14 މެއި 2021 - 09:51

ރޭ މެންދަމާއި މިއަދު ހެނދުނު ކޮވިޑް-19 ގައި ރާއްޖޭން އިތުރު ތިން މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ މެންދަމުން އަލިވެ 2:24 ގައި އަދި ހެނދުނު 6:30 ގައި ދިވެހި ދެ ފިރިހެނުން މަރުވެފައިވާ ކަމަށެވެ. މިއަދު 9:30 ގައި ވަނީ އަންހެނަކު މަރުވެފަ އެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މި ތިން މީހުންގެ ތެރެއިން ފުރަތަމަ މަރުވި މީހާ އަކީ އުމުރުން 64 އަހަރުގެ މީހެކެވެ. ދެން މަރުވީ 86 އަހަރުގެ މީހެކެވެ. އެންމެ ފަހުން މަރުވީ 86 އަހަރުގެ އަންހެނެކެވެ.
މި ތިން މަރާ އެކު މި މަހު ކޮވިޑް ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރައި މި ބަލީގައި ރާއްޖޭން މިހާތަނަށް މަރުވި މީހުންގެ އަދަދު 90 އަށް އަރައިފަ އެވެ.
މިއީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން އެންމެ ގިނަ މީހުންނަށް ބަލި ޖެހެމުން އަންނަ ދުވަސްވަރު ކަމަށް ވުމުން ބަލީގައި ހާލު ބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވެ ހޮސްޕިޓަލްތަަކަށް ވަނީ ބާރު ބޮޑުވެފަ އެވެ. މިހާރު ވެސް 250 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ކޮވިޑްގައި މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީ ވެސް މި މަހު އެވެ.
އިއްޔެގެ އިރު އޮއްސުމާ ހަމަޔަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 41,308 އަށް އަރައިފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 27,428 އަށް އަރަ އެވެ. އެކްޓިވް ކޭސްތައް 13،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ.