ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ
ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފި އެވެ.

އެ މަނިކުފާނު މިރޭ 7:00 ގައި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ނިންމެވިޔަސް އެ މަނިކުފާނު އަލިއަޅުއްވާނެ ދާއިރާތަކެއް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅެއް ނުވެ އެވެ.

ގައުމުގައި މި ވަގުތު އޮތް އެންމެ ބޮޑު ތިން ކަމަކީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ގޮސް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް ފަށާފައިވާ ކާފިއު އާއި އެހެނިހެން ހަރުކަށި ފިޔަވަޅުތަކުގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އާންމު ކުރުމެވެ. އެއާ އެކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައަކީ ވެސް މުޅި ގައުމަށް ބޮޑު ޝޮކެއް ލިބުނު ކަމެކެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އަދި މާ ބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.