ޗެމްޕިއަންސް ލީގުގެ ފައިނަލް ޕޯޗުގަލް އަށް ބަދަލުކޮށްފި
ޗެމްޕިއަންސް ލީގުގެ ފައިނަލް ޕޯޗުގަލް އަށް ބަދަލުކޮށްފި

ޕެރިސް (13 މެއި) - ތުރުކީގެ އިސްތަންބޫލްގައި ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕޯޗުގަލް އަށް ބަދަލުކުރުމަށް ޔުއޭފާ އިން ނިންމައިފި އެވެ.

އިންގްލެންޑްގެ ދެ ކްލަބު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ މި މަހުގެ 29 ވަނަ ދުވަހު ވާދަކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ ޕޯޗުގަލްގެ ޕޯޓޯގަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އެފްސީ ޕޯޓޯގެ ހޯމް ސްޓޭޑިއަމް ކަމަށްވާ "އެސްޓާޑިއޯ ޑޮ ޑްރަގާއޯ"ގަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް ޕޯޗުގަލް އަށް މި ބަދަލުކުރީ މި މެޗަށް ދެ ކްލަބުގެ ސަޕޯޓަރުންނަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުންނެވެ. ކޮވިޑް-19ގެ ސަބަބުން ތުރުކީ އާއި އިނގިރޭސިވިލާތާދެމެދު ދަތުރުފަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކޮންމެ ކްލަބަކަށް ވެސް 6000 ސަޕޯޓަރުން ވެއްދުމުގެ ފުރުސަތު ޔުއޭފާ އިން ވަނީ ދީފަ އެވެ.

"ސީޒަންގެ އެންމެ ބޮޑު މެޗަށް ދެ ކްލަބުގެ ސަޕޯޓަރުންނަށް ހާޒިރުނުވެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ޔުއޭފާގެ ރައީސް އެލެކްޒަންޑާ ޝެފެރިން ވިދާޅުވި އެވެ. "ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ފުރުސަތު ލިބުނީމަ ވަރަށް އުފާވެއްޖެ."

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް ވެސް ކުޅުނީ ޕޯޗުގަލްގަ އެވެ. -- އޭއެފްޕީ