ކޮވިޑް-19: މިއަދު 1،572 މީހަކު ޕޮޒިޓިވް، ގިނައީ ކުރީގެ ސާމްޕަލްތައް
ކޮވިޑް-19: މިއަދު 1،572 މީހަކު ޕޮޒިޓިވް، ގިނައީ ކުރީގެ ސާމްޕަލްތައް

މީގެ ކުރީ ދުވަސްތަކުގައި ނަގާފައިވާ ސާމްޕަލްތަކާ އެކު ރާއްޖެ އިން އިތުރު 1،572 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 1،572 ޕޮޒިޓިވް ކޭސްގެ ތެރެއިން 1،315 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. ރަށްރަށުން 242 އަދި ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި މި ފަހަރު ކޮވިޑަށް ޕޮޒިޓިވްވި 1،572 މީހުންގެ ތެރޭގައި ކުރީގެ ސާމްޕަލްތައް ވެސް ހިމެނެ އެވެ. މި މަހުގެ ތިން ވަނަ ދުވަހުގެ ސާމްޕަލަކާއި ހަތަރު ވަނަ ދުވަހުގެ ތިން މީހެއް އަދި ފަސް ވަނަ ދުވަހުގެ 16 މީހަކާއި ހަ ވަނަ ދުވަހުގެ 17 އަދި ހަތް ވަނަ ދުވަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި 20 މީހަކު ހިމެނެ އެވެ. މި މަހުގެ އަށް ވަނަ ދުވަހު 66 އަދި ނުވަވަނަ ދުވަހުގެ 165 ސާމްޕަލާއި 10 ވަނަ ދުވަހުގެ 440 އާއި 11 ވަނަ ދުވަހުގެ 828 ސާމްޕަލް ހިމެނެ އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި އިއްޔެ ހަވީރު ހަޔަކުން މިއަދު ހަވީރު ހަޔަކަށް 5،336 ސާމްޕަލެއް ނެގިއިރު އެ މުއްދސަތުގައި ޕޮޒިޓިވްވެފައި ވަނީ 844 ޕޮޒިޓިވް މީހެކެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެއީ 1،321 ދިވެއްސެކެވެ.

ދެން ތިބީ ބަންގްލަދޭޝްގެ 110 މީހަކާއި އިންޑިއާގެ 66 މީހަކާއި ސްރީ ލަންކާގެ 23 އަދި ނޭޕާލުގެ 10 މީހަކާއި ޕާކިސްތާނުގެ ނުވަ މީހަކާއި އަދި ޖަރުމަނުގެ ފަސް މީހަކާއި ޕިލިޕިންސްގެ ތިން މީހެކެވެ. މީގެ އިތުރުން ރަޝިއާގެ ދެ މީހަކާއި މިސްރުގެ ދެ މީހަކާއި ރޮމޭނިއާގެ ދެ މީހަކު ވެސް އަލަށް ޕޮޒިޓިވް ވެފައި ވެ އެވެ. މީގެ އިތުރުން ވެސް އެހެން ގައުމުތަކުގެ މީހުން ފަހުގެ ސާމްޕަލްތަކުގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 40،092 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވީ 27،123 މީހެކެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 12،873 އަށް އަރަ އެވެ. މިއީ މިއިން ދުވަހަކު ވެސް އެކްޓިވް ކޭސްތައް މައްޗަށް އަރައިގެން ދިޔަ ވަރެއް ނޫނެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 263 މީހަކަށް ފަރުވާދެމުން އަންނައިރު ބަލީގައި 87 މީހަކު މަރުވެފައިވެ އެވެ.