12 މެއި 2021 - 19:08

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ހަލުވި ސްޕީޑެއްގައި ފެތުރެމުންދާއިރު، އެ ބަލި ކޮންޓްރޯލް ކުރުމުގެ މަސަައްކަތްތަކަށް އަދިވެސް ވަގުތު ފާއިތުނުވާ ކަމަށާއި ފަރުދީ ޒިންމާ އަށް ވުރެ މުހިންމު ދައުރެއް އަދާކުރާ އެހެން އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.
މާދަމަ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒު ކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާ އަށް ބޭނުންވާނެ ކަމަށެވެ.
"ތިމާގެ އަމިއްލަ ސިއްޙަތަށް އެކަންޏެއް ނޫން. މުޅި މުޖުތަމައުގެ ރައްކަލަށްޓަކައި މި ފިޔަވަޅުތައް ތަންފީޒު ކުރަންޖެހޭ. އަދިވެސް ވަގުތު ފާއިތެއް ނުވޭ،" މިދިޔަ ތިން ވަރަކަށް ހަފުތާގައި ކޮންމެ ދުވަހަކު ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާ މައްސަލައިގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން އާދަޔާ ހިލާފަށް އިތުރުވުމުން މާލެ ސަރަހައްދުގައި މިއަދު ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް ހަފުތާއެއްގެ މުއްދަތަށް ކާފިއު ހިންގަން މިއަދު ވަނީ ފަށައިފަ އެވެ. އަދި ކެފޭ/ރެސްޓޯރަންޓުތަކުގައި ކެއުންބުއިމުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ރަށްރަށަށް ދަތުރުކުރުން ވެސް މަނީ ހުއްޓުވައިފަ އެވެ.
ރައީސް ވިދާޅުވީ، މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފި ނަމަ، އިތުރު ފިޔަވަޅުތައް އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި ނަމަ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ އެވެ.
"ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މި ބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެ އަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެ ވަރަކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ، ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ބާރުތަކާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހުރިހާ އެންމެން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ގައުމީ ހިދުމަތެއްގެ ގޮތުގައި ވަނީ ވަރަށް މަތިވެރި ގުރްބާނީއެއް ކަމަށެވެ. މި ރޯދަމަހު، ރެ އާއި ދުވާލުގެ ގިނަ ވަގުތުތައް އެ މީހުހުން ހޭދަކުރީ، ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންކަމުން، މިއުފާވެރި ފިތުރު އީދުގައި ވެސް، އެ ބޭފުޅުން އެ ކުރައްވާ ދީނީ އަދި ގައުމީ ޖިހާދުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެ ބޭފުޅުން އެ ކުރައްވާ މަތިވެރި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ދަރުމައާއި ސަވާބު ދެއްވާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި،، ކޮވިޑާ ދެކޮޅަށް، އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެ ނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ހާލަތު ގޯސްވެދާނެ އެވެ. އެހެންވެ، އެ ބައްޔަށް މިހާރު ޕޮޒިޓިވްވާ މީހުންގެ ނިސްބަތަށް ބަލައި، އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ ކަމަށް ރައީސް ވިދާޅުވި އެވެ.