އަމީތާބު ބުނަނީ ބްލޮގުގެ ޒަމާން ހިނގައްޖެ ކަމަށް
އަމީތާބު ބުނަނީ ބްލޮގުގެ ޒަމާން ހިނގައްޖެ ކަމަށް

ބްލޮގްގެެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެ އަމިއްލަ ބްލޮގް ހުއްޓާލަން އުޅޭ ކަމުގެ އިޝާރާތެއް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ދީފި އެވެ.

އޭނާ އަކީ ބްލޮގްގެ މަގުބޫލުކަން ވައިގައި ހިފި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ވެސް އަމިއްލަ ބްލޮގް އަޕްޑޭޓްކުރާ މީހެކެވެ. ބްލޮގަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ވަރަށް ބޮޑަށް މަގުބޫލުވި އެއްޗެކެވެ. އެގޮތުން އަމީތާބަކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި ފިލްމީ ކެރިއަރުގެ ވާހަކަތަކުގެ އިތުރުން ވެސް ފޭނުންގެ ޝައުގުވެރިކަން ލިބޭ އެތައް ވާހަކައެއް މިހާތަނަށް ބްލޮގްގައި ގެނެސްދީފައިވާ ފަންނާނެކެވެ.

ނަމަވެސް ބުދަ ދުވަހު އޭނާ އާންމުކުރި ދިގު ލިޔުމުގައި ބުނެފައި ވަނީ ބްލޮގްގެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަން އެންމެ ބޮޑަށް އެނގެނީ ލިޔުންތަކުން މީހުން ކުރާ ކޮމެންޓްތަކުގެ އަދަދުން ކަމަށެވެ. އަމީތާބް ބުނީ އޭނާ ބްލޮގްގެ މަސައްކަތް ފެށި ދުވަސްވަރު ލިޔުންތަކަށް 500 އިން ކޮމެންޓް ލިބި ފަހުން އެ އަދަދު 1،000 އިން މައްޗަށް ވެސް އަރާފައިވާ ކަމަށެވެ. އެކަމަކު މިހާރު ލިޔުންތަކަށް ލިބެނީ އެންމެ ގިނަވެގެން ވެސް 100 އެއްހާ ކޮމެންޓް ކަމަށް ބުންޏެވެ.

"ޒަމާނާއި ޖީލުތަކަށް ބަދަލުތަކާ އެކު ކުރީގެ އެތައް ކަމެއްގެ ޝައުގުވެރިކަން ގެއްލި އާ ކަންކަމުގެ ތެރެއަށް މީހުން ދާނެ. އެހެންވީމަ މިހާރަކީ ބްލޮގްގެ ޒަމެއް ނޫން. މިހާރު އެއްޗަކީ ފޭސްބުކާއި އިންސްޓަގްރާމާއި ޓްވިޓާތައް ފަދަ ޕްލެޓްފޯމްތައް،" އެ ޕްލެޓްފޯމްތައް ވެސް ބޭނުންކުރާ 78 އަހަރުގެ އެކްޓަރު ބުންޏެވެ.

އަމީތާބް ބުނި ގޮތުގައި މިހާރު އާންމުންގެ ޝައުގުވެރިކަން ނުލިބޭ ކަމެއް އޭނާ ވެސް ތަކުރާރުކޮށް ކޮންމެ ދުވަހަކު ކުރުމުގެ މާނައެއް ނެތެވެ.

"އެހެންވީމަ މި ދޫކޮށްލައި ދެން ކޮންމެވެސް އެހެން އެއްޗެއް ކަންނޭނގޭ އަނެއްކާ ވެސް ހޯދަންވީ." އޭނާ ބުންޏެވެ.

ފިލްމީ މަސައްކަތުގައި ބުރަކޮށް އުޅެމުން ބްލޮގް ލިޔުމަކީ އަމީތާބް ހިތްހަމަޖައްސައިލަން އެންމެ ބޮޑަށް ކުރާ އެއް ކަންތައްތަކެވެ. އެގޮތުން ދަންވަރުގެ ގިނަ ވަގުތު އެކަމަށް އޭނާ މިހާތަނަށް ވަގުތު ހުސްކުރަމުން ގޮސްފައިވެ އެވެ.

އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ"، "ޖުންދު"، "ބުރައްމަސްތުރާ"، "މޭޑޭ" އަދި "ގުޑްބާއި" ހިމެނެ އެވެ. އޭނާ ހޯސްޓްކުރާ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 13 ވަނަ ސީޒަން ވެސް ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.