12 މެއި 2021 - 09:36

ފޭސްބުކް ފީޑަށް އަންނަ ލިންކްތައް ކިޔާފައި ނޫނީ ޝެއާނުކުރަން ހިތްވަރު ދިނުމުގެ ގޮތުން ފެސްބުކުން އާ ޕޮޕަޕެއް ޓެސްޓްކުރަން ފަށައިފި އެވެ.
މިކަން ހާމަކޮށް މާކް ޒުކަބާގްގެ ފޭސްބުކުން ބުނީ އެ ފީޗާ ޓެސްޓްކުރަނީ އެންޑްރޮއިޑް ބޭނުންކުރާ ހަ ޕަސަންޓް މީހުން ބޭނުންކޮށްގެން ކަމަށެވެ. އެކަމަކު ޕޮޕަޕް އާންމުކުރާ އިރެއް ހާމަނުކުރެ އެވެ.
ޝެއާކުރަން އުޅޭ އެއްޗެއް ޝެއާކުރަން ފިތައިލުމުން އެ ބަލައި ވެސް ނުލައި ޝެއާކުރާނީތޯ އާ ޕޮޕަކުން އަހާނެ އެވެ. އަދި ކިޔުމުގެ ފުރުސަތާއި ކިޔާފައި ނޫނަސް ޝެއާކުރުމުގެ އިހުތިޔާރު އޮންނާނެ އެވެ.
ފޭސްބުކުން ބުނި ގޮތުގައި މިފަދަ ފީޗާއެއްގެ މައިގަނޑު މަގުސަދަކީ އެހެން މީހުންނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތަކީ ތިމާ އަމިއްލަ ވެސް އެނގޭ މައުލޫމާތަކަށް ހެދުމެވެ. ސައްހަ ނޫން މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ހަނިވާނެ ކަމަށް ބުންޏެވެ.
މިފަދަ ފީޗާއެއް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޓްވިޓާ އިން ވެސް ޓެސްޓްކުރަން ފަށާފައިވެ އެވެ.