ޔުނައިޓަޑްގެ ކުރީގެ ތަރި ވެލެންސިއާ ކުޅުން ހުއްޓާލައިފި
ޔުނައިޓަޑްގެ ކުރީގެ ތަރި ވެލެންސިއާ ކުޅުން ހުއްޓާލައިފި

މެންޗެސްޓާ ޔުނައިޓަޑާއި އިކުއެޑޯގެ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށްފައިވާ އެންޓޯނިއޯ ވެލެންސިއާ ކުޅުން ހުއްޓާލައިފި އެވެ.

މެކްސިކޯގެ ކުއެރެޓާރޯ އަށް ކުޅެމުންދާ ވެލެެންސިއާ ،35، ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާންކުރިއިރު، އޭނާ އަށް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

"އަހަރެންގެ ކެރިއަރު މި ނިންމާލަނީ ކުއެރެޓާރޯގައި،" ވެލެންސިއާ އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ. "އަހަރެން ހިޔެއް ނުކުރަން މިހާ އަވަހަށް އަހަރެންގެ ކެރިއަރު ނިންމާލަން ޖެހޭނެކަމަކަށް. އެކަމަކު (އަނިޔާގެ މައްސަލަތަކާހެދި) އަހަރެންގެ ހަށިގަނޑަށް ދެން އިތުރަށް ކެތެއްނުވާނެ."

ވެލެންސިއާ ވަނީ 2009 އިން 2019 އަށް ޔުނައިޓަޑަށް ކުޅެފަ އެވެ. އަދި ޔުނައިޓަޑް ދޫކޮށްލިއިރު، ވެލެންސިއާ އަކީ އެ ޓީމުގެ ކެޕްޓަނެވެ. ޔުނައިޓަޑާއެކު ވެލެންސިއާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައިފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގުގެ ތަށި ވެސް އެ ޓީމާއެކު ވެލެންސިއާ އުފުލާލި އެވެ.

އިކުއެޑޯގެ ނަސިއޮނާލް ޑިކުއިޓޯ އިން ކެރިއަރު ފެށި ވެލެންސިއާ ސްޕެއިންގެ ވިޔަރެއާލަށް ބަދަލުވީ 2005 ވަނަ އަހަރެވެ. އަދި 2004 ވަނަ އަހަރު އޭނާ ވިގަން އަށް ބަދަލުވެ، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ފެށި އެވެ. ވިގަންގައި ވެލެންސިއާ ދެއްކި ކުޅުން ފާހަގަވެ، ޔުނައިޓަޑަށް އޭނާ 2009 ވަނަ އަހަރު ގެނައީ އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އެވެ.

އިކުއެޑޯގެ ގައުމީ ޓީމަށް 99 މެޗު ކުޅެފައިވާ ވެލެންސިއާ ވަނީ 2006 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. -- އޭއެފްޕީ