12 މެއި 2021 - 17:40

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އިން މަންފާވި މީހުންގެ ތެރެއިން މިހާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަން ހުށަހަޅާ ގޮތަށް މަޖިލީހުގެ 241 ކޮމިޓީން ނިންމާފައި ވިޔަސް، މި ފައިސާ ލިބުނު ކަމަށް ބުނާ ލިސްޓުގައި ވަގުތުން މަގާމުން ވަކިކުރެވޭނެ ގިނަ ބަޔަކު ނެތެވެ.
އެތައް ބަހުސަކަށް ފަހު މިއަދު މަޖިލީހުން އާންމުކުރި، އެސެޓް ރިކަވަރީ ކޮމިޝަނުން ދިން 119 ނަމުގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ ތެރެއިން އެތައް ބަޔަކު ހިމެނެ އެވެ. ނަމަވެސް މިއީ އިންތިޚާބީ މަގާމުތަކަށް ވާނީ އެ ބޭފުޅުން މަގާމުން ވަކިކުރެވޭކަށް ނެތެވެ.
ދެން ހުރީ ކުރީގެ ބައެއް ފަނޑިޔާރުންގެ ނަންތަކާއި މިނިވަން މުއައްސަސާތަކުގެ ކުރީގެ ބައެއް މެންބަރުންނެވެ. މި ބޭފުޅުންގެ ތެރޭގައި ވެސް ގިނައީ އެ ލިސްޓުން ދީފައިވާ މައުލޫމާތަށް ބަލާއިރު އަދި ތަހުގީގަށް މައުލޫމާތު އެއްކުރާ ބޭފުޅުންނާއި ތަހުގީގު ކުރިއަށްދާ ބޭފުޅުންނެވެ. އަދި ބައެއް ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ނުކުރަން ނިންމާފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ލިސްޓުގައި ދީފައިވާ މައުލޫމާތަށް ބަލާއިރު ވަކިކުރެވޭ ފަދަ މަގާމުގައި ތިބި ކަމަށް ފެންނަނީ އަށެއްކަ ނަމެވެ. އެއީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް، ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އިތުރުން ބައެއް ފުލުުހުންނާއި ސިފައިންނެވެ.
މި ބޭފުޅުންގެ ތެރެއިން ވެސް ދައުވާކުރެވޭ ހިސާބަށް މައްސަލަ ނިމިފައި އޮތީ މަހްލޫފްގެ އެކަންޏެވެ. އަކްރަމް ކަމާލުއްދީންގެ މައްޗަށް އޮތީ ޖިނާއީ ދައުވާ ނުކުރަން ނިންމައި، މަދަނީ ބައި ކުރިއަށް ގެންދަން ނިންމައިފަ އެވެ. ދެން ހުރީ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރަމުން ގެންދާ މައްސަލަތަކާއި ތަހުގީގު ކުރިއަށްދާ މައްސަލަތަކެވެ.
މިހާރު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އޮޑިޓަ ޖެނެރަލް ޒިޔަތު ވަނީ އޭނާ އަށް ދީފައިވާ ފައިސާ އަކީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމުން ދިން ފައިސާ ކަމަށާއި އެ ފައިސާ ދިން އިރު އެއީ ޚިޔާނާތުގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން ސުވާލެއް ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ. ލިސްޓުގައި ނަން ހުރި މީހުންގެ ތެރެއިން ތަހުގީގަށް ސުވާލު ނުކުރާ މީހުން ވަރަށް ގިނަ އެވެ.
ލިސްޓުގައި ނަންތަން ހާމަކޮށްފައި ވަނީ ނަމުގެ އިތުރުން އެ މީހެއްގެ ކުރީގެ މަގާމާއި މިހާރު ހުރި މަގާމު އެނގޭ ގޮތަށް ނަމަވެސް އެ މައުލޫމާތު ވެސް ލިސްޓުގައި އަޕްޑޭޓެއް ނޫނެވެ. އެއީ މަގާމުތަކުން އިސްތިއުފާ ދެއްވާފައިވާ ބޭފުޅުންނާއި ވަކިކޮށްފައިވާ ބައެއް ބޭފުޅުން ވެސް މަގާމުގައި ތިއްބެވި ކަމަށް ލިސްޓުގައި އޮތުމުންނެވެ. މީގެ އިތުރުން މިހާރު ވެސް ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ ދިމާވާ ބައެއް ނަންނައް ހުރި ނަމަވެސް އައިޑީކާޑު ނަންބަރާއި މަގާމުގެ މައުލޫމާތު ވެސް ނެތުމުން އެއީ ކޮން ބޭފުޅުންނެއްކަން ކަށަަވަރު ކުރެވޭނެ ގޮތެއް ނެތެވެ.
ބެލެވޭ ގޮތުން މި ލިސްޓުން ވެސް އަދި އެތައް ބައެއްގެ ނަން އުނިވެދާނެ އެވެ. އެއީ އެމްއެމްޕީއާރްސީގެ ފައިސާ ދީފައިވާނެ ކަމަށް، އެ ޚިޔާނާތަށް އިއުތިރާފުވެ މިހާރު ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ތަހުގީގަށް ދީފައިވާ ނަންތަކުގެ ތެރޭގައި ޚިޔާނާތާ ގުޅުމެއް ނެތް މީހުން ވެސް ހިމެނުން އެކަށީގެންވާތީ އެވެ. ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން، އެއީ ކޮން ފައިސާއެއްކަން ނޭނގި ޑޮލަރުގެ މުއާމަލާތްކުރި މީހުންނާއި އެކި ކަންކަމުގައި އެހީތެރިކަމަށް އެދުމުން ފައިސާ ދިން އިރު ޚިޔާނާތުގެ ފައިސާ އިން އެކަން ކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައި ވާތީ އެވެ.