18 ނޮވެމްބަރ 2016 - 13:45

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓުއާ އޮޕަރޭޓަރު، އިނގިރޭސިވިލާތުގެ ތޯމަސް ކުކްގެ ފުރަތަމަ ރިސޯޓްގެ ގޮތުގައި ކ. އެރިޔަދޫ ހިންގަން ފަށަން ހަމަޖައްސައިފި އެވެ.

ތޯމަސް ކުކްގެ ވެބްސައިޓްގައި ބުނެފައި ވަނީ އެރިޔަދޫ ހިންގަން ފަށަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުންފުނީގެ ރިސޯޓްތަކާއި ހޮޓާތައް އިތުރު ކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން ކަމަށެވެ. ތޯމަސް ކުކް އިން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 14 ތަނެއް ހުޅުވަން ނިންމައިފަ އެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޕްލެޓިނަމް ކެޕިޓަލް ހޮލްޑިން (ޕީސީއެޗް) އިން މިހާރު ހަތަރު ތަރީގެ ފެންވަރަށް ހިންގާ އެރިޔަދޫ ރިސޯޓް ހިންގަން ފަށަނީ ކޮންއިރަކު ކަމެއް ބުނެފައެއްނުވެ އެވެ. މި ފެންވަރުގެ ޓްރެވަލް ކުންފުންޏަކުން ރާއްޖޭގައި އަދި ރިސޯޓެއް ނުހިންގަ އެވެ.
ތޯމަސް ކުކް އިން ބުނެފައި ވަނީ ކުރިޔަށް އޮތް ދެ އަހަރު ޔޫރަޕްގެ މާކެޓް ފުޅާކުރުމުގެ ގޮތުން އިތުރު ރިސޯޓް ކޮޓަރިތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ކުންފުނީގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
"ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ދީގެން ކުންފުންޏަށް އިތުބާރުކުރާ ކަސްޓަަމަރުންނަށް ބަދަލުކޮށްލުމަކީ ކުންފުނީގެ ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތެއް. އަމިއްލަ ބްރޭންޑުގައި، އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް އިންވެސްޓްކުރަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ހިދުމަތް ފުޅާކުރުމަށް،" ކުންފުނީގެ ޗީފް އެގެޒެކަޓިވް ޕީޓާ ފްރެންޚޯސާ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާތާ ޒަމާންތަކެއް ވެފައިވާ ތޯމަސް ކުކް އިން ރާއްޖޭގައި ހިންގަން ފަށާ އެރިޔަދޫ އަކީ މާލެއާ 42 ކިލޯމީޓަރު ދުރުގައި އޮންނަ، 57 ކޮޓަރީގެ ރިސޯޓެކެވެ.