11 މެއި 2021 - 17:21

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް ކަމެއް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ. އެ އެންގުމާ ޚިލާފުވާ މުވަައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އަޅާނެ ކަމަށް ސީއެސްސީން ބުނެ އެވެ.
އެ ކޮމިޝަނުން އެގޮތަށް ބުނިއިރު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މަރައިލަންޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބުނި މައްސަލައެއްގައި ޓީޗަރަކު ދާދި ފަހުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފުލުހުން ވެސް ވަރަށް ފަހުން ބުނެފައިވަނީ ޓެރަރިޒަމްގެ އެއްވެސް އަމަލަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ބޮޑު ތަހުގީގެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ. އެ ހަމަލާގައި ނަޝީދާ އެކު އާންމުންގެ ބަޔަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.