11 މެއި 2021 - 10:40

އިސްލާމީ ގައުމުތަކުގެ ޢާންމު އުސޫލުން، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގައި ވެސް، ދޭދޭ މުސްލިމް ގައުމުތަކުގެ މެދުގައި ދެ ދުވަހުގެ ތަފާތެއް އެބަ ހުއްޓެވެ. ރާއްޖެ އާއި އިސްލާމީ ގިނަ ޤައުމުތަކުން މިއަހަރުގެ ރޯދަމަސް ފެށީ، މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. ނަމަވެސް އަވައްޓެރި ޕާކިސްތާނާއި ބަނގްލަދޭޝް އަދި އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ރޯދަ މަސް ފެށީ، އޭގެ އެއް ދުވަސް ފަހުން، އޭޕްރީލް 14 ވަނަ ދުވަހުއެވެ.

ރާއްޖެއާ އެކީ ރޯދަ މަސް ފެށި ޤައުމުތަކަށް މިއަދަކީ ރޯދަ މަހުގެ 29 ދުވަހެވެ. އެހެންކަމުން އެޤައުމުތަކުން މިހާރު ތައްޔާރުވަމުން އެދަނީ، މިއަދުގެ އިރު އޮއްސުމަށް ފަހުގައި ޢީދަށް ހަނދު ބެލުމަށެވެ. އެގޮތުން، ސަޢޫދީ ޢަރަބިއްޔާގެ ހައި ކޯޓުން މިހާރުވަނީ، ޢީދަށް ހަނދު ބަލަން ނުކުތުމަށް ޢާންމު ދަޢުވަތެއް ނެރެފަ އެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ދިނުމަށް ވަނީ އެދިފަ އެވެ.

މިއަދުގެ އިރު އޮއްސުމަށް ފަހުގައި، ހަނދު ފެންނާނެތޯ ނުވަތަ ނުފެންނާނެތޯ ކަނޑައެޅުމުގެ ކުރިން، މިއަދުގެ އިރު އަރައިގެން އޮއްސުމާ ހަމައަށް، އިރު ހަނދާއި މިބިމުގެ ދައުރުވުން ހުރި ގޮތުގެ މައްޗަށް ބަލައިލުން މުހިންމެވެ. މިއަދުގެ އިރު އޮއްސޭއިރު ރަމަޟާން މަސް ނިމޭކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ އޭރުންނެވެ.
ހަނދު ބަލަނީ، ދީނީ އަޅުކަމެއްގެ ނިމުމާއި، އެހެން އަޅުކަމެއްގެ ފެށުން ދެނެގަތުމަށްޓަކައި، މައްސަރެއްގެ ފެށުމާއި ނިމުން ކަނޑައެޅުމަށްޓަކައި ކަމަށް ވާތީ، އިސްލާމީ ޝަރުޢީ މިންގަނޑުން، މައްސަރެއްގެ ފެށުމާއި ނިމުން އޮތީ ކިހިނެއްތޯ ބަލައިލުންވެސް މުހިންމެވެ.
އިސްލާމީ ޝަރުޢީ މަޞްދަރުތަކުން ސާބިތުވާ ގޮތުގައި، މައްސަރެއްގައި އޮންނާނީ އެންމެ މަދުވެގެން 29 ދުވަހެވެ. އެންމެ ގިނަވެގެން 30 ދުވަހެވެ. އެހެންކަމުން ކޮންމެ މަހެއްގައި ވެސް މަދުވެގެން 29 ދުވަސް ހަމަވާންޖެހެ އެވެ. އަދި ބައެއް މައްސަރުތަކުގައި 30 ދުވަހެވެ.
މި ނުކުތާއަށް ރިޢާޔަތްކުރާއިރު، ހިނގަމުން މިދާ ރަމަޟާން މަސް، ފަލަކީ ގޮތުން ފެށުނީ (ޝަޢުބާން މަސް ފެށުނު ހިނދުން ފެށިގެން ބިމުގެ ވަށައިގެން، ހަނދު ޖަހަމުން ދިޔަ ބުރު ފުރިހަމަވީ، ނުވަތަ އިރާއި ހަނދާއި ބިން އެއްއުއިވީ)، ހުސްވި އެޕްރީލް މަހުގެ 12 ވަނަ ދުވަހު، ޖީއެމްޓީ ގަޑިން 02:30ގަ އެވެ. އެއީ އެ ދުވަހު ރާއްޖޭ ގަޑިން ހެނދުނު 07:30 އެވެ.
