ރިޝީ މަރުވިޔަސް ދަރިންނާ އެކު އުޅެން ބޭނުމެއް ނޫން: ނީޓޫ
ރިޝީ މަރުވިޔަސް ދަރިންނާ އެކު އުޅެން ބޭނުމެއް ނޫން: ނީޓޫ

އަބަދު ވެސް ޕްރައިވެސީ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި ފިރިމީހާ ރިޝީ ކަޕޫރް މަރުވިޔަސް ބޭނުން ވަނީ ކުދިންނާ ވަކިން އެކަނި އެކަނި އުޅެން ކަމަށް ނީޓޫ ސިންގް ބުނެފި އެވެ.

އޭނާ ބުނީ އުޅެ ބޮޑުވީ ވެސް ޕްރަވައިވެސީ ވަރަށް ބޮޑަށް ލިބިގެން ކަމަށާއި އެހެންވެ މިހާރު ވެސް އެކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ނީޓޫ މުމްބާއީގައި ވަކި ގެއެއްގައި އެކަނި ދިރިއުޅޭ އިރު ދެ ކުދިންގެ ތެރެއިން އަންހެން ދަރިފުޅު ރިދިމާ ކަޕޫރް ދިރިއުޅެނީ ފިރިމީހާއާ އެކު ނިއު ދިއްލީގަ އެވެ. ފިރިހެން ދަރިފުޅު އެކްޓަރު ރަންބީރް ކަޕޫރް ވެސް އުޅެނީ އޭނާގެ ވަކި އެޕާޓްމަންޓެއްގައި އެހެން ތަނެއްގަ އެވެ.

"އަހަރެން އަބަދު ވެސް ދަރިން ދެކެ ވަރަށް ލޯބިވޭ. އެކަމަކު ކުދިން އަބަދު ގާތުގައި ތިބޭ ނަމަ އަހަރެން ވަރަށް ސްޓްރެސްވޭ،" ނީޓޫ، 62، ބުންޏެވެ. "އަބަދު ވެސް އަހަރެން ދަރިންގެ ގާތުގައި ބުނަން އެ މީހުން ވަނީ އަހަރެންގެ ހިތާ އެކީގައޭ. ބޮލަކު ނޫނޭ."

އޭނާ ބުނީ ކުދިން ކިޔެވި ދުވަސްވަރު ގައުމުން ބޭރަށް ކިޔަވަން ދިއުމުން އެކަމާ ހެދި އެކަނިވެރިކަން އިހުސާސްކުރެވިގެން އުޅުނު ކަމަށެވެ.

"އެކަމަކު އަބަދު ވެސް އަހަރެން ހަނދާނުގައި ބަހައްޓަން އަބަދަކު ދަރިންނެއް ގާތަކު ނުތިބޭނެކަން. ދެން އެހެން ނޫނަސް އަހަރެން އެންމެ ކުރިން ފެށިގެން ވެސް ބޮޑަށް އާދަވެފައި ހުރީ ޕްރައިވެސީ އަށް އިސްކަންދެވޭ ލައިފްސްޓައިލަކަށް،" ނީޓޫ ބުންޏެވެ. "އެހެންވެ އެކަން ބޭނުންވޭ އަބަދު ވެސް."

ރަންބީރާއި ރިދިމާ، މަންމައާ ވަކިން އުޅުނަސް އެ މީހުން ވަރަށް ގިނައިން ނީޓޫ އަށް ޒިޔާރަތްކުރެ އެވެ. ވަކިން ބޮޑަށް ހާއްސަ ދުވަސްތަކުގަ އެވެ.

ނީޓޫގެ ފިރިމީހާ ރިޝީ ލޭގެ ކެންސަރުގައި މަރުވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 30 ގަ އެވެ.

ނީޓޫ މިހާރު އަންނަނީ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ އިން ހަދާ "ޖުގް ޖުގް ޖިއޯ" އެވެ. އެ ފިލްމުގައި އޭނާއާ އެކު އަނިލް ކަޕޫރާއި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ވެސް ފެނިގެން ދާނެ އެވެ.