އޮލިމްޕިކް ގޭމްސް އަނެއްކާވެސް ފަސް ކުރަން ޖެހިދާނެ
އޮލިމްޕިކް ގޭމްސް އަނެއްކާވެސް ފަސް ކުރަން ޖެހިދާނެ

ޓޯކިޔޯ (11 މެއި) - ކޮވިޑް-19ގެ ހާލަތާ ގުޅިގެން ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް އަނެއްކާ ވެސް ފަސްކުރަން ޖެހުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މިދިޔަ އަހަރު ބާއްވަން ތާވަލް ކުރި އޮލިމްޕިކް ގޭމްސް، މި އަހަރަށް ފަސްކުރީ ކޮވިޑް-19 ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމާއެކު އެވެ. ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، މުބާރާތް މި އަހަރު ބޭއްވުމަށް ޝެޑިއުލްކުރި ނަމަވެސް، ޖަޕާންގެ ކޮވިޑްގެ ހާލަތު ވަނީ އަނެއްކާ ވެސް ގޯސްވެފަ އެވެ. އެހެންވެ، އެ ގައުމުގައި ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.

ޖުލައި 23 އިން 8 އޯގަސްޓަށް، ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާ ގޭމްސް އާ ބެހޭ ގޮތުން އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލުން ކުރިން ބުނެފައި ވަނީ ގޭމްސް ކުރިއަށް ގެންދާނީ އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ތަކާ އެކުގައި ކަމަށެވެ.

އައިއޯސީގެ ނައިބު ރައީސް ޖޯން ކޯޓްސް، މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވީ ގޭމްސް އާ މެދު ޖަޕާންގެ ކަންބޮޑުވުން ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޖަޕާންގެ ބޮޑު ވަޒީރު ޔޮޝިހީޑޭ ސުގާ އިއްޔަ ވިދާޅުވެފައި ވަނީ، އޮލިމްޕިކްސް ގޭމްސް ކުރިއަށް ގެންދިއުމާ މެދު ފަހު ބަސް ބުނާނީ އައިއޯސީން ކަމަށެވެ.

ޖަޕާންގެ ބްރޮޑްކާސްޓާ، ޓީބީއެސް ނިއުސް އިން ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ޕޯލްއަކުން ދައްކަނީ، ޖަޕާންގެ 65 ޕަސަންޓް މީހުން ގޭމްސް ކަންސަލް ކުރަން ބޭނުންވާ ކަމަށެވެ. މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ އެހެން ޕޯލްއަކަށް ހިޔާލު ހުށަހެޅި 59 ޕަސަންޓް މީހުން ބުނަނީ ގޭމްސް ކެންސަލް ކުރަން ޖެހޭނެ ކަމަށެވެ. 39 ޕަސަންޓް މީހުން ތާއިދު ކުރަނީ ގޭމްސް ފަސް ކުރުމަށެވެ. ގޭމްސް ބާއްވަން ތާއިދު ކުރާ 23 ޕަސަންޓް މީހުން ބުނަނީ ގޭމްސް ކުރިއަށް ގެންދަން ޖެހޭނީ ސަޕޯޓަރުން ނުވައްދާ ކަމަށެވެ.

ޖަޕާންގެ ޓެނިސް ކުޅުންތެރިޔާ، ނައޯމީ އޮސަކާ ބުނީ، ގޭމްސް ކުރިއަށް ދާނެތޯ ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ.

"އަހަރެން ބޭނުން އޮލިމްޕިކްސް ކުރިއަށް ދާން. އެކަމަކު އަހަންނަށް ހީވަނީ އެއަށް ވުރެ މާ މުހިންމު ކަންކަން މިދިޔަ އެއް އަހަރު ތެރޭ ހިނގައިފި ހެން،" ދުނިޔޭގެ އަންހެން ރޭންކިންގެ ދެ ވަނަ ކުޅުންތެރިޔާ ބުންޏެވެ. "ހީނުކުރާ ގޮތަށް ގިނަ ކަންކަން ހިނގައިފި. އާންމުން ތިބީ ރިސްކެއްގައި. އެހެންވީމަ ހަމަގައިމު ވެސް އެކަމާ ބެހޭގޮތުން މަޝްވަރާ ކުރާނެ. އަހަންނަކީ ހަމައެކަނި އެތުލީޓެއް. ނިންމާނީ ކޮން ގޮތެއް ކަމެއް އަހަންނަކަށް ނޭނގެ."