12 މެއި 2021 - 09:41

އެ މީހުންނާ ދިމާވަނީ އިއްތިފާގަކުން ކަމަށް ހީވިޔަސް ވަރަށް ގިނަ ފަހަރު އެއީ ޓާގެޓްކޮށްގެން، އެ މީހުންގެ ތެރެއަށް ރެކްރޫޓްކުރުމަށް ސެޓްކުރާ ބައްދަލުވުމެވެ. އެކުވެރިއެއްގެ ފަރާތުން، މިސްކިތުން ނުވަތަ އެހެން ގޮތަކުން ވެސް ދިމާވެދާނެ އެވެ. ކޮފީތަކުން، ސައި ހޮޓާތަކުން ދިމާވާން ފަށައި ގުޅުން ވަރަށް ބޮޑަށް ބަދަހިކުރެ އެވެ. މިއީ ރެކްރޫޓްކުރެވޭ މީހާ ވަޒަންކުރުމުގެ މަރުހަލާއެއްގެ ގޮތުގައި ބެލެވެ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ތެރޭ އަހަރުތަކެއް ވަންދެން އުޅުމަށް ފަހު މިހާރު އޭގެ ތެރެއިން ނުކުމެފައިވާ މީހެކެވެ. މި ފިކުރުގެ ތެރެއަށް މީހުން ރެކްރޫޓްކުރާ ގޮތާއި އޭގެ ތެރޭގައި މީހުން ގެންގުޅެ ސިކުނޑި ދޮވެލާ ގޮތް އޭނާ އަށް ގާތުން ފެނިފައިވެ އެވެ.
"އެ މީހުން ބޭނުންވާ ދާއިރާއެއްގައި އުޅޭ މީހަކަށް އެޕްރޯޗްކޮށްފާނެ. ކުށުގެ ވެށީގައި އުޅޭ، ކޮންމެ ކަމެއް ކުރަން ޖެހިލުން ނުވާ މީހުން ހޯދަން އެ މީހުން ވެސް ރެކްރޫޓްކުރޭ. ކުށެއްގައި ބެދި ޖަލަށް ގޮސް އެތަނުން ވެސް މީހުން ރެކްރޫޓްކުރޭ. އެއީ އެތަނުގައި ތިބޭނީ ވަރަށް ބްރޯކް ވެފައި ގޮތް ހުސްވެފައި ތިބި މީހުން ކަމަށް ވާތީ ވަރަށް ފަސޭހައިން އެ މީހުންގެ ބޮލަށް އެރެވޭތީ،" މިކަން ފެށޭ ހިސާބުން ވާހަކަ ދައްކަން ފެށި އެވެ.
ހަރުކަށި، އަނިޔާވެރި އަމަލުތަކުގެ ތެރެއަށް ފަސޭހައިން ވަންނަނީ ތައުލީމީ ގޮތުން މާބޮޑަށް ކުރިއަށް ނުދެވި އަދި ދިރިއުޅުމުގައި މާޔޫސްވާ ފަދަ ކަންކަމާ ދިމާވެ ގޮތް ހުސްވެފައިވާ މީހުން ކަމަށް ވިޔަސް ރަނގަޅަށް ކިޔަވައިގެން ތިބި މީހުން ވެސް މިކަމުގެ ތެރެއަށް ވަދެ އެހެން މީހުންނަށް އަނިޔާވެރިވާ ހިސާބަށް ދެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުން ފަދަ ކަންކަމުގެ ތެރެއަށް ވަދެވިފައި ތިބޭ މީހުންނަށް ވެސް އެ މީހުންގެ އެ އަމަލުތައް ކުރިއަށް ގެންދަމުން އަދި އެ ކަންކަން އެ ވަގުތަށް ހުއްދަ ކަމަށް ވިސްނޭ ފަދަ ގޮތަކަށް ބުނެދެމުން މަޑުމަޑުން ގެންގޮސް މީގެ ތެރެއަށް ވައްދައި ބައްދާލަނީ އެވެ.
