ކޮވިޑުގައި މިއަދު ވެސް މަރެއް، ޖުމުލަ 93 އަށް
ކޮވިޑުގައި މިއަދު ވެސް މަރެއް، ޖުމުލަ 93 އަށް

ކޮވިޑު-19 ގައި މިއަދު ވެސް މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭގައި ހުންނަ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 1:39 ހާއިރު އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ އެ ބަލީގައި މަރުވި 93 ވަނަ މީހާގެ ގޮތުގައި އެ އިދާރާ އިން ވަނީ ކަނޑައަޅައިފަ އެވެ.

އިއްޔެ އަކީ ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވި އެއް ދުވަހެވެ. އިއްޔެ އެކަނި ވެސް ފަސް މީހަކު އެ ބަލީގައި މަރުވިއިރު މި މަހުގެ ހަ ވަނަ ދުވަހު ވެސް ފަސް މީހަކު މަރުވެފައި ވެ އެވެ.

މި މަރާއެކު، މި މަހުގެ ފުރަތަމަ 15 ގައި ރާއްޖެ އިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 20 އަށް އެރީ އެވެ.

ރާއްޖޭން ކޮވިޑް ފެނުނު ފަހުން މިއީ އެންމެ ގިނަ މީހުންނަށް ބަލި ޖެހެމުންދާ ދުވަސްވަރު ކަމަށް ވުމުން ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ ހޮސްޕިޓަލްތަަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. އަދި މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވ ދުވަސްވަރު ވެސް މެ އެވެ.