ގޮވާމުގެ ގޮތުގައި ބަލައިގަތް ތަކެތިން ފިތުރު ޒަކާތް ދޫކުރަން ފަށައިފި
ގޮވާމުގެ ގޮތުގައި ބަލައިގަތް ތަކެތިން ފިތުރު ޒަކާތް ދޫކުރަން ފަށައިފި

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ބަލައިގެންފައިވާ ތަކެތި ފަގީރުންނާ މިސްކީނުންނަަށް ދޫކުރަން މިއަދު ފަށައިފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ފިތުރު ޒަކާތް ދޫކުރަމުން އަންނަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް ދޫކުރެވޭނީ ފަގީރުންގެ ދަފްތަރުގައިވާ މީހުންނަށް އެ މީހުންގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ އަަސްލު ހިފައިގެން ދިއުމުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކޮވިޑްގެ ބަލިމަޑުކަމާ ހުރެ މާލޭގައި ކާފިއު އިއުލާނުކުރާތީ އާއި މިހާރު އޮތް ހާލަތުގެ ސަބަބުން އަވަހަށް ފިތުރު ޒަކާތާ ހަވާލުވުމަށް ވެސް އެދިފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ ރަށެއްގައި އާންމުކޮށް ކައި އުޅޭ ބާވަތަކުން 2.4 ކިލޯގެ އަގެވެ. ފިތުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީން ވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހުދު ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ، އާދައިގެ ފުށް، އާޓާ ފުށް ބަލައިގެންފަ އެވެ.

މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި 9،000 އަށް ވުރެ ގިނަ މީހުން ޖެހުނެވެ. އެކަމަކު، މިއަހަރު ފިތުރު ޒަކާތް ދެނީ އާ ލިސްޓަކަަށެވެ.