11 މެއި 2021 - 22:33

މީގެ ކުރީ ދުވަހުގެ ސާމްޕަލްތަކާ އެކު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 އަށް އިތުރު 1،501 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 662 މީހުންނަކީ އިއްޔެގެ ހަވީރު 6:00 ގެ ކުރިން ސާމްޕަލް ނެގި މީހުންނެވެ. އެހެންވެ، އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 839 މީހުންނެވެ. އެއީ މުޅި ޖުމްލަ 6،208 ސާމްޕަލް ޓެސްޓެވެ.
އޭގެ ތެރެއިން، މާލެ ސަރަހައްދުން 1،229 މީހަކަށް، ރަށްރަށުން 265 މީހަކަށް އަދި ރިސޯޓުތަކުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ.
މިއާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 38،520 އަށް އެރީ އެވެ. އެކްޓިވް ކޭސްތައް ވެސް 11،629 އަށް އަރާފައި ވެ އެވެ.
ކޮވިޑް ފެތުރޭ މިންވަރު އާދަޔާހިލާފަށް މައްޗަށް ދާން ފެށުމާ އެކު ސަރުކާރުން މިއަދު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ މާދަމާ ހަވީރު 4 އިން ފަތިހު 4 އަށް ކާފިއުގެ ވަގުތު އިތުރުކުރުމެވެ. މިއީ ހަފުތާއެއްގެ މުއްދަތަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި އެތާނގެ ތެރޭގައި ތިބެގެން ހިދުމަތް ދިނުން މަނާކޮށް، ނަމާދުގައި ޖަމާއަތް ހެދުން ވެސް ހަފުތާއަކަށް ވަނީ ހުއްޓުވައިފަ އެވެ.