ރެއާލްގެ މެޗު ބަލަންވީމާ ވަރަށް ހާސްވޭ: ކޫމަން
ރެއާލްގެ މެޗު ބަލަންވީމާ ވަރަށް ހާސްވޭ: ކޫމަން

ވެލެންސިއާ (11 މެއި) - ރެއާލް މެޑްރިޑްގެ ގެ މެޗުތައް ބަލަންވީމަ ވަރަށް ބޮޑަށް ހާސްވާ ކަމަށް، ވާދަވެރި ބާސެލޯނާގެ ކޯޗް ރޮނަލްޑް ކޫމަން ބުނެފި އެވެ.

ލަ ލީގާއި މިރޭ، ބާސާ ނުކުންނާނީ ލެވަންޓޭ އާ ދެކޮޅަށެވެ. އެ މެޗާ ގުޅިގެން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވެސް އެންމެ ބޮޑު މައުލޫއަކަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ސެވިއްޔާ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، ސެވިއްޔާއަށް ޕެނަލްޓީ ދިން ގޮތާމެދު ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ފާހަގަކުރި މައްސަލަ އެވެ.

ކޫމަން ބުނީ، ރެއާލް އިން އެކަމާ ބެހޭގޮތުން ޝަކުވާ ކުރުމަކީ އެ ޓީމާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. އޭނާ ބުނީ ހޭންޑް ބޯލް ކަނޑައަޅާނެ ގޮތާމެދު ރެފްރީން ވެސް ތިބެނީ ޝައްކުގެ މަތީގައި ކަމަށެވެ. އަދި ކޯޗުންނާއި ކުޅުންތެރިންނަށްވެސް އެހާ ބޮޑަށް އެކަން އޮޅުން ނުފިލާ ކަމަށް ކޫމަން ބުންޏެވެ.

"މެޑްރިޑްގެ މެޗުގެ ފުރަތަމަ 20 މިނެޓް އަހަރެން ބެލިން. ހާސްވާ ވާރުން ދެން އަހަންނަށް އެ މެޗެއް އިތުރަކަށް ނުބަލަން،" ކޫމަން ބުންޏެވެ. "ދެން ޗެނަލް ބަދަލުކުރީ މިލާން އާއި ޔުވެންޓަސް މެޗަށް. އަހަރެން މާބޮޑަށް ބަލަން ބޭނުންވޭ އެހެން މެޗުތައް. އަހަންނަށް މުހިންމު ވަނީ މެޑްރިޑްގެ މެޗުގެ ނަތީޖާ."

ލަލީގާއި ރެއާލް އާއި ބާސާއަށް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. އެހެންނަމަވެސް ހެޑް ހެޑުން ބާސާގެ މައްޗަށް ރެއާލް ކުރި ހޯދާފައި ވުމުން ތާވަލުގައިވެސް ބާސާގެ މައްޗަށް ކުރި ލިބެނީ ރެއާލް އަށެވެ. އެއް ވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ އެ ދެ ޓީމުގެ މައްޗަށް ދެ ޕޮއިންޓް ލީޑެއް ހޯދައިގެންނެވެ.

ބާސާގައި ކޫމަންގެ ކުރިމަގާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނީ، އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ނުދެއްކޭ ކަމަށެވެ. އަދި ބާސާގެ ބޯޑުގެ އިތުބާރު އޭނާގެ މައްޗަށް އެބައޮތް ކަމަށްވެސް ކޫމަން ބުންޏެވެ.