12 މެއި 2021 - 12:46

ފްރާންސްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ކުޅުނު، މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓްއަށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފުރުސަތު ތަނަވަސްވެއްޖެ އެވެ.
މީގެ ދެތިން ހަފުތާ ކުރިން ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވަނީ، ފްރާންސްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ލަޕޯޓްއަށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅެވޭތޯ ބެލުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ކިބައިން އެދިފަ އެވެ.
ސްޕެއިންގެ ރަށްވެހިކަން ލަޕޯޓްއަށް ދީފައިވާކަން އިއްޔެ ސްޕެއިންގެ ކަމާގުޅޭ އިދާރާތަކުން ވަނީ ލަޕޯޓްއަށް އަންގައިފަ އެވެ. އެހެންވެ، އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިންގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.
ޔޫރޯއަށް އެކުލަވާލާ ސްޕެއިންގެ ސްކޮޑުގައި ލަޕޮޓް ހިމެނުމަށް ފީފާގެ ޔަގީންކަން ލިބެންދެން ސްޕެއިންގެ އެފްއޭ އިން މިހާރު ތިބީ މަޑުކޮށްގެންނެވެ.
ފްރާންސަށް އުފަންވި ނަމަވެސް ސްޕެއިންގެ ޓީމަށް ކުޅެން ލަޕޯޓް ޝަރުތު ހަމަވާނީ އޭނާގެ މުނި މާމަ އާއި މުނި ކާފަ އަކީ ސްޕެއިންގެ ރައްޔިތުން ކަމަށްވާތީ އެވެ. ވަރަށް ޒުވާން އުމުރުގައި ލަޕޯޓް ވަނީ ސްޕެއިން އަށް ބަދަލުވެ އެތުލެޓިކް ބިލްބާއޯގެ ޔޫތު ޓީމަށް ކުޅެން ފަށައިފަ އެވެ. ބިލްބާއޯ ދޫކޮށް ސިޓީއަށް އޭނާ ބަދަލުވީ 2018 ގަ އެވެ.
ފްރާންސްގެ 17 އަހަރުން ދަށް، 18 އަހަރުން ދަށް، 19 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ލަޕޯޓް ފްރާންސްގެ ސީނިއާ ޓީމަށްވެސް ނެގި އެވެ.
ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ކުޅުނު ކޮލިފިކޭޝަންގައި ބަލްގޭރިއާ އާއި ހޮލެންޑާ ދެކޮޅަށް އޮކްޓޯބަރު 2016 ކުޅެނު މެޗުތަކުގެ ސްކޮޑުން ވެސް ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ވަނީ ލަޕޯޓްއަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އެއްވެސް މެޗެއްގައި އޭނާ ލައްވައި ނުކުޅުވަ އެވެ. އޯގަސްޓް 2019 ގައި ވެސް ފްރާންސްގެ ސްކޮޑަށް އޭނާ ނެގި އެވެ. އެކަމަކު އަނިޔާގެ ސަބަބުން، ފަހު ވަގުތު އޭނާ ސްކޮޑުން ބަކީ ކުރީ އެވެ.
ސްޕެއިންގެ ޓީމަށް ލަޕޯޓް ގެންނަން އެންރީކޭ ބޭނުން ވަނީ، ޑިފެންްސްގައި ކެޕްޓަން ސާޖިއޯ ރާމޯސްއާ އެކު ޕާޓްނާޝިޕް ހަދާނެ ރަނގަޅު ކުޅުންތެރިޔަކު ހޯދުމުގެ ގޮތުންނެވެ. ރަޝިއާގެ ވޯލްޑް ކަޕަށް ފަހު ސްޕެއިންގެ ޓީމަށް ޖެރާޑް ޕީކޭ ކުޅުން ހުއްޓާލުމުން ރޯމޯސް އާއެކު ޕާޓްނާޝިޕް ހަދާނެ އެކިއުރޭޓް ކުޅުންތެރިޔެއް ސްޕެއިންގެ ޓީމަކަށް ނުހޯދެ އެވެ.
ރާމޯސް އާއެކު މިދިޔަ ދެ އަހަރު ތަފާތު ތިން ކުޅުންތެރިޔަކު ޕާޓްނާޝިޕް ހެދި އެވެ. މެންޗެސްޓާ ސިޓީގެ އެރިކް ގާސިއާ، ވިޔަރެއާލްގެ ޕައު ޓޯރޭޒް އަދި ބިލްބާއޯގެ އިނިގޯ މާޓިނޭޒް އެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ޕާޓްނާޝިޕެއް ސްޕެއިންގެ ޓީމަކަށް ނުހޯދެ އެވެ.