12 މެއި 2021 - 12:56

ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ކަމުގެ މަގާމުން އިސްމާއީލް ސުޖާއު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފައި ވާއިރު، އޭނާގެ ބަދަލުގައި އެހެން ޖީއެސް އަދި ހޯދިފައި ނުވާކަމަށް ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
ޓީޓީގެ ޖެނަރަލް ސެކެޓްރީ ކަމަށް 2016 ގައި ވަޑައިގެންނެވި ސުޖާ އެ މަގާމުން އިސްތިއުފާ ދެއްވީ މިހާރު އޭނާގެ އަމިއްލަ މަސައްކަތްތައް ހުރި ގޮތުން ޓީޓީއޭއެމް އަށް ވަގުތު ނުދެއްވޭތީ އެވެ.
އަލީ ވިދާޅުވީ ސުޖާގެ މަގާމު ރިޕްލޭސްކުރެވޭ ވަރުގެ ޖީއެސްއެއް ހޯދުން އުނދަގޫ ކަމަށެވެ.
"ހިއެއް ނުވެ އެ ކޮލިޓީ ދެ ވަނަ މީހަކު ލިބިދާނެ ހެނެއް،" އޭނާ ވިދާޅުވި އެވެ. "އެ ޕެޝަންގައި އެ ޑްރައިވްގައި ހިންގާ ލެވޭނެ މީހުން ވަރަށް މަދު. އެއީ ސުޖާގެ ކޮލިޓީ އަކީ. ކުރިން ވެސް ގެޒެޓްގައި ވެސް އިއުލާން ކުރިން ޖީއެސްއެއް ހޯދަން ސްޕޯޓްސް ޑިގްރީއެއް އޮތުން ޝަރުތެއްގެ ގޮތުގައި ހިމަނައިގެން. އެހެންމަވެސް އެކަށީގެންވާ ވަރުގެ ޕްރޮފައިލް އޮތް ސީވީއެއް ނުލިބޭ."
އަލީ ވިދާޅުވީ، ޝަރުތުތައް ލުއިކޮށް އީދު ފަހުން އަލުން ގެޒެޓްގައި އިއުލާން ކުރާނެ ކަމަށެވެ.
ޓީޓީއޭއެމްގެ ތަފާތު ތިން އެކްސްކޯއާ އެކު ޖީއެސްގެ މަސްއޫލިއްޔަތު އަދާ ކުރެއްވި ސުޖާ ވަނީ، ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބުގައި ފެންމަތިވި މައްސަލަތައް ހައްލު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަަ އެވެ. އިންތިހާބުގެ މައްސަލަ ހޫނުވެ، ކޯޓަށް ދިއުމުން، އެސޯސިއޭޝަންގެ ފަރާތުން އެކަމާ ގުޅުން ހުރި މައްސަލަތައް އާންމުންނަށް ސާފު ކޮށްދިނުމަށް ސުޖާ ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަދި ދުނިޔޭގެ ޓީޓީ ފެޑެރޭޝަން (އައިޓީޓީއެފް) އާ ހަމައަށް މައްސަލަ ގެންގޮސް ސުލްހަވެރި ގޮތެއްގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް އޭނާ ބޮޑު އިސްކަމެއް ދެއްވި އެވެ.
އޭނާގެ ޖެނަރަލް ސެކެޓްރީ ކަމުގެ ދަށުން، ރާއްޖޭގައި އިންޓަނޭޝަނަލް ދެ މުބާރާތް ބޭއްވިއިރު އެ ދެ މުބާރާތުގެ އިންތިޒާމުތަކުގައި އެންމެ ކުރީ ސަފުން ފެނުނީ ވެސް ސުޖާ އެވެ. ރާއްޖޭގައި 2017 ގައި ބޭއްވި ސައުތު އޭޝިއާ "ހޯޕްސް ވީކް" އާއި 2018 ގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްގެ އިންތިޒާމުތަކުގައި ސުޖާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.
ހުޅުމާލޭގައި ބޭއްވި ހޯޕްސް ވީކްގެ އިންތިޒާމުތަކާ މެދު ހިތްހަމަޖެހޭ ކަމަށް މުބާރާތުގައި ވާދަ ކުރި ގައުމުތަކުގެ އޮފިޝަލުންވެސް ފާހަގަކުރި އެވެ.