ކައިވެނި ކުރިޔަސް ވަރުންގެ މިޒާޖު ބަދަލެއް ނުވޭ: ކްރިތީ
ކައިވެނި ކުރިޔަސް ވަރުންގެ މިޒާޖު ބަދަލެއް ނުވޭ: ކްރިތީ

އެކްޓަރު ވަރުން ދަވަން އަކީ މިހާރު ކައިވެނިކޮށް ހުރި އެކްޓަރަކަށް ވިޔަސް އެކީގައި މަސައްކަތްކުރި އިރު މާ ބޮޑު ތަފާތެއް އޭނާގެ ފަރާތުން ނުފެންނަ ކަމަށް ބަތަލާ ކްރިތީ ސެނަން ބުނެފި އެވެ.

ކްރިތީ އަކީ ވަރުންގެ ކައިވެންޏަށް ފަހު ޝޫޓްކުރި ފުރަތަމަ ފިލްމު "ބޭޅިޔާ" ގެ ބަތަލާ އެވެ. އެ ފިލްމުގެ ވަރަށް ބޮޑު ބައި މިދިޔަ މަހުގެ ތެރޭގައި ނިންމައިލީ އަރުޗަނަ ޕްރަދޭޝްގަ އެވެ. "ބޭޅިޔާ" އަކީ ކާމިޔާބު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޑައިރެކްޓަރު އަމަރް ކޯޝިގްގެ މޯންސްޓާ-ކޮމެޑީއެކެވެ.

ވަރުން ލޯބިވެރިޔާ ނަތާޝާ ދަލާލްއާ ކައިވެނިކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 24 ގަ އެވެ. "ބޭޅިޔާ" ގެ ޝޫޓިން އަށް ވަރުން ދިޔައީ އަންހެނުން ވެސް ގޮވައިގެންނެވެ.

އެ ފިލްމުގެ ޝޫޓިންގެ ތަޖުރިބާއާ ބެހޭ ގޮތުން ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން ކްރިތީ ބުނީ ކައިވެނި ކުރުމަކުން މަސައްކަތުގެ ތެރެއިން ވަރުންގެ ފަރާތުން މާ ބޮޑު ބަދަލެއް ނުފެންނަ ކަމަށާއި އެއީ ހަމަ ކުރީގެ ވެސް ސަކަ މިޒާޖުގެ ވަރުން ކަމަށް ބުންޏެވެ.

"އެކަމަކު ކުރިއަށް ވުރެ މިހާރު ތަންކޮޅެއް މެޗްއަކަމަށް ފާހަގަކުރެވޭ." މިދިޔަ މަހު 34 އަހަރު ފުރުނު ވަރުންއާ ބެހޭ ގޮތުން ކްރިތީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވަރުން އަކީ އެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ، ކަންކަމުގައި އަބަދު ވެސް ވަރަށް އެއްބާރުލުންދޭ އެކްޓަރެކެވެ. އެހެންވެ ވަރުންއާ އެކު މަސައްކަތްކުރަން ވަރަށް ގަޔާވާ ކަމަށް ބުންޏެވެ.

"ބޭޅިޔާ" އަކީ ދެ ތަރިން އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. ވަރުން އާއިި ކްރިތީގެ ޖޯޑު އެކީގައި ފެނުނު ފުރަތަމަ ފިލްމަކީ ޝާހްރުކް ޚާނާއި ކާޖޮލްއާ އެކު ކުޅުނު ޑައިރެކްޓަރު ރޯހިތު ޝެޓީގެ 2015 ގެ "ދިލްވާލޭ" އެވެ.

"ބޭޅިޔާ އަކީ ޖޯންރާގެ ގޮތުން ވެސް ދިލްވާލޭއާ ވަރަށް ތަފާތު ފިލްމެއް. ޔަގީނުން ވެސް ބެލުންތެރިން ވަރަށް އުންމީދުނުކުރާ ކަހަލަ ފިލްމަކަށް އެ ފިލްމު ވާނެ." ކްރިތީ ބުންޏެވެ.