18 ނޮވެމްބަރ 2016 - 07:17

ލަންޑަން (ނޮވެމްބަރު 18) – އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ އެމްކޭ ޑޮންސްގެ ކޯޗަކަށް އިންގްލެންޑާއި ލިވަޕޫލުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ގެނައުމަށް ވާހަކަތައް ފަށައިފި އެވެ.
އެމެރިކާގެ މޭޖާ ލީގުގެ އެލްއޭ ގެލެކްސީ އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ޖެރާޑް ޑިސެމްބަރު މަހު ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބް ދޫކޮށްލަން ވަނީ ނިންމާފަ އެވެ. އޭނާ ދާދި ފަހުން ބުނީ ގެލެކްސީ ދޫކޮށްލިޔަސް ކުޅުން ހުއްޓާލަން ނުވިސްނާ ކަމަށެވެ. އެހެންކަމުން ބެލެވެނީ އޭނާ އެމްކޭ ޑޮންސްއާ ހަވާލުވަނީ ކޯޗު އަދި ކުޅުންތެރިއެއްގެ ގޮތުގަ އެެވެ.
ތިން ވަނަ ޑިވިޝަނުގެ 21 ވަނައިގައި އޮތް ޓީމުގެ ކޯޗުކަމުން ކާލް ރޮބިންސަން ވަކިކޮށްފައިވާއިރު އެ ކްލަބުން އަންނަނީ ތަފާތު ކޯޗުންނާ މަޝްވަރާކުރަމުންނެވެ.
އިނގިރޭސި ލީގު ކަޕުގައި 2014 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް 4-0 އިން ބަލިކޮށް ދުނިޔޭގެ ސަމާލުކަން ހޯދި އެމްކޭ ޑޮންސް އަށް މީގެ ކުރިން ވެސް ވަނީ ފުޓްބޯޅައިގެ ބައެއް ލެޖެންޑުން ކޯޗުކޮށްދީފަ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުގެ ކުރީގެ މިޑްފީލްޑަރު ޕައުލް އިންސް އާއި އާސެނަލްގެ ކުރީގެ ތަރި އިއާން ރައިޓް އަދި ޗެލްސީ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ރޮބާޓޯ ޑި މަޓެއޯ ހިމެނެ އެވެ.
ޖެރާޑް ގެންދިއުމަށް ނިއުކާސަލް ޔުނައިޓެޑާއި ސްކޮޓެލެންޑުގެ ސެލްޓިކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ލިވަޕޫލުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެ ކްލަބާ ވެސް އޭނާ ގުޅިދާނެ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ. އެކަމަކު ބޮޑަށް ބެލެވެނީ ޔުއެފާ އޭ ލައިސަންސް ލިބެންދެއް އޭނާ ކުޅުން ކުރިއަށްގެންދާނެ ކަމަށެވެ.
ގެލެކްސީ އަށް ޖެެރާޑް ބަދަލުވީ 1998 އިން 2015 ވަނަ އަހަރާ ހަމައަށް ލިވަޕޫލަށް 710 މެޗު ކުޅެފަ އެވެ. އޭނާ ވަނީ އެ ކްލަބާ އެކު 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.