14 މެއި 2021 - 10:13

ފިތުރު އިދު ދުވަހު ރިލީޒްކުރި ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" އަކީ ބޮޑެތި އުންމީދުތަކެއް ކުރެވުނު ފިލްމަކަށް ވިޔަސް އެއީ ރަނގަޅު ޕްލޮޓެއް ނެތް ވަރަށް ފީކަޅާ ފިލްމެއް ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި ފިލްމުގައި މާ އޮއްޓަރު ހުރި ޕްލޮޓެއް ނެތް ނަމަވެސް ފިލްމަކީ ސަލްމާންގެ ފޭނުން ފޫހިފިލުވަން ކަމުދާ ޒާތުގެ ފިލްމަކަށް ވެދާނެ އެވެ. އެކަމަކު ފިލްމު ފެށިގެން ގޮސް ނިމުމާ ހަމައަށް "ރާދޭ" ގައި މާ ޝައުގުވެރި އާ ކަންތައްތަކެއް ނެތެވެ. ތަރަން ބުނި ގޮތުގައި ފިލްމު ބޮޑަށް ވައްތަރީ ސަލްމާން ކުރިން ކުޅެފައިވާ ބައެއް ފިލްމުތަކުގެ މަންޒަރުތައް އަލުން މޮޑެލައިގެން ގެނެސްދީފައި އޮތް އެއްޗަކާ އެވެ.
ޕްރަބޫދޭވާ ޑައިރެކްޓްކުރި "ރާދޭ" އަސްލަކަށް ބަލާފައި ވަނީ 2017 ގެ ކޮރެއާ ފިލްމު "ދި އައުޓް ލޯސް" ކަމަށް ވިޔަސް އެ ފިލްމާ ގާތްކުރާ ވަރުގެ އެއްޗަކަށް ވެސް ފިލްމު ނުވާ ކަމަށް ތަރަން ބުންޏެވެ. "ރާދޭ" ގެ މައިގަނޑު ޕްލޮޓަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ކެރެލާގެ ފުލުހެއްގެ ރޯލެވެ. އެގޮތުން މުޅި ފިލްމުގެ ވާހަކަ ބިނާވެފައި އޮތީ ސަލްމާން (ރާދޭ) އާއި މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ފިލްމުގެ މައި ވިލަން ރަންދީޕް ހޫޑާ (ރާނާ) ސައިޒްކުރަން ކުރާ މަސައްކަތަށެވެ.
ތަރަން ފާހަގަކުރި ގޮތުގައި "ރާދޭ" ގެ ބަތަލާ ޑިޝާ ޕަޓާނީ އަކީ ހަމަ ނަމެއްގައި ފިލްމުގައި ބޭނުންކޮށްފައިވާ ތަރިއެކެވެ. އޭނާގެ މާ ބޮޑު ރޯލެއް އަދި ފިލްމުގެ ވާހަކަގައި މާ ބޮޑު ބައިވެރިވުމެއް ނެތެވެ.
ޖުމްލަކޮށް ތަރަން ބުނީ "ރާދޭ" އަކީ ސްކްރީންޕްލޭ ބަލިކަށިކަމުން އާ ކަމެއް ނެތް ވަރަށް ފޫހި ފިލްމެއް ކަމަށެވެ. އެކަމަކު ސަލްމާން އޭނާގެ ކެރެކްޓާ އަށް ވަރަށް ރަނޅަށް އިންސާފުކޮށް ދީފައިވާތީ އޭނާގެ ފޭނުންނަށް "ރާދޭ" އަކީ ފޫހިފިލާ ކަހަލަ ފިލްމެއް ކަމަށް ބުންޏެވެ. އަދި ފިލްމުގެ ލަވަތަކުގެ ތެރެއިން "ސީޓީ މާރް" އާއި ޓައިޓްލް ލަވަ "ރާދޭ" އަކީ ފިލްމުގެ ރިލީޒްކުރުމުގެ ކުރިން ވެސް ބެލުންތެރިންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ދެ ލަވަ އެވެ.
ތަރަންގެ ރިވިއުގައި ފިލްމު ބޮޑު "ބޮޑު މާޔޫސީއެއް" ގެ ގޮތުގައި ސިފަކޮށް އެއަށް ދީފައި ވަނީ ފަސް ތަރިން ދެ ތަރީގެ ރޭޓިންއެކެވެ.