ކޮވިޑް-19: އައްޑު އާއި ފުވައްމުލަކުގެ ކާފިއު ވަގުތު ވެސް އިތުރުކޮށްފި
ކޮވިޑް-19: އައްޑު އާއި ފުވައްމުލަކުގެ ކާފިއު ވަގުތު ވެސް އިތުރުކޮށްފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާތީ އަރައިފޭބުން މަނާކޮށްފައިވާ އައްޑު އާއި ފުވައްމުލަކުގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތު މިރޭ އިތުރުކޮށްފި އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެ ދެ ސިޓީގައި އެޗްޕީއޭ އިން ފުރަތަމަ ކާފިއު އިއުލާންކުރީ ރޭގަނޑު 9 އިން ފަތިހު 4 އަށެވެ. އެކަމަކު މާދަމާ އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް އައްޑު އާއި ފުވައްމުލަކުގައި ކާފިއު ހިންގާނީ، ހަވީރު 6: އިން ފަތިހު 4 އަކަށެވެ.

- ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާ.

- އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން.

- ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން.

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

- ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

- ފިހާރަތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

- ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.

- ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. (ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ)

އެ ފިޔަވަޅުތަކުން އިސްތިސްނާ ވަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނާއި އިމަޖެންސީކޮށްް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުންނެވެ.

އައްޑު އާއި ފުވައްމުލަކުގެ އިތުރުން ވެސް ބައެއް ރަށްތަކުގައި ދަނީ ކާފިއު ހިންގަމުންނެވެ. ކޮވިޑް ކޭސްތައް އިތުރުވާތީ މާލޭގައި ވެސް މިއަދުން ފެށިގެން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަ އެވެ.

ކޮވިޑްގެ ކޭސްތައް ފެނިގެން މިވަގުތު ވެސް 44 ރަށެއް އަރައިފޭބުން މަނާކޮށްފައި އެބަ އޮތެވެ.