަތެއް ވަންދެން މައާފުކޮށްދިނުން ފަދަ ކަންކަން ހަމަޖައްސައިދިން ކަން ފާހަގަކުރި އެވެ.

ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑްގެ ސަބަބުން ދިމާވި ދަތި އުނދަގޫތަކާ އެކު ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ބަދަލުވާން ބޭނުންވި އާއިލާތަކަށް އަމާޒުކޮށްގެން މިހާރު ވެސް ކުރިއަށް ގެންދާ "އަހުލު" ޕްރޮގުރާމްގެ ދަށުން މާލޭގައި ދިރިއުޅުނު ނުވަ އާއިލާއަކަށް އަތޮޅު ތެރޭގައި އުޅެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައި ވާނެ އެވެ.

އާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް މަދުކުރުމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތާއި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި "ގެވެށި ގުޅުން" ގެ ނަމުގައި ގައުމީ ފެންވަރުގެ ކެމްޕެއިނެއް ކުރިއަށް ގެންދާކަން ފާހަގަކުރަމުން ޖެންޑާ މިނިސްޓްރީން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޕްރޮގުރާމްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.