11 މެއި 2021 - 16:54

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިޒަމް ހަމަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފްް ޕޮލިސް މުހަންމަދު ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އޮތީ ވަރަށް މުހިންމު، އަދި ތަހުގީގުގެ ކުރީގެ މަރުހަލާއެެއްގައި ކަމަށް ވުމުން އެހާ ގިނަ މައުލޫމާތުތައް ހާމަކުރަން އުޒުރުވެ ވަޑައިގަންނަވާ ކަމަށެވެ.
"ލިބެމުންދާ އިތުރު މައުލޫމާތުގެ މައްޗަށް ތަހުގީގު އިތުރަށް ފުޅާކުރެވެމުންދޭ. އަދި މައްސަލައިގެ ތަހުގީގަށް ކޮންމެ ވެސް ވަރަކަށް ކުރިއެރުން ލިބެމުންދޭ. ނަމަވެސް މައްސަލައިގެ ތަހުގީގު މި ވަގުތު އޮތް ހިސާބާއި އަދި ތަހުގީގަށް މިހާރު ސްޓްރެޓިޖީތައް ބައްޓަންކޮށްފައި ހުރި ގޮތަށް ބަލާއިރު މި ވަގުތަށް އިތުރު ތަފްސީލު، ފެކްޗުއަލް ކަންކަމާ ގުޅޭގޮތުން ހާމަކުރަން އަޅުގަނޑުމެން އުޒުރުވަން،" ވާޗުއަލްކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގަށް ބޭނުންވާ ވަރަށް ސާމްޕަލްތައް ނެގުމަށް ހަމަލާ ދިން ސަރަހައްދު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ހިސާބުގެ ބައެއް ގެތަކުގައި، މި ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް ކަހަލަ އެއްޗެހި ހުރުން އެކަށީގެންވާތީ، އެ އެއްޗެހި ފެނިއްޖެ ނަމަ ފުލުހުންނަށް އެންގުމަށް އޭނާ އެދިވަޑައިގަތެވެ. މި ބޮޑު ތަހުގީގަށް އޮސްޓްރޭލިއާ ފުލުހުންގެ އެހީތެރިކަން ވެސް އަންނަނީ ހޯދަމުންނެވެ. އެކަމަށް މިދިޔަ ހޮނިހިރު ދުވަހު ޓީމެއް ރާއްޖެ އައިސްފައި ވެ އެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އެ ކޮމިޓީގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލުކުރައްވައި ތަހުގީގުގެެ ބައެއް ކަންކަމާ ގުޅޭގޮތުން އެ މީހުންގެ ވިސްނުމާއި ބައެއް ކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރިޔާޒު ވިދާޅުވީ މި މައްސަލަ ވަކި ކަމަކާ ނުވަތަ ބަޔަކާ ގުޅުން އޮތްތޯ އެއީ ތަހުގީގުގެ ތެރެއިން ބަލާނެ ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލައިގެ ގުޅުން ހުރި ފަރާތްތައް ކަނޑައަޅައި ނިންމައި އެކަން ހާމަކުރަން އަދި އަވަސްކަމަށް ވިދާޅުވި އެވެ.
އެ ބޮމާ ގުޅޭގޮތުން ހިންގާ ޓެކްނިކަލް އިވެލުއޭޝަނަށް އެމްއެންޑީއެފްއާ ގުޅިގެން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޔާޒު ވިދާޅުވީ ބޮން ހެދި މީހުން ބަލައި ތަހުގީގުން އެކަން ސާފުކޮށްދޭނެ ކަމަށެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށް ފަހު، ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ތިން މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ.