12 މެއި 2021 - 22:05

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު، އެ މަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައިރު، އެތަނުގެ ބޭރު ފުރާލައިފައި އޮތީ ސަޕޯޓަރުންނެވެ. ހާލު ބަލައިލުމަށާއި މޫނު ދެކެލުމަށް ބޭނުންވެފައި ތިބި އެތައް ސަޕޯޓަރުންނެކެވެ. އެކަމަކު ހަމަލާއަށް ފަހު އާންމުންނަށް އެ މަނިކުފާނު ނުފެނި، ހަފުތާއެއް ވާން ކައިރިވެފައި ވަނިކޮށް، މިއަދު ފޮޓޯއަކުން އެ ވަނީ ފެނިފަ އެވެ.
އޭޑީކޭގައި ނަގާފައިވާ މި ފޮޓޯގައި ނަޝީދާ އެކު އެ ހޮސްޕިޓަލުގެ ހަތަރު ނަރުހަކު ތިއްބެވެ.
ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި އޮތީ އެ މަނިކުފާނުގެ ހާލުކޮޅަށެވެ. ކުރުނބާ ރިސޯޓަށް ވަޑައިގަތުމަށްޓަކައި ގެކޮޅު، ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އެ މަނިކުފާނު އަވަހާރަކޮށްލަން ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު ދިން ހަމަލާގައި ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ނަޝީދު މާދަމާ ޖަރުމަނަށް ފުރާ ވަޑައިގަންނަވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، ފަރުވާ ދިނުމުގައި އަމަލުކުރި ގޮތް ތަފްސީލުކޮށް ވިދާޅުވެފަ އެވެ. އެކަން ކުރީ ނަޝީދުގެ އާއިލާ އާއި އެ މަނިކުފާނުގެ ހުއްދައާ ވެސް އެކު އެވެ.
ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ނަޝީދު އަވަހާރަކޮށްލަން ދީފައި ވަނީ ވަރަށް ވަރުގަަދަ ހަމަލާއެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.