12 މެއި 2021 - 09:39

ބޮލީވުޑްގެ ބަތަލާ ހެލެން ކުރުކޮށް ސިފަކުރާ ނަމަ ބުނަން ޖެހޭނީ އޭނާ އަކީ ހިންދީ ސިނަމާގެ ފުރަތަމަ "އައިޓަމް ގާލް" ކަމަށެވެ. މިހާރު އުމުރުން 82 އަހަރުގެ ހެލެން އަކީ ހިންދީ ސިނަމާގެ ރަންޒަމާނުގައި ބިއުޓީ އާއި ގްލެމާ އާއި ނެށުން ގެނެސްދިނުގައި ލާމަސީލު ފަންނާނެކެވެ.
އޭނާގެ ކެރިއަރުގައި އެތައް ފިލްމެއްގެ، އެތައް އައިޓަމް ލަވައެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް ކެބަރޭ ސްޓައިލްގެ ނެށުންތައް ފެނިގެންދާ ލަވަތައް ހިމެނެ އެވެ. ނެށުމުގައި ދައްކައިލި އާދަޔާހިލާފު ހުނަރުގެ ސަބަނުން ހެލެން އަކީ މިހާރުގެ ބަތަލާއިން ވެސް ނަމޫނާއަކަށް ބަލާ އަދި މެންޓޯއެއްގެ ގޮތުގައި ވެސް ދެކޭ ފަންނާނެކެވެ.
އޭނާ ކުޅުނު އައިޓަމް ލަވަތަކުގެ ތެރެއިން އަމީތާބް ބައްޗަންގެ 1978 ގެ ފިލްމު "ޑޮން" ގެ ލަވަ "ޔޭ މެރެ ދިލް ޕިޔާރު ކާ ދީވާނާ" އަކީ އެ ފިލްމުގެ ރިމޭކް 2006 ގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން އިރު ކަރީނާ ކަޕޫރް އެ ލަވައިގެ އާ ވާޝަނުގައި ހެލެންގެ ބަނޑިތައް ނަމޫނާއަކަށް ބެލި ލަވައެކެވެ. މިފަދަ އެތައް ލަވައެއް ހެލެންއާ ގުޅިފައި އެބަހުއްޓެވެ.
އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ޑާންސް ޝޯތަކަށް މެހުމާނެއްގެ ގޮތުގައި އާންމުކޮށް ގެންނަ އެއް ފަންނާނަކީ ހެލެން އެވެ. ސަބަބަކީ އޭނާ އަށް ޓްރިބިއުޓް ދީގެން ނޫނީ އެފަދަ ޝޯތައް ފުރިމަނުވާތީ އެވެ.
ހެލެން ފިލްމީ ދާއިރާއާ ގުޅުނީ ވަރަށް ހަގު އުމުރުގަ އެވެ. އޭނާ އަކީ ބަރުމާ އަށް އުފަން މީހެކެވެ. އިންޑިއާ އަށް ދެވުނީ އެ ގައުމަށް ޖަޕާނުން އަތްގަދަކުރުމުން ހިނގަމުން ދިޔަ ހަމަނުޖެހުންތަކާ ހެދި އެވެ. ހެލެންގެ ބައްޕަ އަކީ އިންޑިއާ މީހެކެވެ. މަންމަ އަކީ ބަރުމާ މީހެކެވެ.
ހެލެން ވަރަށް ކުޑައިރު ކިޔެވުން ހުއްޓާލައި މަސައްކަތްކުރަން ޖެހުނެވެ. އާއިލާގެ ފޯރުތެރިކަން ކުޑަވުމުން އާއިލާ ކައިބޮއި ހަދާނެ ގޮތެއް ހޯދަން މަޖުބޫރުވުމުން ކިޔެވުން ދޫކޮށްލައި އޭނާ މަސައްކަތް ކުރަން ފެށި އެވެ. އެގޮތުން ފިލްމުތަކުގައި ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރަން ފެށި އެވެ. އެ ދުވަސްވަރު ހެލެންގެ ހަރަކާތްތައް ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި އާވާރާ (1951) އަދި އަލިފު ލައިލާ (1952) އަދި ޗަލްތީ ކާ ނާމް ގާޅީ (1958 ހިމެނެ އެވެ.
