14 މެއި 2021 - 17:03

މިއަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 48 ޕަސެންޓު މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި ބުދަ ދުވަހުގެ ނިޔަލަށް 39،440 ރިސޯޓު މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. މިއީ ރިސޯޓު މުވައްޒަފުންގެ 97 ޕަސެންޓެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މުޅި ޓޫރިޒަމް ދާއިރާގެ 40،192 މުވައްޒަފުން ވަނީ މިހާތަނަށް ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. މީގެ ތެރޭގައި ރިސޯޓު މުވައްޒަފުންގެ އިތުރުން ގެސްޓުހައުސްތަކުގައި މަސައްކަތް ކުރާ 306 މުވައްޒަފަކާއި ލިވަބޯޑުތަކުގައި މަސައްކަތް ކުރާ 220 މުވައްޒަފަކާއި ޓޫރިސްޓު ހޮޓާތަކުގައި މަސައްކަތް ކުރާ 70 މުވައްޒަފެއް ހިމެނެ އެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ 67 މުވައްޒަފުންނާއި ޓްރެވަލް އެޖެންސީތަކުގައި މަސައްކަތް ކުރާ 25 މުވައްޒަފަކާއި ރިސޯޓުތަކަށް ދާ 64 ޕަފޯމަރުންނަށް ވެސް ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީން ވަނީ ރާއްޖެއަކީ ޓޫރިޒަމް ދާއިރާގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރާ ދުނިޔޭގެ ފުރަތަމަ ގައުމަށް ހެދުމަށް ކެމްޕޭނެއް ވެސް ފަށައިފަ އެވެ. "އައި އެމް ވެކްސިނޭޓެޑް" ކެމްޕޭނުގެ ދަށުން ޓޫރިސްޓު ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމުން ބެޖެއް ދޭނެ އެވެ. މި ބެޖަކީ އެ މީހާއަކީ ކޮވިޑް-19ގެ ދިފާއުގައި މިވަގުތު އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން ހުރި މީހެއްކަން ޓޫރިސްޓުންނަށް އަންގައި ދިނުމެވެ.