މިވަގުތު 48 ރަށެއް ބަންދު، މިއީ ރިކޯޑެއް
މިވަގުތު 48 ރަށެއް ބަންދު، މިއީ ރިކޯޑެއް

ކޮވިޑް-19 ގެ ހާލަތު ގޯސްވެ މިވަގުތު 48 ރަށަކަށް އަރައިފޭބުން މަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، މިހާ ގިނަ ރަށްތަކެއް އެއް ފަހަރާ ބަންދުކޮށްފައި އޮތް ފުރަތަމަ ފަހަރެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް މިއަދު ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫއަށް އަރައިފޭބުން މަނާކުރުމާ އެކު ޖުމްލަ 48 ރަށެއް އޮތީ ކޮވިޑް ފެނިގެން ބަންދުކޮށްފަ އެވެ.

އެޗްއީއޯސީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މިހާރު އެންމެ ގިނަ ދުވަސްވަން މޮނިޓަރިންގައި އޮތް ރަށަކީ ޅ. ނައިފަރެވެ. އެރަށަށް އަރައިފޭބުން އެޗްޕީއޭ އިން މަނާކުރީ މާޗު މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް މަހުގެ ތެރޭގައި 16 ރަށެއް ބަންދުކުރިއިރު މިމަހުގެ މިހާތަނަށް 31 ރަށެއް ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖެ، ކޮވިޑްގެ ހަތަރުވަނަ ރާޅުގައި މިހާރު އޮތްއިރު މިވަގުތު އެންމެ ހާލަތު ގޯހީ މާލޭގަ އެވެ. ރަށްރަށަށްވުރެ މާލެއިން ފެންނަ ކޮވިޑްގެ ކޭސްތައް އިތުރެވެ. އެގޮތުންް 12، 13 ވަނަ ދުވަަހު ނެގި 4500 ސާމްޕަލްގެ ތެރެއިން 1216 މީހުން ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 1013 މީހުން މާލެއިން ޕޮޒިޓިވްވިއިރު ރަށްރަށުން ޕޮޒިޓިވްވީ 201 މީހެކެވެ.

ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައި އޮތް 259 މީހަކަށް އެބަ ފަރުވާދެ އެެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އެބަދެ އެވެ. މިއަދު އެކަނި ވެސް ތިން މީހަކު މަރުވި އެވެ. މިއާއެކު އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 90 އަށް އަރަ އެވެ.

އެއް ފަހަރާ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު އެކްޓިވް ކޭސްތައް ވެސް ދަނީ ގިނަވަމުންނެވެ. އެގޮތުން މިވަގުތު ބަލިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު 13،784 އަށް އަރަ އެވެ. ރާއްޖެއިން މިހާތަނަށް 41،308 މީހަކަށް ބަލި ޖެހުނުއިރު ރަނގަޅުވެފައި ވަނީ 27،428 މީހެކެވެ.

ރާއްޖޭގެ ހާލަތު ގޯސްވަމުންދާނީ ފިޔަވަޅުތައް ވެސް އަންނަނީ ވަރުގަދަކުރަމުންނެވެ. މިހާރު މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުންދެ އެވެ. އެ ވަގުތު ބޭރަށް ނިކުތުމާއި ވިޔަފާރިތައް ވެސް ބަންދުކުރެ އެވެ. އަދި އޮފީސްތަކާއި ސްކޫލުތައް ވެސް މާލޭ ސަރަހައްދުގައި ބަންދެވެ.

މާލޭގެ އިތުރުން ދެކުނުން އެންމެ އާބާދީ ބޮޑު އައްޑޫ އާއި ފުވައްމަލަކުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ. އަދި ބައެއް ރަށްރަށުގައި ވެސް ކާފިއު ހިންގަމުންދެ އެވެ.