ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!
ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!

ހެދުން ފިހާރަތަކަށް އެންމެ ބޮޑު އާމްދަނީީއެއް ލިބޭނީ އީދަށެވެ. އެހެންވެ، ކޮންމެ އަހަރެއް ވެސް އީދާ ދިމާކޮށް ވިޔަފާރިވެރިން ވަރަށް ބޮޑު ތައްޔާރީތަކެއްވެ އެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ ފިތުރު އީދަށް ވެސް މަޖީދީމަގުގެ ހެދުން ފިިހާރަތައް ހުރީ ބަންދުކޮށްފަ އެވެ. އަނެއްކާ ވެސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، އެޗްޕީއޭ އިން މިވަނީ ފިޔަވަޅުތައް ވަރުދަކޮށް، ދުވަހުގެ ބޮޑު ބައެއްގައި ބޭރަށް ނުދެވޭނެ ހެން ކާފިއު އިއުލާނުކޮށްފަ އެވެ. އެހެންވެ ހެދުން ފިހާރަތަކަށް މިވަނީ މާޔޫސްކަމާ ކުރިމަތިވެފަ އެވެ.

ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!
ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ، ކެމްޕަސް ފިހާރައިގެ އިސް ބޭފުޅަކު ވިދާޅުވީ، މި އަހަރު ވެސް އުންމީދު ކުރިވަރުގެ އާމްދަނީއެއް ނުލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތުގައި ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!
ހެދުން ފިހާރަތަކަށް އަނެއްކާ ވެސް ބަދުނަސީބު!

"އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް އުންމީދު ކުރިން މިހެން ވެދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާންމުގޮތެއްގައި އީދަށް ހަފްތާއަކަށް ވުމުން ފިހާރަަތަކުގެ ވިޔަފާރި ތިން ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ. އެހެންވެ، ކޮންމެ އީދު ޗުއްޓީއަކީ ހެދުން ފިހާރަތަކުން އެންމެ ބޮޑަށް ތައްޔާރުވާ ދުވަސްވަރެވެ. މިދިޔަ އަހަރާއި މި އަހަރު ވެސް އީދާ ދިމާކޮށް އެޗްޕީއޭ އިން ފިޔަވަޅުތައް އެޅުމުން އެކަމުގެ ގެއްލުން ވަރަށް ބޮޑަށް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ ހެދުން ވިއްކާ ވިޔަފާރިތަކަށެވެ. ސަބަބަކީ ދިރިއުޅުމުގެ އެންމެ ޒަރޫރީ ކަންކަން ފުރިހަމަ ކުރުމަށް އާންމުން އިސްކަން ދީ، ހެދުމާއި ގޭތެރެ ޒީނަތްތެރިކުރަން ކުރުމަށް ކުރާ ހޭދަ ކުޑަ ކުރުމެވެ. މަޖީދީ މަގުގައި ހުޅުވާފައި ހުރި ބައެއް ފިހާރަތައް ވެސް، ކޮވިޑްގެ ހާލަތުގައި ސަލާމަތް ނުވެވިގެން ވަނީ ބަންދު ވެސް ކޮށްފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑްގެ ހާލަތު ރަނގަޅުވެ، ފިޔަވަޅުތައް ލުއި ކުރަން ފެށުމުން ހެދުން ފިހާރަތަކަށް ވެސް ވިޔަފާރީގައި ކޮންމެވެސް ވަރެއްގެ އުންމީދެއް އާވި އެވެ.

މާލޭގައި ހިންގާ "ފެޝަން ސްޓައިލް" ފިހާރައިގެ މެނޭޖާ ފާތިމަތު ވަހީދު ވިދާޅުވީ، މި އަހަރުގެ އީދަށް ބޮޑު އުންމީދެއް ކުރި ނަމަވެސް، އެކަން ދިޔައީ ފެނަށް ކަމަށެވެ. އުންމީދު ކުރި އާމްދަނީއާ ގާތަށް ވެސް ފިހާރަތަކުން ވިޔަފާރި ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމުކޮށް ވެސް އީދަށް ހެދުން ގަތުމާއި އެނޫން ތަކެތި ގަތުން އޮންނާނީ އީދަށް ދެ ދުވަހަށް ވުމުން ކަމުން މިފަހަރު އީދަށް އާމްދަނީ ވަކި އިތުރު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ފިހާރައިން އަންނަނީ މި ހާލަތުގައި ޑެލިވަރީގެ ހިދުމަތް ވެސް ދެމުންނެވެ.

"ކާފިއު ގަޑިތަކުގައި ވެސް އަޅުގަނޑުމެން ޑެލިވަރީގެ ހިދުމަތް ދޭނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހެދުމުގެ ވިޔަފާރި ކުރާތާ 11 އަހަރުވެފައިވާ "ރޮމްބަސް"ގެ މެނޭޖާ އިބްރާހިމް އިމާދު ވިދާޅުުވީ، ކޮވިޑާ ގުޅިގެން، ވިޔަފާރި ވަރަށް ބޮޑަށް އަޑިއަޅައިލާފައިވާ ކަމަށެވެ. މިހާރު ކުރަމުން ގެންދަނީ ވިޔަފާރި ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އީދާ ދިމާކޮށް އެ ފިހާރައިގެ ސޭލްސް އާންމު ގޮތެއްގައި ހަތަރު ގުނަ އިތުރުވާ އިރު މިދުވަސްވަރާ ދިމާކޮށް ފިހާރަތައް ގިނަ ވަގުތު ބަންދުކޮށްފައި ބަހައްޓަން ޖެހުމަކީ އަނެއްކާވެސް ވިޔަފާރި އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"މިކަމުން ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. އީދަށް އަޅުގަނޑުމެން އިތުރު މުދާ ގެނެސް ވަރަށް ބޮޑަށް ތައްޔާރުވިން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ހާލަތު އިންތިހާ އަށް ގޯސްވަމުން ދާތީ އެޗްޕީއޭ އިން މިހާރު ވަނީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފަ އެވެ. އެހެންވެ އީދުގައި ގިނަ ބަޔަކު ތިބެން ޖެހޭނީ ގޭގަ އެވެ. އާންމު ގޮތެއްގައި ވެސް އީދު ދުވަހު ހަވީރަކީ އީދު ހެދުން ލައިގެން ގިނަ ބަޔަކު ބޭރުގައި އުޅޭ ވަގުތަކަށް ވީ ނަމަވެސް މިއަހަރު އެކަމެއް ނުފެންނާނެ އެވެ. އެހެންވެ، ފިހާރަކުން ހެދުން ގަންނަ ވަރު ވަރަށް ބޮޑަށް މަދެވެ. ހެދުން ފިހާރަތަކުން ވެސް ބޭނުންވަނީ ކޮވިޑްގެ ހާލަތުން އަރައިގަނެ ވިޔަފާރި އަށް އުޖާލާ ދުވަސްތަކެއް ފެނުމަށެވެ.