އެހެންކަމުން، މިއަދުގެ ހެނދުނު 07:30 އަށް، ރަމަޟާން މަހުގެ ހަނދުގެ ޢުމުރުން ބަރާބަރު 29 ދުވަސް ފުރިހަމަވީ އެވެ. ޝަރުޢީ މިންގަނޑުން ބަލާއިރު، ހަނދު މަހެއް ފެށެނީ، ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހުގައި، އައު ހަނދު އުފަންވެއްޖެ ކަން، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންނެވެ.
މިއަދުގެ އިރު އެރުމުގެ، 27 މިނެޓް ކުރިން، ފަތިހު 05:28 ގައި ހަނދު އަރައިފި އެވެ. އިރު އެރީ ހެނދުނު 5:53ގަ އެވެ. އެހެންކަމުން އިރު އެރި އިރުވެސް، ހަނދު ހުރީ، އިރުމަތީ ފަރާތު އުދަރެހުން 5 ދަރަޖަ އުހުގައެވެ. އޭގެ މާނައަކީ، މިއަދުގެ ދުވާލު ފެށުނުއިރުވެސް، އިރަށް ވުރެ ހުޅަނގު ފަރާތު އުދަރެހާ ކައިރީގައި ހުރީ ހަނދެވެ. އެހެންކަމަށް ވާނަމަ، އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސުމުގެ ފުރުޞަތު ބޮޑުވާނެ އެވެ.
ދެން އޮތީ އައު ހަނދު އުފަންވާ ވަގުތެވެ. އައު ހަނދު އުފަންވާ ވަގުތަކީ، އިރުގެ ވަށައިގެން މިބިން ބުރު ޖަހަމުންދާ ދިޔުމުގައި، އަދި ބިމުގެ ވަށައިގެން ހަނދު ބުރުޖަހަމުންދާ ދިޔުމުގައި، އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އަންނަ ވަގުތެވެ. އެއީ އިރުގެ އެތެރޭގެ މެދުން، މިބިމުގެ އެތެރޭގެ މެދަށް ދަމައިލެވޭ ސީދާ ރޮނގުގެ މެދަށް ހަނދު ވަންނަ ވަގުތެވެ.
މިގޮތަށް އިރާއި ހަނދާއި ބިން އެއް މިސްރާބަކަށް އަންނަ އައުމަށް، "އެއްއުއިވުން" ނުވަތަ ޢަރަބި ބަހުގައި އިޤްތިރާން ވުމޭވެސް ކިޔައެވެ. އިނގިރޭސި ބަހުން އެއީ ކޮންޖަންކްޝަން ވުމެވެ.
އެހެންކަމުން މައްސަރެއް ފުރިހަމަވަނީ، އެއްއުއިވާ ވަގުތުން ފެށިގެން، ބިމުގެ ވަށައިގެން ހަނދު ބުރެއް ފުރިހަމަކޮށް، އަނެއްކާ އެއްއުއި ވުމުންނެވެ.
މި ލިޔުމުގެ ކުރީކޮޅުގައި ދެންނެވި ފަދައިން، މިހިނގާ ރަމަޟާން މަސް ފެށުނީ، ހުސްވި އެޕްރީލް މަހުގެ 12 ވަނަ ދުވަހު، ރާއްޖޭ ގަޑިން ހެނދުނު 07:30ގަ އެވެ. އަދި މިއަދުގެ ހެނދުނު 07:30 އަށް، ރަމަޟާން މަހުން 29 ދުވަސް ފުރިހަމަ ވިޔަސް، މިބިމުގެ ވަށައިގެން، ހަނދު ޖަހަމުންދާ ބުރު ފުރިހަމަވާ ނުކުތާއަށް ހަނދެއް ނުފޯރަ އެވެ.
