13 މެއި 2021 - 19:19

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ވާދަކުރުމަށް ޗައިނާ އަށް ފުރެންދެން، ގައުމީ ފުޓްބޯޅަ ޓީމުން ހޮޓެލް ޖެންގައި ކޭމްޕްކޮށްފި އެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ އޮތް މެޗުތައް އަންނަ މަހު ކުޅުމަށް ހަމަޖެހިފައި ވަނީ ޗަައިނާގަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އަންނަ ބުދަ ދުވަހު ޗަައިނާ އަށް ފުރަންދެން ގައުމީ ޓީމު ތިބޭނީ ހޮޓެލް ޖެންގައި ކަމަށެވެ.
ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ ގައުމީ ސްކޮޑް ހޮޓެލްގައި ކޭމްޕް ކުރީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ކޮލިފައިންގެ މެޗުތަކަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނެގި ނަމަވެސް، ކޭމްޕްކޮށްފައިވަނީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ. ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުން ކޭމްޕަށް ވަނުމުގެ ކުރިން ޕީސީއާރް ޓެސްޓް ހެދި އެވެ.
ޖަވާ ވިދާޅުވީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން އާންމުކޮށް އިއުލާން ކުރާނީ ކުޅުންތެރިން ސްކޮޑް ފައިނަލްވުމުން ކަމަށެވެ.
ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. ސިރިއާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެނެވެ. ދެ ވަނައިގައި އޮތް ޗައިނާއިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމް އާ ދެކޮޅަށް ކުޅުނު ދެމެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.
މެޗުތަކަށް ކުޅުންތެރިން ތައްޔާރު ކުރުމަށް އެފްއޭއެމުން ވަނީ، ގައުމީ ޓީމުގެ ފިޓްނަސް ކޯޗުގެ މަގާމަށް، ހޮލެންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ގާހާޑް ވާމިންކް ހަމަޖައްސައިފަ އެވެ. ފިޓްނަސް ކޯޗެއްގެ ގޮތުގައި ގައުމީ ޓީމުގައި އޭނާ މަސައްކަތްކުރާނީ ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.
ވާމިންކް، ވަނީ ހޮލެންޑްގެ ތަޖުރިބާކާރު ކޯޗުންނާ އެކު މަސައްކަތް ކޮށްފަ އެވެ. ޑަޗް ލީގުގައި ވާދަކުރަމުން އަންނަ ކްލަބު، ޕެކް ޒްވާލާގައި ވެސް އޭނާ މަސައްކަތް ކުރި އެވެ. އަދި ހޮލެންޑްގެ މަޝްހޫރު ކޯޗުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ޔާޕް ސްޓާމް އަދި ހޮލެންޑްގެ މަޝްހޫރު އެހެން ކޯޗެއް ކަމަށްވާ، ޖޯން ވާންޓް ޝްކިޕްއާ އެކު ވެސް އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވާމިންކް މަސައްކަތްކުރި އެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ހުށަހެޅުން ވާމިންކް ގަބޫލު ކުރިއިރު، ހޮލެންޑްގެ ފުޓްބޯޅަ ފެޑްރޭޝަން (ކޭއެންވީބީ) އާއި ހޮލެންޑްގެ ވަރުގަދަ ކްލަބެއް ކަމަށްވާ ފަޔަނޫޑާއެކު އޭނާ ދިޔައީ ވާހަކަ ދައްކަމުންނެވެ. ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރެއްގެ ގޮތުގައި ވެސް ފާހަގަވެފައިވާ ވާމިންކް ކޭއެންވީބީ އާއި ފަޔަނޫޑާއެކު ވާހަކަ ދައްކަމުން ދިޔައީ ޔޫތު ޓީމުތަކުގައި މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް އެއްބަސް ވުމަކަށް ނާދެވެނީސް ރާއްޖެއިން ހުށަހެޅުން ލިބުމުން އޭނާ ވަނީ ރާއްޖޭގެ ގައުމީ ޓީމުގައި މަސައްކަތްކުރަން އެއްބަސް ވެފަ އެވެ.
ކޫޕްމަންގެ ސީނިއާ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. ދެ ވަނަ އެސިސްޓެންޓް ކޯޗަކަށް ކުރިން ހުރި، ރެނޭ ހިޑިންކް ވަނީ 23 ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސައިފަ އެވެ.
ކޫޕްމަން ކޯޗު ކަމުގެ ދަށުން ގައުމީ ޓީމުން އަދި މެޗެއް ނުކުޅެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޯޗު ކަމުގައި އޭނާ ހޭދަ ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކޮވިޑްގެ ސަބަބުން މެޗުތައް ތިން ފަހަރެއްގެ މަތިން އޭއެފްސީން ފަސް ކުރި އެވެ.