13 މެއި 2021 - 07:52

ދައުލަތުގެ ނިޝާން ކުރެއްސެވުމުގައި ހިއްސާވެ ވަޑައިގެންނެވި އަދި ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ދިވެހި ފައިސާގެ ނޫޓްތައް ކުރެއްސެވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އުމުރުން 93 އަހަރުގައި ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.
މިދިޔަ އަހަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސަރުދާރު ދޮންބެ އަށް ފަރުވާ ދީފައިވެ އެވެ. އަދި އޭނާ އޭރު ހިމެނުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖޭން އެ ބަލިން ރަނގަޅުވި އެންމެ ދުވަސްވީ މީހުންގެ ތެރޭގަ އެވެ.
ސަރުދާރު ދޮންބެ އަވަހާރަވީ އާދައިގެ ހާލުކޮޅެއްގައި ހުންނެވުމަށް ފަހު ކުއްލި ގޮތަކަށް ކަމަށް އެނގިފައިވެ އެވެ. އަވަހަރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އުމުރުން 25 އަހަރުން ފެށިގެން ކުރެހުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ސަރުދާރު ދޮންބެ އަށް ވަނީ ކުރެހުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދެއްވައިފަ އެވެ. ސަރުދާރު ދޮންބެ އަށް 1996 ވަނަ އަހަރު ސަރުކާރުން ދެއްވި އާންމު ހިދުމަތުގެ އިނާމާ ބެހޭ ތަފްސީލްގައިވާ ގޮތުން އޭނާ އަކީ ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި ގިޑިގެ ޑިޒައިން ކުރެއްވުން ފަދަ މަސައްކަތްތައް ފުރިހަމަ އަށް ކުރައްވާ ބޭފުޅެކެވެ.
މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކައްޓާއި، މަހުގެ ހަމުން އެއްޗިހި ހެދުން ހިމެނެއެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު ދިގު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައްވެސް ހިމެނޭ ކަމަށާއި އޭނާ އަކީ ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔާ ކަމަށް ބުނެފައިވެ އެވެ.
ސަރުދާރު ދޮންމަނިކަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ ކުރެހުންތެރިޔާ އެވެ. އުމުރުން 15 އަހަރުގައި 1940 ގައި ކުރެހުމުގެ ތެރެއަށް ވަން ސަރުދާރު ދޮންމަނިކަކީ ކުރެހުމާއި އަތްތެރި މަސައްކަތުގެ އިތުރުން ޑައިވް ވެސް ކުރެއްވި ބޭފުޅެކެވެ މީހެކެވެ. އެގޮތުން ލަކުޑީގެ މަސައްކަތް، މުތްތޮށީގެ މަސައްކަތް، ކަހަނބު ފަތުގެ މަސައްކަތް އަދި ކުރެހުމުގެ ރޮނގުން ވެސް ރާއްޖޭގެ ގިނަ މައުރަޒުތަކުގައި ބައިވެރިވެ ވަނަތައް ހޯއްދެވި އެވެ.