ވާހަކަ ކުރުކޮށްލަން ދެން އޭނާއާ ސީދާ މި ސުވާލުކުރީމެވެ؛
"މީހަކު މަރަން ފަސްނުޖެހޭ ހިސާބަށް ވިސްނުން ދަނީ ކިހިނެއް؟،"
"އެ މީހުން އުފައްދާނީ ހޭޓް [ނަފްރަތު]،" އޭނާގެ ޖަވާބު ވެސް އައީ ކުރުކޮށް ވަރަށް ސީދާކޮށެވެ.
އޭނާ ކިޔައިދިން ގޮތުގައި މި ފިކުރު އަށަގެންނެވުމަށް އެ މީހުން ހާއްސަ ފޮތްތަކާއި އެ މީހުން ގަބޫލުކުރާ ޝައިހުންގެ ދަރުސްތައް ވެސް ބޭނުންކުރެ އެވެ. ކިޔަވައިގެން ތިއްބަސް ދީނީ ކަންކަން ރަނގަޅަށް އޮޅުން ނުފިލައި ތިބޭއިރު އެ މީހުން ވިސްނައިދޭ ގޮތުން ގަބޫލުކުރެވެނީ ކިޔެވި އެއްޗެއްގެ ވެސް ބޭނުމެއް ނެތް ކަމަށެވެ. ދުނިޔޭގައި މި އުޅެވެނީ މަގްސަދެއް ނެތި، ބޭކާރު ގޮތުގައި ކަމަށް ވިސްނެ އެވެ. މި ވާހަކަ ކިޔައިދިން ޒުވާނާގެ ވާހަކަތަކަށް ސީރިއާގެ ހަނގުރާމާގައި އުޅޭ ބައެއް ދިވެހިން ދީފައިވާ އިންޓަވިއުތަކުން ބާރު ލިބެ އެވެ.
ސީރިއާ އަށް ގޮސް އެ ގައުމުގައި ހަނގުރާމާގައި އުޅެމުން ދިވެއްސަކު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާ ސީރިއާ އަށް ދިއުމުގެ ކުރިން އުޅުނީ ވަޒީފާގަ އެވެ. ޕްލޭންކޮށްފައި އޮތީ މަތީ ތައުލީމު ހާސިލްކުރާށެވެ. އެކަމަކު އޭނާ ބުނި ގޮތުން ނަމަ އޭގެ ކުރިން އޭނާ އަށް "މާތްﷲ ތެދުމެދު ދެއްކެވީ" އެވެ. އަދި އޭނާ ސީރިއާގެ ބިމުގައި އެ ހުރީ، ސީރިއާގެ ބިމުގައި މުސްލިމުންނާ މެދު އިހާނެތިކޮށް އަމަލުކޮށް އަނިޔާ ދެމުން ދާތީ، ﷲ އެގޮތަށް ބޭނުންވެ ވޮޑިގެންނެވީތީ ކަމަށް ބުންޏެވެ.
"ގައުމު ވަރަށް މިސްވޭ. އެކަމަކު އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްފައި އައިސް މި ހުރީ އެއަށް ވުރެ މާ ރަނގަޅު ގޮތެއް ހޯދަން. މިހާރު އުފާވޭ،" އުމުރުން ފަންސަވީހަކަށް އަހަރުގެ އެ ޒުވާނާ ބުނެ އެވެ.
ކާކުކަން އެނގިދާނެ އެއްވެސް މައުލޫމާތެއް ހާމަ ނުކުރަން ޝަރުތުކޮށް "މިހާރު" އަށް ވާހަކަދެއްކި މީހާ އޭނާގެ ތަޖުރިބާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އެ މީހުން ގެންގުޅުނު އަރަބި ބަހުގެ ފޮތެއް ދިވެހި ބަހަށް ތަރުޖަމާކޮށްގެން. އޭގައި ބޮޑަށް މި އޮންނަނީ ތައުހީދުގެ ބައި. އެކަމަކު އެ ތަރުޖަމާ އަކީ ވަރަށް ބޮޑަށް މެނިޕިއުލޭޓް ކޮށްފައި އޮތް އެއްޗެއްކަން އަަހަންނަށް ފަހުން އެނގުނު. ގުރުއާނުގެ އާޔަތްތަކުގެ މާނަ ވެސް ވަރަށް ލިޓެރަލްކޮށް އަދި ތަންތަންކޮޅުން ބުނެދީފައި ހުންނާނެ،" އޭނާ ތަފްސީލްކޮށްދިނެވެ.