މިއަދުގެ އިރު އޮއްސޭއިރު، ހަނދުގެ އުމުރުން ވެފައި ހުންނާނީ 29 ދުވަހާއި 10 ގަޑިއިރާއި 42 މިނެޓެވެ. މިބިމުގެ ވަށައިގެން ހަނދު ޖަހަމުން ދާ ބުރު ފުރިހަމަވާ ނުކުތާއަށް ހަނދު ފޯރާނީ، ޖީއެމްޓީ ގަޑިން މިއަދުގެ 19:00ގަ އެވެ. އެއީ، ރާއްޖޭ ގަޑިން، މިރޭގެ ދަންވަރު 00:00 އެވެ. މިއިން އެނގެނީ، މިއަދުގެ އިރު އޮއްސޭއިރު، އައު ހަނދު އުފަން ނުވާ ކަމެވެ. އެހެންކަމުން، ދެން ބަލައިލަން ޖެހެނީ، މިއަދުގެ އިރު އޮއްސޭ ވަގުތަށާއި ހަނދު އޮއްސޭ ވަގުތުގައި ހުރި ތަފާތަށެވެ.
ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓް ކުރިން ހަނދު އޮއްސެއެވެ. ހދ. މަކުނުދު އަށް 13 މިނެޓް އަދި ވެރިރަށް މާލެއަށް ވެސް 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ދެކުނުން އައްޑޫ ސިޓީގެ ހިތަދުއަށް ވެސް އިރު އޮއްސުމުގެ 12 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދުގެ ހަނދު އޮއްސޭނީ ހުޅަނގު މިސްރާބުން 285 ދަރަޖައަށެވެ. އިރު އޮއްސޭނީ ހަނދަށް ވުރެ ތިން ދަރަޖަ އުތުރުން، 288 ދަރަޖައަށެވެ.
އެންމެ އިރުމަތީގައިވާ އިސްލާމީ ޤައުމުތަކުގެ ތެރެއިން ބުރޫނާއީ ދާރުއްސަލާމަށް، މިއަދުގެ އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އިންޑޮނީޝިޔާގެ ޖަކާޓާއަށް ވެސް، އިރު އޮއްސުމުގެ 15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
މެދުއިރުމަތިން، ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް، މިއަދުގެ އިރު އޮއްސުމުގެ 12 މިނެޓް ކުރިން، އަދި މިސްރުގެ އިސްކަންދަރިއްޔާ އަށް، 13 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ތުރުކީގެ އިސްތަންބޯލަށް ވެސް، އިރު އޮއްސުމުގެ 15 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
އެންމެ ހުޅަނގުން މޮރޯކޯގެ ވެރިރަށް ރަބާޠަށް، މިއަދުގެ އިރު އޮއްސުމުގެ 7 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ސެނެގޯލްގެ ޑަކާރްއަށް މިއަދުގެ އިރު އޮއްސުމުގެ 3 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.
މިދެންނެވި ފަލަކީ ހިސާބުތަކަށް ބެލުމުން އެނގެނީ، މިއަދުގެ އިރު އޮއްސުމުގެ، ގާތްގަނޑަކަށް 2 މިނެޓާއި 20 މިނެޓާ ދެމެދުގެ ކުރީގެ ވަގުތެއްގައި، އިސްލާމީ ހުރިހާ ޤައުމަކަށް ވެސް ހަނދު އޮއްސޭ ކަމެވެ. އެހެންކަމުން، މިއަދުގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެ އެވެ. އުޑުމަތީގައި ނެތް ހަނދެއް ފެނުމަކީ މުސްތަޙީލު ކަމެކެވެ.
* އެޑިޓަރުގެ ނޯޓް: އަހުމަދު އަބްދުﷲ ސައީދަކީ "ހަވީރު" އާއި "މިހާރު" ގެ އިސް މަގާމުތަކެއް އަދާކުރެއްވީ ކުޅަދާނަ ލިއުންތެރިއެކެވެ. އޭނާ ވަނީ އެކި ދާއިރާތަކުން ގިނަ ލިއުންތަކެއް ލިއުއްވައިފަ އެވެ. އެގޮތުން ފަލަކީ އިލްމާއި ރޯދަ އާއި އީދުގެ ހަނދު ބެލުމާ ބެހޭ ގޮތުން ދިރާސާކުރައްވައިގެން ލިއުއްވަ އެވެ. އަހުމަދު މިހާރު މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ.