11 މެއި 2021 - 12:32

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް އަދި ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު، މާލެ އިން ރ. މަޑުއްވަރި އަށް ދިޔަ މީހާގެ ނަތީޖާ ބަލައި ނުގަންނަ ކަމަށް އަންގައި، އޭނާގެ ފަރާތުން ބަލި ފެތުރިިދާނެ ކަމުގެ ބިރަށް އެ ރަށަށް އަރައިފޭބުން މަނާކޮށްފި އެވެ. އެކަމަކު އެޗްޕީއޭ އިން އެ ގޮތަށް ނިންމީ އޭނާ މަޑުއްވަރީގައި އުޅޭތާ ހަ ދުވަސް ފަހުންނެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް، މަޑުއްވަރީ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޒުވާނާ ރަށަށް ދިޔައީ، ވެކްސިން ފުރިހަމަކޮށް، 14 ދުވަހުގެ މުއްދަތަކަށް ފަހު، ރަށުގައި ކުޅޭ ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމަށް އެޗްޕީއޭގެ ހުއްދައާ އެކުގައި ކަމަށެވެ. އޭރު އަދި ކަރަންޓީނު ނުވެ ރަށް ރަށަށް ދިއުމަށް އެޗްޕީއޭ އިން ދިން ލުއިތައް މެދު ކަނޑައެއް ނުލަ އެވެ.
އެ މީހާ ރަށަށް ދިއުމުގެ ކުރިން ތިން ފަހަރު ކޮވިޑަށް ޓެސްޓު ކުރި ކަމަށް ވެ އެވެ. އެންމެ ފުރަތަމަ، މިދިޔަ އޭޕްރީލް 27 ގައި ނެގި ޓެސްޓުގެ ނަތީޖާއެއް ނުލިބުނެވެ. އެކަމަކު، އޭގެ ދެ ދުވަސް ފަހުން ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. ޖެހިގެން އައި، 29 ވަނަ ދުވަހު ވެސް އެ ޒުވާނާ ޓެސްޓު ހެދި އިރު އޭގެ ނަތީޖާއަކަށް ލިބުނީ ނެގެޓިވް އެވެ.
ކައުންސިލުން ބުނިގޮތުގައި "ހާލު ބެލުން" ޕޯޓަލް މެދުވެރިކޮށް، ހުއްދަ ހޯދައިގެން އޭނާ މަޑުއްވަރި އަށް ދިޔައީ މެއި ހަތަރެއްގަ އެވެ. މުބާރާތުގައި ކުޅެ، ގިނަ ބަޔަކާ ކޮންޓެކްޓްވި އެވެ. ނަމަވެސް ރަށަށް ދިޔަތާ ހަތަރު ދުވަސް ފަހުން، އޭނާގެ ހާލު ބެލުމަށް އެޗްޕީއޭ އިން ގުޅި ކަމަށާއި ނަތީޖާ ނެގެޓިވް ކަމަށް ބުނުމުން، ކަރަންޓީނުވެ، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅުމަށް ނާންގާ ކަމަށް، އެ ޒުވާނާއާ ހަވާލާދީ ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ ކަންބޮޑުވުމަކީ، އެ ޒުވާނާގެ ނަތީޖާ ގަބޫލު ނުކުރާ ކަމަށް، ރަށުގައި އުޅޭތާ ހަ ދުވަސް ފަހުން އެޗްޕީއޭ އިން އެންގުމެވެ. އޭނާގެ ފަރާތުން ބަލި ފެތުރިދާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ބަލައި، އޭނާ އާއި ކޮންޓެކްޓުވި ހުރިހާ އެންމެން ކަރަންޓީނަށް ލައި، މިހާރު އޮތީ ރަށް މޮނިޓަރިންގަ އެވެ.
"ކޮންމެ ސަބަބަކާ ހުރެ ވެސް ކޮވިޑަށް ޕޮޒިޓިވް މީހުން، ކަރަންޓީނު ނުވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަކީ ބަލައިގަންނަ ކަމެއް ނޫނެވެ. އަދި އޭނާގެ ނެގެޓިވް ނަތީޖާ އެޗްޕީއޭން ބަލައި ނުގަންނަ ނަމަ ދަތުރުކުރުމުގެ ހުއްދަ ދެވިގެން ނުވާނެ އެވެ،" މަޑުއްވަރީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.
އެޗްޕީއޭގެ ފަރުވާކުޑަ އެ އަމަލާ ގުޅިގެން، މަޑުއްވަރި އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ކައުންސިލުން ބުންޏެވެ. ޒުވާނާއާ ކޮންޓެކްޓުވި މީހުން ގިނަ ކަމަށާއި ރަށުގައި ބަލި ފެތުރިއްޖެ ނަަމަ ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.