ފެޝަނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ: ޑިޝާ ޕަޓާނީ
ފެޝަނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ: ޑިޝާ ޕަޓާނީ

ފެޝަނާ ބެހޭ ގޮތުން އަމިއްލަ އަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށާއި އެކަމަކު ރީތި ހެދުން އެޅުމަށް އަބަދު ވެސް ލޯބިކުރާ ކަމަށް ބަތަލާ ޑިޝާ ޕަޓާނީ ބުނެފި އެވެ.

ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ރާދޭ" ގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ފިލްމީ މަސައްކަތެއްގައި ނޫޅޭ ނަމަ އާންމުކޮށް ދުވާލުގެ 90 ޕަސެންޓް ހޭދަކުރަނީ ބާސްކެޓްބޯޅަ ސޯޓަކާއި ޓޮޕެއްލައިގެން ކަމަށެވެ.

"އެއީ އަހަންނަށް އެންމެ ފަސޭހަ ގޮތަކީ. ތެދަށް ބުނަންޏާ އަހަންނަކީ ފެޝަނާ ބެހޭ ގޮތުން އެކައްޗެއް ވެސް އެނގޭ މީހެއް ނޫން. އެކަމަކު ރީތި ހެދުން ލުމަކީ އަބަދު ވެސް ވަރަށް ކުރާ ހިތްވާ ކަމެއް،" ޑިޝާ، 28، ބުންޏެެވެ.

އެކްޓަރު ޓައިގާ ޝްރޮފްގެ ލޯބިވެރިޔާ ބުނި ގޮތުގައި ފިލްމީ ތަރިއަކަށްވާތީ މީސްމީހުންގެ އެހީގައި ރީތިކޮށް ހަދަން އަޅަން ލިބުމަކީ ނަސީބަކަށް ވެދާނެ އެވެ.

"ފިލްމެއްގައި ވެއްޖިއްޔާ އަބަދު ވެސް އެ ސީނަކާ ގުޅޭ ގޮތަށް އެ މީހަކު ސްޓައިލްކޮށްދޭނެ ބަޔަކު ތިބޭނެ. އެހެންވެ މިހާރު ކޮންމެވެސް ވަރަކަށް އެނގޭ ތަންތަނަށްދާ އިރު އަމިއްލަ އަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލައިގެން ހެދުން އަޅާނެ ގޮތް،" ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ބަތަލާ ބުންޏެވެ.

ބޮލީވުޑްގެ މިހާރުގެ ބަތަލާއިންނަށް ބަލާއިރު، އާންމުކޮށް ވަރަށް ނިވާކަން ކުޑަކޮށް ހެދުން އަޅާ ބަތަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ޑިޝާ ފާހަގަކުރެ އެވެ. އޭނާގެ އިންސްޓަގްރާމުން ވެސް އެކަން އެނގޭނެ އެވެ.

"ރާދޭ" ގެ ލަވަތަކުގެ ތެރެއިން އެންމެ ފަހުން އާންމުކުރި ލަވަ "ޒޫމް ޒޫމް" ގައި ވެސް އޭނާ ފެންނަނީ ވަރަށް ކުރު ހެދުންތަކުގަ އެވެ. އެ ލަވައިގެ އެންމެ ބޮޑު އެއް ހައިލަޓަކީ ވެސް ޑިޝާގެ ކުލަގަދަ ކުރު ހެދުންތަކެވެ.

"މަލަންގް" އާއި "ބާގީ 2" އާއި "ބާރަތު" އަދި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ފަދަ ފިލްމުތަކުން ފެނިފައިވާ ޑިޝާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން ރިޓާންސް" އާއި "ކޭޓީނާ" ހިމެނެ އެވެ.