11 މެއި 2021 - 00:16

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓަށް، އެ މައްސަލަ ދިރާސާކުރާ ޖޮއިންޓް ކޮމިޓީން ބަދަލު ގެންނަ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު މިރޭ ތުހުމަތު ކުރައްވައިފަ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އުނި އިތުރު ނުގެނެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓު އާއްމުކުރަންޖެހޭ ކަމަށެވެ. ބޭނުން ނަމެއް އިތުރުކޮށް އުނިކޮށް ހެދުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެކަން ތަފްސީލު ކޮށްދެއްވައި ސައީދު "މިހާރު" އަށް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މުހައްމަދު ހުސެއިން (އޮއިއްޓެ) މެން ކުޅެން ގެންގުޅޭ އެއްޗަކަށް 241 ކޮމިޓީ ނުހެދޭނެ ކަމަށެވެ. އަދި މޮޑޭ ފުށްގަނޑަކަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު އެހެން ވިދާޅުވިއިރު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އަންނަނީ އެ ލިސްޓު ދިރާސާކުރަމުންނެވެ. ނަމަވެސް ކޮމިޓީން މިދިޔަ ހޮނިހިރު ދުވަހު ނިންމީ އެ މައުލޫމާތު ދިރާސާކުރުމުގައި ވަރަށް ބޮޑަށް ސިއްރު ހިފަހައްޓަައިގެން މަސަައްކަތް ކުރުމަށެވެ. އެގޮތުން ކޮމިޓީގެ މެމްބަރުންނަށް ވެސް މަޖިލީހުން ބޭރަށް މައުލޫމާތު ނުގެންދެވޭނެ އިންތިޒާމު ހަމަަޖައްސަން ފާސްކުރި އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ.
އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދިރާސާކުރުމަށްފަހު އެމްއެމްޕީއާރުސީ ލިސްޓުގައި ތިބި މީހުންގެ ނަންތައް ހާމަކުރާނެ ކަމަށެވެ.
ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން މިހާރު ވެސް ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބި މީހުން މިހާރުން މިހާރަށް ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިރޭ ހުށަހަޅުއްވާފައި ވެ އެވެ.
ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ ލިސްޓުގައިވާ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އަޅަން ކޮމިޓީން މަޖިލީހަށް ރިކޮމެންޑުކުރަންޖެހޭ ކަމަށެވެ.