ފިލްމު ހައުރާ ބްރިޖް (1958) އިން ފުރުސަތު ލިބުނު އިރު ހެލެންގެ އުމުރުން 19 އަހަރެވެ. ނެށުންތެރިއެއްގެ އޭނާގެ ވިދުން ގަދަކޮށްލި ފިލްމަކީ އެއީ އެވެ. އެ ފިލްމުގެ މަޝްހޫރު ލަވަ "މޭރާ ނާމް ޗިން ޗިން ޗޫ" އަކީ ހެލެންގެ ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ދިޔަ ލަވައެކެވެ. އޭގެ ފަހުން ފަސްއެނބުރި ބެލުމެއް ނެތެވެ. ހިންދީ ސިނަމާގެ އައިކޮނިކް އެތައް ލަވައެއް ހެލެން ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "އާ ޖާނޭ ޖާ"، "ޕިޔަ ތޫ އަބް ތޮ އާޖާ"، "ކަރް ލޭ ޕިޔާރު"، "މެހެބޫބާ މެހެބޫބާ" އަދި "އޯ މުގުޅާ" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.
ހެލެންގެ ކެރިއަރުގައި މިހާތަނަށް 700 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ ސަޕޯޓިން ބަތަލާގެ ރޯލު ކުޅުނު ބައެއް ފިލްމުތައް ވެސް ހިމެނެ އެވެ. ހެލެން އަށް ދެ ފިލްމުފެއާ އެވޯޑް ލިބިފައިވެ އެވެ. އެއީ ލަހޫ ކޭ ދޯ ރަންގް (1980) އިން ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި 1999 ގެ ފިލްމުފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.
ހެލެން އެންމެ ފަހުން ފެނިފައި ވަނީ ކަރީނާގެ 2012 ގެ ފިލްމު "ހެރޮއިން" ގެ ރޯލަކުންނެވެ.
ހިންދީ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށް އިންޑިއާ ސަރުކާރުންދޭ މަތީ ޝަރަފުގެ ތެރޭގައި ހިމެނޭ ޕަދުމާ ޝްރީ ވެސް 2009 ގައި ހެލެން އަށް ލިބިފައިވެ އެވެ.
ހެލެން އަކީ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ދޮންމަންމަ އެވެ. އޭނާގެ ބައްޕަ ސާލިމް ޚާނާއި ހެލެން ކައިވެނިކުރީ 1981 ގަ އެވެ. އެ ކައިވެންޏަށް ދަރިޔަކު ނެތެވެ. ސަލްމާންގެ މުޅި އާއިލާ ވެސް ހެލެން ދެކެ ވަރަށް ލޯބި އެވެ. އޭނާ އުޅެނީ ވެސް އެ އާއިލާއާ އެކީގަ އެވެ. ސަލްމާނާ އެކު ވެސް ހެލެން މަސައްކަތްކޮށްފައިވެ އެވެ. އެއީ 1999 ގެ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގަ އެވެ. ސާލިމްގެ ހުރިހާ ދަރިން ވެސް ހެލެން ދެކެނީ އަމިއްލަ ދަރިން ގޮތަށެވެ.
ސާލިމާ ކައިވެނިކުރުމުގެ ކުރިން އެންމެ ޒުވާން އުމުރުގައި ވެސް ހެލެން ކައިވެންޏެއްކުރި އެވެ. އެއީ 1957 ގައި ޑައިރެކްޓަރު ޕްރޭމް ނަރަން އަރޯރާއާ އެވެ. އެ ކައިވެނި ރޫޅުނީ 1974 ގަ އެވެ.
ހެލެން ހިންދީ ސިނަމާ އަށް ކޮށް ދީފައި ހުރި މަސައްކަތްތަކަށް ބަލާ އިރު ބުނެވެން އޮތީ އެއީ ދުވަހަކު ވެސް ފަނޑުނުވާނެ ނަމެއް ކަމެވެ. ނެށުމުގެ ވާހަކަ ހިންދީ ފިލްމު އިންޑަސްޓްރީގައި ދެކެވޭހާ ހިނދަކު ހެލެންގެ ނަމަކީ ދިރިދިރި އޮންނާނެ ނަމެކެވެ. އެއީ ހުނަރާއި ބުރަ މަސައްކަތާއި މަސައްކަތުގެ އަހުލާގުގެ ނަތީޖާ އެވެ.