މިސާލެއްގެ ގޮތުން އޭނާ ބުނީ ތައުބާ ސޫރަތުގެ ފަސް ވަނަ އާޔަތުގެ ވާހަކަ އެވެ. އެއީ؛
"حرمة ތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން حصار ކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."
"މި އާޔަތުން ވެސް އެ މީހުން ކިޔައިދެނީ 'ފަހެ، ތިޔަބައިމީހުންނަށް مشرك ން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން قتل ކުރާށެވެ!' ބުނާ ތަންކޮޅު. އެކަމަކު ހަގީގަތުގައި، ގުރުއާނުގެ ތަފްސީރު ބެލުމުން އެނގޭނެ އެއީ ރަސޫލާގެ ޒަމާނުގައި މުސްލިމުންނާއި މުޝްރިކުންނާ ހަނގުރާމައިގެ ހާލަތެއްގައި ތިބި އިރު ސީދާ އެކަމާ ބެހޭ ގޮތުން ބާވައިލެއްވި އާޔަތެއްކަން. އެއީ ފެންނަ ކޮންމެ ޣައިރު މުސްލިމެއް މަރާލުމުގެ އަމުރެއް ނޫން،" ޝައުގުވެރިކަމާ އެކު އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އަދި އޮންނާނެ މީހަކު އިސްލާމްދީނަށްޓަކައި ޖިހާދުކުރަން ދާން އެދޭ ވާހަކަ ކީރިތި ރަސޫލާ އަރިހު ދެންނެވުމުން އެކަމާ ބެހޭ ގޮތުން ކުރެއްވި ހަދީސެއް. އޭގައި އޮންނަނީ އެ މީހާގެ މައިންބަފައިން ދުނިޔޭގައި އެބަ ތިބިތޯ ރަސޫލާ ސުވާލު ކުރެއްވި ކަމަށް. އެ މީހާ ދެންނެވީ، މައިންބަފައިން ދުނިޔޭގައި އެބަ ބިތި ކަމަށް. ދެން ރަސޫލާ ހަދީސް އަމުރު ކުރެއްވީ އެނބުރި ގެއަށް ގޮސް މައިންބަފައިންނަށް ކަމޭ ހިތުމުގައި ދެމި ހުންނަން. އޭރުން ޖިހާދު ކުރުމުން ލިބޭނެ ޘަވާބު ލިބޭނެ ކަމަށް،" އޭނާ ބުނީ މިއީ ޖިހާދުގެ ނަމުގައި ހަނގުރާމަތަކަށް ދާ މީހުންނަށް ހެޔޮ ގޮތް ވިސްނައިދޭން ބޭނުންކުރާ ހަދީސަކަށް ވާތީ އެ ހަދީސް ވެސް އެހެން ގޮތަކަށް ކިޔައިދޭ ކަމަށެވެ.
"އެ މީހުން ބުނަނީ އެ ހަދީސް އެ ހިސާބުން ނިމުނީ ނޫން ކަމަށް. ޖިހާދަށް ދާން ބޭނުންވެގެން ރަސޫލާ އަށް ދެންނެވި މީހާ، ގޮތް ދޫނުކުރައްވައި، ތިމަންނާ ބޭނުންވަނީ ޖިހާދަށް ދާށޭ ބުނި ޖަދަލުކުރެއްވި ކަމަށް. ދެން ހަދީސްކުރެއްވިއޭ ބޭނުން ގޮތެއް ޚިޔާރު ކުރާށޭ،" އެކަމަކު އޭނާ ބުނީ އިސްލާމް ދީން ރަނގަޅަށް އޮޅުންފިލާފައިވާ މީހަކަށް މިއީ ރަނގަޅު ވާހަކައެއް ނޫންކަން އެނގޭނެ ކަމަށެވެ.
ރަސޫލާ ވަކި ގޮތަކަށް އަމުރުކުރެއްވުމުން މުސްލިމަކު އެކަލޭގެފާނާ ޖަދަލުކުރާނެ ކަމަށް ގަބޫލުކުރެވޭތޯ އޭނާ ކުރީ ސުވާލެކެވެ.
