12 މެއި 2021 - 02:14

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރިިޕޯޓުގައި އޮތަސް އެއީ ދޮގެއް ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާ ގުޅިގެން ވަކީލުގެ ފީގެ ގޮތުގައި ތިން މިލިއަން ރުފިޔާ ޝަމީމަށް ހަމަޖައްސައިދީފައިވާ ކަމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ބުނާ ކަމަށެވެ.
ކުރިން ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އައްލާމްގެ ހިއްސާ އޮންނަ ކުންފުނިތަކަށް، ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާތަކެއް ޖަމާވެފައިވާ ކަމަށް އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުތަކުގައި ބުނެފައި އެވެ. އައްލާމަކީ އަދީބުގެ ވަރަށް ގާތް މީހެކެވެ.
ޕީޖީ ޝަމީމްގެ ނަން ހިޔާނާތުގެ ލިސްޓުގައި އޮތް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އެކަން ދޮގުކުރައްވައި ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީ ނުވަތަ އައްލާމްގެ ފަރާތުން ފައިސާ ލިބުނު ކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ.
ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ޕީޖީ ޝަމީމަށް ލިބުނު ކަމަށް ކުރާ ތުހުމަތުތައް ޕީޖީ އޮފީހުން ވެސް ރޭ ދޮގުކޮށް ނޫސްވެރިންނަށް ރައްދު ދިނެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ދޮގު ޚަބަރު ފަތުރާތީ، އެކަން ދޮގުކޮށް، އެއީ ދޮގެއް ކަމަށް އަޅުގަނޑު މި ދެންނެވީ،" ހިޔާނާތުގެ ލިސްޓުގައި ޕީޖީ ޝަމީމްގެ ނަން އޮތުމުން، ޕީޖީ އޮފީހުން ރަސްމީކޮށް އެކަން ދޮގުކުރާ ހައިސިއްޔަތާ މެދު ނޫސްވެރިން ސުވާލު ކުރުމުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މީީޑއާ އަށް ހާއްސަ ކޮށްފައިވާ ވައިބާ ގްރޫޕުގައި އޭނާ ތަކުރާރުކޮށް ރޭ ވިދާޅުވީ، މިހާރުގެ ޕީޖީ ޝަމީމަށް އެއްވެސް އިރެއްގައި [އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ] ލިބިފައި ނުވާ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ތިން ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހިޔާނާތެއް ހިންގި ކަމަށް ބެލެވޭ، ރާއްޖޭގެ އެންމެ ބޮޑު ހިޔާނާތުގެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ ސަރުކާރުގެ ވަރަށް ގިނަ ވަޒީރުންނާއި އޭރު ދައުލަތުގެ ވަރަށް ގިނަ ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންނާއި މީޑިއާގެ ބައެއް ބޭފުޅުންގެ އިތުރުން ރާއްޖޭގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންްފުނިތައް ވެސް ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު މި މައްސަލަ ބަލާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ލީކުކޮށްލައިގެން އުޅެނީ މަޖިލީހަށް ލިބިފައިވާ ލިސްޓް ނޫން ކަމަށެވެ. މަޖިލީހަށް ލިބިފައިވާ ލިސްޓްގައި އެއިން އެއްވެސް ބޭފުޅެއްގެ ފޮޓޯ ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ލީކުވި ލިސްޓްގައި ހިޔާނާތުގެ އަދަދުތަކާއި އެ ބޭފުޅުންގެ ފޮޓޯ ވެސް ހިމެނެ އެވެ.
ލީކްވި ލިސްޓަކީ ވެސް ސައްހަ ލިސްޓެއް ކަމަށް ވެ އެވެ. އަދި މިއީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެއް ކަމަށް ވެސް ވެ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިކަން އަދި ޔަގީން ކޮށެއް ނުދެ އެވެ.