14 މެއި 2021 - 16:58

ލިބުނު މައުލޫމާތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށް، ޚާއްސަ އޮޕަރޭޝަނެއް އެއާޕޯޓްގައި އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެކަމާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ.
އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް ސިފައިންނާއި ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން މުހިންމު އޮފީސްތަކާއި އިމާރާތްތަކުގެ ކައިރީގައި ހަތިޔާރާ އެކު ސިފައިން ފޯރި މަރަމުން ދާއިރު، ދައުލަތުގެ އިސް ބޭފުޅުންގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ދަނީ ހިންގަމުންނެވެ.
ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު އިއްޔެ ވަނީ ޖަރުމަނަށް ވަޑައިގެންފަ އެވެ.