މި ވާހަކަތައް ކިޔައިދެމުން ދާއިރު މުސްލިމުންނަށް ލިބޭ އަނިޔާތަކާއި އެކަމާ ބެހޭ ގޮތުން އެ މީހުންގެ "ޝައިޚުން" ގެ ދަރުސްތައް ދައްކަ އެވެ.
"އެ އަޑުއަހާލީމާ ހަމަ ރޮއްވާލާނެ. އެހާ މޮޅަށް ހުންނާނީ. މި ވަނީ ކީއްކަން ނޭނގި ތިއްބާ ވިސްނުން އެނބުރެން ފަށާނެ. އެންމެ ފުރަތަމަ ކޮފީއަކަށް ގޮސް ނުވަތަ އެހެން ދިމާވެލާ ފަހަރަކު ވީޑިއޯއެއް ދައްކާލައި ނުވަތަ ވީޑިއޯއެއް ފޮނުވާލަމުން ގޮސް ދައުވަތު ދޭން ފަށަނީ އެ މީހުންގެ ބޮޑެތި ދަރުސްތަކަށް،" އެކަމަކު އެ ހިސާބަށް އެ ގެންދަނީ ވަރަށް ބޮޑަށް ސްކްރީންކޮށް އެ މީހެއްގެ ފަރާތުން އެ މީހުންނަށް ނުރައްކަލެއް ނެތްކަން ކަށަވަރުކޮށްފަ އެވެ.
މިކަމުގައި ވެސް ވިސްނައިދެނީ ވަރަށް ނުރައްކާތެރިކޮށެވެ.
"މާތް ﷲ ނޫން ފަރާތަކަށް އަހަރެެމެން އަޅުވެތިވާން ނުޖެހޭކަން އަހަރެމެން އެންމެން ވެސް ގަބޫލުކޮށްގެން ތިބޭއިރު މި ބުނަނީ އެ ފަރާތުން އެންގެވި ގޮތް ނޫން އެހެން ގޮތަށް އަމުރުކުރާ މީހާ އަށް ތަބާވެގެން ނުވާނޭ. ދެން ކުރުކޮށް ބުނަންޏާ އެ މީހުން އެ ބުނެދެވީ އިންސާނުންގެ މައްޗަށް އެހެން އިންސާނަކަށް އަމުރެއް ނުކުރެވޭނޭ، އެ އަމުރަށް ތަބާވެއްޖެ މީހާ އަކީ ތާގޫތެއް، ﷲ ނޫން ފަރާތެއްގެ އަމުރަށް ކިޔަމަންވާ މީހެއް،" މި ގިންތި އަށް މީހުން ފައްތާ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދާތީ އެތަނުގެ މެންބަރުންނާއި އެކަމުގައި ބައިވެރިވާ މީހުންނާއި ގާނޫނު ތަންފީޒުކުރާ މީހުންނާއި އެ ގާނޫނުތަކަށް ހުކުމްކުރާ މީހުން ވެސް ފައްތަނީ މީގެތެރެއަށެވެ.
"މިސްކިތުގެ ޖަމާއަތަށް މި ނާރަނީ މި ބުނާ ގިންތީގެ މީހަކު، އެ މީހުން އެ ބުނާ ތާގޫތަކު އިމާމުވެ ނަމާދުކުރާތީ. އެ މީހުން ބުނަނީ އިމާމަކަށް ހުންނަނީ ﷲ ނޫން ފަރާތެއްގެ އަމުރަށް ކިޔަމަންވެ، ފައިސާގެ ބޭނުމުގައި އުޅޭ މީހެއް ކަމަށް،" އޭނާ ބުނީ މިގޮތަށް ވިސްނައިދިނުމުން ފެންނަނީ މުޅިން ވެސް "ކާފަރުން" ކަމަށެވެ.
"ކުފުރުގެ ބިމެއް ކަމަށް ގަބޫލުކުރެވި މިތަން ދޫކޮށް ދިއުމުގެ ވިސްނުން ވެސް ދެން އަންނަން ފަށާނެ. އެ މީހުން ދެކެ ވަރަށް ނަފްރަތު ވެސް ކުރެވޭނެ. އެ މީހުންގެ ކިބައިން ސަލާމަތްވާން ކޮންމެ ކަމެއް ވެސް ކުރަން ޖެހިލުން ނުވާ ހިސާބަށް ދާނެ."
