12 މެއި 2021 - 00:07

އިރުމަަތީ ގުދުސްގެ ޝައިހު ޖައްރާހް ނަަމަކަށް ކިޔާ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އަށް އާއިލާއެއް އެ މީހުންގެ ގެދޮރުން ނެރެ، އެ ތަންތަނަށް ޔަހޫދީން ވައްދަން އިޒްރޭލްގެ ފުލުހުން ފެށި މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުށްވެރި ކުރައްވައިފި އެވެ.
ޝައިހު ޖައްރާހުން ފަލަސްތީން ރައްޔިތުން ނެރުމާ ގުޅިގެން، އެކަމާ ދެކޮޅު ހަދައި މުޒާހަރާ ކުރަން ފެށުމުން އިޒްރޭލުން ދަނީ ތަކުރާރުކޮށް ބާރުގެ ބޭނުން ކުރަމުންނެވެ. މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަގްސާއަށް ވަދެ، އެ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަަމަލާ ދީ، އިޒްރޭލު ސިފައިން ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހު ޖައްރާހުން ފަލަސްތީންގެ ރައްޔިތުން ނެރުމާއި އަގްސާގައި ނަމާދަށް ތިބި ފަލަސްތީންގެ ރައްޔިތުންނަށް ހަމަލާ ދީ، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށެވެ.
އިޒްރޭލުގެ އެ އަމަލުތައް ކުށްވެރި ކުރައްވާ ކަމަށާއި ރާއްޖެ އިން އަދިވެސް އޮތީ ފަލަސްތީންގެ ރައްޔިތުންނާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
ޝައިޚު ޖައްރާހަކީ އިރުމަތީ ގުދުސްގެ ދިމިޝްގު ދޮރާއްޓާ 500 ވަރަކަށް މީޓަރު ދުރުގައި އޮންނަ އަވަށެކެވެ. ގަދީމީ ގެތަކެއް ހުންނަ، ގަސް ގިނަ އެ އަވަށަކީ އިރުމަތީ ގުުދުސުން ފަލަސްތީނު މީހުން ހުސްކުރަން އިޒްރޭލުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ރަމްޒެކެވެ. އެ އަަވަށުގައި އިޒްރޭލުން ޝޮޕިން ކޮމްޕްލެކްސްތަކާއި ފޮރިން ކޮންސިއުލޭޓްތައް އެޅި ނަމަވެސް ގިނަ ގެތަކުގައި ދިރިއުޅެނީ ފަލަސްތީނު މީހުންނެވެ.
އެކަމަކު އެ ގެތައް މިހާރު ހުސްކޮށް، ޔަހޫދީންނާ ހަވާލު ކުރަމުން ގެންދަނީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމުގެ ކުރިން ވެސް އެ ގެތަކުގައި އުޅުނީ ޔަހޫދީން ކަމަށް ބުނެ އިޒްރޭލުގެ ކޯޓުތަކުން ނެރޭ އަމުރުތަކަކުންނެވެ. އެއީ އިރުމަތީ ގުދުސުން ފަލަސްތީނު މީހުން ހުސްކުރަން ރާވައިގެން ހިންގާ ޖަރީމާއަކަށް ވިޔަސް، އިޒްރޭލުން އުޅެނީ އެއީ ރިއަލްއެސްޓޭޓް ޑިސްޕިއުޓެއް ކަަމަށް ދައްކަން ވެގެންނެވެ.