ޒާހިލްއަށް ފަރުވާދޭން ބެންކޮކަށް ގެންގޮސްފި
ޒާހިލްއަށް ފަރުވާދޭން ބެންކޮކަށް ގެންގޮސްފި

ގޮތްނޭނގޭ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އިބްރާހިމް ޒާހިލް އަށް ފަރުވާ ދިނުމަށް މިއަދު މެންދުރު ތައިލެންޑްގެ ބެންކޮކަށް ފުރައިފި އެވެ.

ޒާހިލްގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ޒާހިލްއަށް ފަރުވާ ދިނުމަށް ގާތްގަނޑަކަށް 10 ދުވަހު ބެންކޮކް ހޮސްޕިޓަލްގައި ބާއްވަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ފަރުވާއަށް މަދުވެގެން 1.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަަމަށް ލަފާކުރެވިފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އަދި ނޭނގެ ފަރުވާއަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް. އެކަމަކު މިއަދު ފުރީ މަދުވެގެން ދިހަ ދުވަހު އެތަނުގައި ތިބެން ޖެހޭނެ ކަމަށް ބަލައިގެން. މި ބައްޔަށް ފަރުވާ ދެވެނީ ވަރަށް މަދު ތަނަކުން. އެންމެ ކައިރިން އެންމެ ރަނގަޅު ފަރުވާއެއް ލިބެން އޮތީ ބެންކޮކް ހޮސްޕިޓަލުން ކަމަށްވާތީ އެތަނަށް ދިޔައީ،" ޒާހިލްގެ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ޒާހިލްއަށް ފަރުވާ ދިނުމަށް އައިސީޔޫގައި ބާއްވަން ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އެގޮތުން ދިހަ ދުވަހަށް 19،000 ޑޮލަރު އަދި އޮޕަރޭޝަނަށް 15،000 ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"ދިހަ ދުވަހަށްވުރެ އިތުރުވެެއްޖެ ނަމަ އަނެއްކާ ވެސް އިތުރު އެހީ ހޯދަން ޖެހޭނެ. ދިހަ ދުވަހަށް އަޅުގަނޑުމެން ލަފާކުރަނީ 1.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް،" އޭނާ ބުންޏެވެ.

ޒާހިލްގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ބޭންކް އެކައުންޓަށް 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވެ އެވެ. އޭނާ ބުނީ ޒާހިލް އަށް އެހީވުމަށް އެކި ކެމްޕެއިންތައް މިހާރުވެސް ހިންގަމުން އަންނާތީ އެހީގެ އަދަދު ދެ މިލިއަނާ ގާތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޒާހިލް އަށް ފަރުވާ ހޯދުމަށް ބޭރުގެ ހޮސްޕިޓަލްތަކަށް އާއިލާ އިން ލިޔެކިއުންތައް ފޮނުވުމުން ބެންކޮކުގެ ހޮސްޕިޓަލަކުން ވަނީ އޭނާ އަށް ފަރުވާ ކުރެވޭނެ ކަމަށް ބުނެފަ އެވެ.

ހދ. ނެއްލައިދޫ އަށް އުފަން ޒާހިލް ބަލިވެ އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެންމެ ކުޑައިރުއްސުރެ ހަމުގެ ބަލިތަކެއް ތަހައްމަލްކުރަމުން ދިޔަ ޒާހިލް އަށް މިހާރު ވަނީ ގޮހޮރުގެ މައްސަލައެއް ވެސް ދިމާވެފަ އެވެ. އެހެންވެ، އޭނާ އަށް ކާން ދެނީ ހޮޅި ބޭނުންކޮށްގެންނެވެ. ޒާހިލް އަށް އެހީވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފައިސާ އެއްކުރުމުގެ ހަރަކާތްތަކެއް ހިންގަމުން އަންނައިރު، ކަޕްކޭކު ވިއްކައިގެން ކޭކު ޑޯނާސް އިން ވަނީ ދެ ފަހަރެއްގެ މަތިން ހަތަރު ލައްކައެއްހާ ރުފިޔާ ހޯދައިފަ އެވެ. އަދި އެކި ރަށްރަށުގައި ވެސް އަންނަނީ ޒާހިލްއަށް އެހީވުމަށް ހަރަކާތްތައް ހިންގަމުންނެވެ. އަދި އެންސްޕާ އިން ވެސް ވަނީ އެހީ ދޭން ނިންމައިފަ އެވެ.