ނުރައްކާ ކަމަކަށް ވަނީ މި ހިސާބަށް ދާއިރު، މި ހަރުކަށި ފިކުރުގެ ތެރެއިން އަމީރުން ނުވަތަ ވެރިންނަށް ތަބާވެވި އެ މީހުންގެ ބަހަށް ކޮންމެ ކަމެއް ކުރާ ހިސާބަށް ދެވިފައި ތިބޭތީ އެވެ. އެ ހިސާބުން، މިވެނި މީހަކީ މަރު ހުއްދަ ވެއްޖެ މީހެކޭ އެ މީހަކު ނައްތާލާށޭ ބުނުމުން އެކަން އެގޮތަށް ހިންގާނެ ގޮތް ހޯދާނެ އެވެ.
"އެ ހެޔޮ ފުރައިގެން އެހެން ގައުމަކަށް ގޮސް ހަނގުރާމަކުރުން ކަމަށް ވިޔަސް، ނުވަތަ މިތަނުގައި ހުރެގެން ވިޔަސް،"
މި ފިކުރުގެ ތެރެއަށް ވަދެވޭ މީހުންނަށް އޭގެ ތެރެއިން ނުކުންނަން އެންމެ އުނދަގޫވާ އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ދީނީ އިލްމު އުނގެނިގެން މި ތިބި ބޭފުޅުންނަކީ އީމާން ކަމަކީ ހަމައެކަނި ބުނެލާ ބަހެއް ކަމުގައި ގަބޫލުކުރައްވާ ބޭފުޅުން ކަމުގައި ވިސްނައިދީފައި އޮތުމެވެ.
"ޖިހާދުގެ ނަމުގައި މި ކުރާ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކާ އިލްމުވެރިންނަށް އެ މީހުން ބުނަނީ އެއީ 'މުރުޖިއާ' އިންނޭ. އެ ބުނަނީ ބަހާއި އަމަލު ދިމާނުވާ ބައެކޭ،" ރަނގަޅު ގޮތް ހޯދަން އޮންނަ މަގު ބަންދުކޮށްލުމުގެ ފުރަތަމަ އުކުޅަކީ މިގޮތަށް ވިސްނައިދީ އެ މީހުން ބުނާ ވަކި ބައެއްގެ ބަސް ނޫނީ ދީނީ ގޮތުން ގަބޫލުކުރިޔަ ނުދިނުމެވެ.
އޭނާ ބުނީ ގަބޫލުކުރަން ޖެހޭނީ ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށް ހަނގުރާމައިގެ މައިދާނުގައި ތިބެ ދީނީ ކަންކަމަށް ގޮވައިލާ އިލްމުވެރިންގެ ވާހަކަ ކަމަށް ވިސްނައިދޭ ކަމަށެވެ. އެކަމަކު އެ މީހުން އެ ބުނާ މީހުންނަކީ ދީނީ ގޮތުން ކޮންމެވެސް ވަރެއް އުނގެނިގެން ތިބި މީހުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެ މީހުންނަށް ވުރެ އިލްމީ ގޮތުން މޮޅު މޮޅު ދީނީ އިލްމުވެރިންނަކީ އެއްވެސް ބައެއް ނޫން ކަމަށް އެ ހިސާބުން އޮންނަނީ ގަބޫލުކުރެވިފަ އެވެ.
"އެހެންވެ މިގޮތަށް ގަބޫލުކުރެވުނީމާ ދެން ކިހާ އުނދަގޫވާނެ ރަނގަޅު ގޮތް ހޯދަން ވެސް،" މިއީ މިކަމުގެ ތެރެއަށް ބޮޑަށް ވަދެމުން ދެން ނުކުންނަށް އުނދަގޫވާ ސަބަބެއް ކަމަށް އޭނާ ކިޔައިދިނެވެ.
"އެއީ އުނދަގޫ ކަމެއް. އަހަންނަށް މިކަމުން ނުކުތުން ވެސް ވީ އުނދަގޫ ކަމަކަށް. ހަރުކަށި ފިކުރުގައި ގޮސް އަނިޔާވެރި ކަންކަން ކުރާ ކުދިންނަށް އެ ވަނީ ކިހިނެއްކަން އަހަންނަށް އިހްސާސްވޭ."