12 މެއި 2021 - 11:49

ލަންޑަން (12 މެއި) - އާސެނަލްގެ ފޯވަޑް ޕިއޭ އެމެރިކް އޮބާމަޔަން ގަޑިޖެހޭ ވަރުން އޭނާއަށް މީޓިންގެ ގަޑި އޮޅުވާލާ ކަމަށް، ބުރޫޝިއާ ޑޯޓްމަންޑްގައި އޮބާމަޔަން އަށް އިރުޝާދު ދިން ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި، ޗެލްސީ މިއަދު ނުކުންނާނީ އާސެނަލް އާ ދެކޮޅަށެވެ. މި މެޗަކީ ޓުޗެލް އާއި އޮބާމަޔަން ޑޯޓްމަންޑް ދޫކޮށްލި ފަހުން މެޗެއްގައި ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ޓްޗެލް ބުނީ އޮބާމަޔަން ގަޑި ޖެހޭވަރުން އޭނާއަށް މީޓިންއަށް ކިޔަނީ އެހެން ކުޅުންތެރިންނަށް ވުރެ 15 މިނެޓް އަވަހަށް ކަމަށެވެ.
އޮބާމަޔަން އާއި ޓުޗެލް ވަނީ ދެ އަހަރު ވަންދެން ޑޯޓްމަންޑްގައި އެއްކޮށް މަސައްކަތް ކޮށްފަ އެވެ. އަދި ޖަރުމަން ކަޕް ޑޯޓްމަންޑަށް ހޯދައިދިނުމުގައި ޓުޗެލްގެ އެ ޓީމުގައި އޮބާމަޔަންގެ ހިއްސާ ބޮޑެވެ. ޖެނުއަރީ 2018 ގައި އާސެނަލްއަށް ބަދަލުވި ފަހުން ވެސް އޮބާމަޔަން ވަނީ ޑޯޓްމަންޑްގައި ދެއްކި ފޯމު އާސެނަލްގައި ވެސް ދައްކާފަ އެވެ. ނަމަވެސް މި ސީޒަންގައި އޭނާގެ ފޯމަށް ވަނީ އަސަރުކޮށްފަ އެވެ.
އޭނާގެ ކުޅުން ދަށްވެގެން ދިޔައީ ދަނޑުން ބޭރުގައި ހިނގާ ކަންކަމުގެ ސަބަބުންނެވެ. އުތުރު ލަންޑަންގެ ދެ ޓީމުގެ ކުރިމަތި ލުމުގައި ޓޮޓެންހަމް އާ ދެކޮޅަށް މާޗް މަހު ކުޅުނު މެޗުން އޮބާމަޔަން ބާކީ ކުރީ ޕްރެކްޓިހަށް ހާޒިރު ވުމުގައި ގަޑިޖެހިގެން ދާތީ އެވެ.
ޓުޗެލް ބުނީ ގަޑިއަށް ހާޒިރު ވުމަކީ އޮބާމަޔަންގެ އެންމެ ބޮޑު ބަލިފައި ކަމަށެވެ.
"އެހެންވެ އޭނާ ގަޑިއަށް ގެނައުމަށްޓަކައި އަހަރެމެން ކުރާ ކަމަކީ މީޓިން ފަށަން ހަމަޖެހިފައިވާ 15 މިނެޓްގެ ކުރިން އޭނާ އަށް ގަޑި ކިޔަނީ،" ޑޯޓްމަންޑްގައި ހޭދަ ކުރި ދުވަސްތަކުގެ ތަޖުރިބާ ޓުޗެލް ކިޔައި ދިނެވެ. "އެހާހިސާބުން އަހަރެމެންނަށް އޮވޭ އޭނާ އާއެކު ރަނގަޅު ފުރުސަތެއް އޭރު ތިބޭނީ އެހެން ހުރިހާ ކުޅުންތެރިން ވެސް ހާޒިރުވެ."
ޓުޗެލް ބުނީ، ގަޑިއަށް ހާޒިރު ވުމުގައި އުނދަގޫތަކެއް ހުއްޓަސް އޭނާ އާއެކު މަސައްކަތް ކުރި ދެ އަހަރުގައި އެއްވެސް ޓްރޭނިން ސެޝަނެއް އޮބާމަޔަންގެ ދޫކޮށްލާފައި ނުވާ ކަމަށެވެ.
"އޭނާ އަށް އާދެވޭނީ ފަސް މިނެޓް ނޫނީ 10 ލަހުން އެކަމަކު އައިސްފަވެސް ގަޑި ޖެހުވުނީތީ މާފަށް އެދޭނެ އަދި އޭނާ ހުންނާނީ ހިނި އައިސްފަ އަދި ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތް ކުރާނެ."