15 މެއި 2021 - 12:24

ލިވަޕޫލް (15 މެއި) - ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ސަލާމް ކުރަން އަތް ދިއްކުރުމުން، އެ ޓީމުގެ ފޯވަޑް ސަޑިއޯ މާނޭ ސަލާމް ކުރަން ދެކޮޅު ހެދި މައްސަލައާ ބެހޭގޮތުން އޭނާއާ ވާހަކަ ދައްކާނެ ކަމަށް ކްލޮޕް ބުނެފި އެވެ.
ބުރާސްފަތި ދުވަހު، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ކްލޮޕް ސަލާން ކުރަން އޮތް ދިއްކުރުމުން، މާނޭ އެކަމާ ދެކޮޅު ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ ދައުރުވެފަ އެވެ.
އެ މެޗުގައި މާނޭ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ 74 ވަނަ މިނެޓުގަ އެވެ. މާނޭ ހިތްހަމަ ނުޖެހުނީ ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތު ނުދިނުމުންނެވެ.
ކްލޮޕް ބުނީ ފުޓްބޯޅަ އަކީ "އިމޯޝަނަލް ގޭމެއް" ކަމަށެވެ. އަދި ކުރެވޭ އިހްސާސްތައް ކޮންޓުރޯލް ކޮށްގެން ހުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށް ކްލޮޕް ބުންޏެވެ.
"ކުޅުންތެރިޔެެއްގެ ގޮތުގައި އަހަންނަށް ވެސް އެހެން ދިމާވި. އަހަރެން ކޯޗު ކޮށްދިން އެހެން ކުޅުންތެރިންނަށް ވެސް އެހެން ދިމާވި،" ކްލޮޕް ބުންޏެވެ.
"އަހަރެމެން ވެސް ބޭނުމެއް ނޫން މިކަން މިގޮތަށް ހިނގާކަށް ނަމަވެސް މިއީ އަހަރެންގެ ކެރިއާގައި އެހެން ދިމާވި ފުރުތަމަ ފަހަރެއްވެސް ނޫން. އަހަރެން ޖެހިލުން ވޭ މިހެން ބުނަންވެސް. އަހަންނަށް ބުނެވިދާނެ މީ އެގޮތަށް އެކަން ހިނގާނެ ފަހު ފަހަރެއްވެސް ނޫނޭ."